ކޯވިޑް19އަށްފަހު އަލުން ދަތުރުތައް ފަށާއިރު އެތެރޭގެ އުދުހުންތަކަށް ބޮޑު ބަދަލެއް އަންނާނެކަމަށް ރާއްޖޭގެ ޤައުމީ އެއަރލައިން އިން ހާމަކޮށްފިއެވެ.
މޯލްޑިވިއަން އިން ބުނެފައިވަނީ ރާއްޖޭގެ އެންމެ އުތުރާއި ދެކުނު ގުޅުވާލަދީ އައްޑޫ ސިޓީއާއި ކުޅުދުއްފުށި ސިޓީއާ ދެމެދު ސީދާ ދަތުރު ފަށަން
ތައްޔާރުވެފައިވާ ކަމަށެވެ.
މިއަދު މޯލްޑިވިއަންއިން ޢާއްމުކޮށްފައިވާ ޝެޑިއުލްގައި ކޮންމެ ހަފްތާއަކު މި ދެ ސިޓީ ދެމެދު ދަތުރު ކުރާގޮތަށް ވަނީ ޝެޑިއުލްކޮށްފައެވެ. މި ދަތުރުގެ ޓިކެޓްގެ އަގަކީ ކޮޅަކަށް 1444 ރުފިޔާ ކަމަށާއި މި ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ހަފްތާގެ ބުރާސްފަތި ދުވަހު ކުޅުދުއްފުށި ސިޓީން އައްޑޫ ސިޓީ ގަމަށް، އަދި ހޮނިހިރު ދުވަހު އައްޑޫސިޓީ ކަމުން ކުޅުދުއްފުށި ސިޓީއަށެވެ.
މި ދަތުރުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޓްރާންސިޓެއް ކުރާނެއެވެ. ފިއުލްއަޅަން ވިއްސަކަށް މިނެޓް ޓްރާންސިޓްކުރާއިރު ފަސިންޖަރުން ބޯޓްގައި މަޑުކުރާނެކަމަށް މޯލްޑިވިއަންއިން ބުނެއެވެ.
މިއީ އިކޮނޮމިކް މިނިސްޓްރީގެ އިސްނެންގެވުމުގެ މަތިން މި ދެ ސަރަހައްދުގައި އިޤްތިޞާދީ ހަރަކާތްތަކެއް ހިންގޭނެ މަގު ފަހިކުރުމުގެ ގޮތުން ޝެޑިއުލްކުރާ ދަތުރުތަކެއްކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން މާޗްމަހު ޓެސްޓް ފްލައިޓް ޖެއްސި މާވަރުލަށްވެސް މޯލްޑިވިއަންގެ ޝެޑިއުލްދަތުރުތައް ވަނީ ހަމަޖައްސާފައެވެ. ކޯވިޑް19އާ ގުޅިގެން އެތެރޭގެ އުދުހުންތައް މެދުކަނޑާލާފައި އޮތުމަށްފަހު އަލުން ފަށާއިރު އެތެރޭގެ އެއް އެއަރޕޯޓުން އަނެއް އެއަރޕޯޓަށްވެސް ދަތުރު ޝެޑިއުލްކޮށްފައިވޭ އެގޮތުން ދަރަވަންދޫން ހަނިމާދޫއަށް، ތިމަރަފުށިން ހައްދުއަށްވެސް ވަނީ ދަތުރު ޝެޑިއުލްކޮށްފައެވެ. އަލުން ދަތުރުތައް ފަށާއިރު މޯލްޑިވިއަންގެ އެޕުންނާއި ވެބްސައިޓު މެދުވެރިކޮށްވެސް މިހާރު ޓިކެޓް ބައްލަވައިގަނެވޭނެކަމަށްއެކުންފުނިންބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!