ޤައުމީ އެއާލައިން މޯލްޑިވިއަން އިން މިއަދު ވެސް އިތުރު 200 ބަންގްލަދޭޝްގެ މަސައްކަތްތެރިން އަނބުރާ ގައުމަށް ފޮނުވާލައިފި ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

މޯލްޑިވިއަން އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ ރައްޔިތުންގެ ތެރެއިން އިތުރު 200 މީހަކު ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އަށް ފުރުވާލާފައިވާ ކަމަށާއި އެ މީހުން ފުރާފައި ވަނީ މިއަދު މެންދުރު 12:34 ގައި ކަމަށެވެ.

Ad
rt

ކޯވިޑް19 ރާއްޖޭގައި ފެތުރެން ފެށުމާއިއެކު އެ ބަލި އެންމެ ބާރަށް ފެތުރިފައިވަނީ ބަންގްލަދޭޝް މަސައްކަތްތެރިންގެ މެދުގައެވެ. އެ ހިސާބުން ފެށިގެން ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝް ރައްޔިތުން މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެކިއެކި ފިޔަވަޅުތައް އަޅާފައިވެއެވެ. މިގޮތުން ފޮރިން މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ އަދި ވެސް ކަމާގުޅުން ހުރި މުއައްސަސާތަކުގެ އެހީތެރިކަމާއެކު މޯލްޑިވިއަން އިން އަންނަނީ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ޤަވައިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ މީހުންނާއި އަދި އެނބުރި ޤައުމަށް ދާން ބޭނުން މީހުން ހޯދައި އެ ޤައުމަށް ފޮނުވަމުންނެވެ.

ސަރުކާރުން ވަނީ ބިމާން ބަންގްލަދޭޝް އެއާވޭސްގެ ފްލައިޓަކު އަދި ބަންގްލަދޭޝް އަސްކަރިއްޔާގެ ފްލައިޓެއްގައި ވެސް ދެފަހަރެއްގެ މަތިން އެ ގައުމުގެ ރައްޔިތުން ފުރުވާލާފަ އެވެ. ހަމައެކަނި މިދިޔަ މަހުވެސް 1000 މީހުން ޤައުމަށް ފޮނުވާލާފައިވާ އިރު މިހާތަނަށް 3000 އަށް ވުރެގިނަ ބަންގްލަދޭޝް ރައްޔިތުން އަނބުރާ އެ ގައުމަށް ވަނީ ފޮނުވާލާފަ އެވެ.