ރާއްޖެއިން އެންމެ ފުރަތަމަ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރ،ާ ފިފާގެ ސެންޗަރީ ކްލަބުގައި ހިމެނުނު ފުރަތަމަ ދިވެހި ކުޅުން ތެރިޔާގެ ގޮތުގައި، ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރު އިމްރާން މުހައްމަދު ހިމެނި، ފުޓް ބޯޅައިގެ ތާރީޚުން އިތުރު ޖާގައެއް ކަށަވަރު ކޮށްފިއެވެ.
ފީފާ އިން އެ އެސޯސިއޭޝަނުގެ ސެންޗަރީ ކްލަބުގައި އިމްރާން ހިމަނާފައި ވަނީ ގައުމީ ޓީމަށް އޭނާ ކުޅެދީފައިވާ 109 މެޗު ބަލައިގަތުމާއި އެކުގައިއެވެ. މިގޮތުން އިމްރާނަކީ، 100 ނުވަތަ އެއަށް ވުރެ ގިނަ 'އޭ" ފެންވަރުގެ ބައިނަލްއަގްވާމީ މެޗު ގައުމީ ޓީމަށް ކުޅެދީފައިވާ ކުޅުންތެރިން ލިސްޓްކުރެވޭ ފީފާ ސެންޗަރީ ކްލަބުގައި ހިމެނުނު ފުރަތަމަ ދިވެހި ކުޅުންތެރިޔާ އެވެ.
ފީފާ ސެންޗަރީ ކުލަބަކީ ގައުމީ ޓީމަށް 100 އަށް ވުރެ ގިނަ މެޗު ކުޅުނު ކުޅުންތެރިންގެ ހިމެނޭ ކެޓަގަރީގެ ލިސްޓެވެ. ފީފާ އިން ބަލައިގަންނަ މެޗުތަކަކީ ވޯލްޑް ކަޕާއި އެ މުބާރާތުގެ ކޮލިފައިން އާއި ސަރަހައްދީ މުބާރާތްތަކާއި އޭގެ ކޮލިފައިން އާއި ސީނިއާ ގައުމީ ޓީމުތަކުގެ މެދުގައި ކުޅެވޭ އެކުވެރިކަމުގެ މެޗުތަކާއި އޮލިމްޕިކްސް އާއި އޭގެ ކޮލިފައިން މެޗުތަކެވެ.
ފީފާ ސެންޗަރީ ކުލަބްގައި ހިމެނުމުގެ ޝަރަފު ލިބުމުން އިމްރާން ކުރި ޓުވީޓެއްގައި ބުނީ މި ލިސްޓުގައި ހިމެނުމަކީ ދިވެހި ފުޓުބޯޅައަށާއި އަދި އޭނާ އަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ. އެކަމަށް ޓަކައި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް(އެފްއޭއެމް) އަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.
Alhamdhulillah. Its an immense pleasure and privilege to be listed in FIFA Century Club, after verification of my 109 Caps for Maldives National football team by @FIFAcom .
A heart full of gratitude to all my supporters who have been the backbone of my career throughout. 2/1 pic.twitter.com/xGt4JASCNp— Imran Mohamed (@ImranMohamed25) July 4, 2020
ޤައުމީ ޓީމަށް 17 އަހަރު ވަންދެން ކުޅުނު އިމްރާނަކީ އެންމެ ގިނަ އިންޓަރނޭޝަނަލް މެޗުތައް ކުޅުނު ދިވެހި ކުޅުންތެރިންގެ ތެރޭ ހިމެނޭ ކުޅުންތެރިއެއްގެ އިތުރުން ޤައުމީ ޓީމުގެ ކާމިޔާބީތަކުގައި ބޮޑު ދައުރެއް އަދާކުރި ކުޅުން ތެރިއެކެވެ.
ދިވެހި ފުޓްބޯޅައިގެ ތާރީޚުން ފަޚުރުވެރި އެތައް ކާމިޔާބެއް އިމްރާން ވަނީ އޭނާގެ 20 އަހަރުގެ ކެރިއަރުގައި ހޯދާފައެވެ. އިމްރާން މިހާރު މަސައްކަތް ކުރަމުން އަންނަނީ އެފްއޭއެމްގެ ކޯޗިން ޑިޕާޓުމަންޓުގައި ޒުވާން ގޯލް ކީޕަރުން ތަމްރީން ކޮށްދިނުމުގައެވެ. ސީނިއާ ގައުމީ ޓީމުގެ އެސިސްޓެންޓް ގޯލްކީޕާ ޓްރެއިނަރެއްގެ ގޮތުންވެސް އޭނާ އަންނަނީ ހަރަކާތްތެރި ވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!