އަންނަ އަހަރުގެ ބަޖެޓު އެކުލަވާލާއިރު ދައުލަތަށް ލިބޭ އާމްދަނީގެ ފަސް ޕަސެންޓް ކައުންސިލްތަކަށް ދޭން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
"ރައްޔިތުންގެ ބާރު - ލާމަރުކަޒީ ހިންގުން" މިނަމުގައި ދެ ދުވަހުގެ މުއްދަތަށް ކުރުނބާ މޯލްޑިވްސްގައި ފެށި މަހާސިންތާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރު އިތުރަށް ވިދާޅުވީ، ކައުންސިލްތައް ހިންގުމަށްޓަކައި ލިބެންޖެހޭ މާލީ ބާރުވެރިކަން އެކަށީގެންވާ ވަރަށް ނުލިބޭ ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމަށް މާލީ ބާރުވެރިކަން އެންމެ ފުރިހަމަ ގޮތުގައި ގެނައުމަށް ބަދަލުތައް ގެނައުމުގެ ވިސްނުން މި ސަރުކާރުގައި އެބައޮތް ކަމަށެވެ
"މި ސަރުކާރު އާއިރު ލާމަރުކަޒީ ނިޒާމު އޮތީ ވަރަށް ދޯދިޔާ ކޮށް، އަސްލު ހަގީގީ މާނާގައި ލާމަރުކަޒީ ނިޒާމެއް ހިންގަމުންދާ ތަނެއް ރާއްޖެއިން ނުފެނޭ" މިނިސްޓަރު އަމީރު މިއަދު ވިދާޅުވެފައިވެއެވެ. އަދި ދައުލަތުން ކައުންސިލްތަކަށްދޭ ފައިސާ އަންނަ އަހަރު އިތުރުވެގެންދާއިރު ކައުންސިލްތައްވެސް ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަކީ ވަރަށް މުހިއްމުކަމެއްކަމުގައި މިނިސްޓަރ ފާހަގަކޮށްފައިވެއެވެ.
ލާމަރުކަޒީ ނިޒާމުގައި ހުރިކަންކަން އިސްލާހުކޮށް ހަމަމަގަށް އަޅުވަން ވަރަށްގިނަ ކަންކަން މިސަރުކާރުން ކުރާކަމަށް މިނިސްޓަރގެ ވާހަކަ ފުޅުގައިވަނީ ފާހަގަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!