މަސްވެރިކަމާ ބެހޭ ބިލު ރައްޔިތުން މަޖިލީހުން ބަލައިގަތުމަށް ފާސްކޮށްފި އެވެ.

ސަރުކާރު ފަރާތުން ހއ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި ބިލު ބަލައިގަތުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގަތް 72 މެންބަރުންގެ އިއްތިފާގުންނެވެ. އެއާއެކު އެ ބިލު އިގްތިސާދީ ކޮމިޓީއަށް ފޮނުވަން ވަނީ ނިންމާފައެވެ.

Ad
rt

ސަރުކާރުން ހާމަކުރިގޮތުގައި މި ބިލަކީ މަސްވެރިންގެ ޚިޔާލާއި އިހްސާސްތަކަށް ރިއާޔަތް ކުރެވިގެން، މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ތަޖްރިބާކާރުންގެ އިރުޝާދާއި ލަފާވެސް ހިމެނިގެން ތައްޔާރުކުރެވިފައިވާ ބިލެއް ކަމަށެވެ. އެގޮތުން ދިވެހި ކަނޑުތަކަކީ ދިވެހިންނަށް ޚާއްސަ ކަނޑުތަކެއްކަމުގައި ހެދުމަށް ސަރުކާރުން ވެފައިވާ ވައުދާއި އެއްގޮތަށް މިހާރު އެކުލަވާލެވިފައިވާ މަސްވެރިކަމުގެ ބިލުގައި ބިދޭސީ އުޅަނދަކަށް ނުވަތަ ބޭރު ގައުމެއްގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދަކަށް ދިވެހިރާއްޖޭގައި މަސްވެރިކަންކުރުމުގެ ލައިސަންސް ދޫކޮށްގެންނުވާނެ ކަމުގައި ބަޔާންކުރެވިފައިވާނެ ކަމަށް ސަރުކާރުން ބުނެއެވެ.

މީގެއިތުރުން ބޮޑު ދަލު ނުވަތަ ޕަރސް ސެއިން މަސްވެރިކަމާއި، އޮޔާދާ ދައު ނުވަތަ ގިލް ނެޓްގެ މަސްވެރިކަމާއި އަދި ދަމާ ދައު ނުވަތަ ޓްރޯލް ނެޓްގެ އެއްވެސް ބާވަތެއްގެ މަސްވެރިކަމެއް ރާއްޖޭގައި ނުކުރެވޭނެ ކަމާއި، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ވަގަށް މަސްވެރިކަންކުރަނިކޮށް ހިފެހެއްޓޭ ބޭރުގެ އުޅަނދުފަހަރާއި މެދު އަމަލުކުރާނެ ގޮތުގެ ހަމަތައް ވެސް ބިލުގައި ކަނޑައަޅާފައިވާނެ ކަމަށް ބުނެފައިވެއެވެ. އަދި މިފަދަ އުޅަނދުފަހަރު ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭނެ މާއްދާތައް ބިލުގައި ވަނީ ހިމަނާފައެވެ.

މި ބިލުން ބޮޑުކަންނެލީގެ މަސްވެރިކަމަށް އަދި އެހެނިހެން މަސްވެރިކަމަށްވެސް މަސް ގަނެވޭނެ އެންމެ ދަށް އަގު ނުވަތަ ފްލޯ ޕްރައިސް އެއް ކަނޑައެޅުމުގެ ބާރު ލިބޭނެ ކަމަށާއި ފްލޯ ޕްރައިސް ކަނޑައެޅިގެންދާނީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯރސަސް އެންޑް އެގްރިކަލްޗަރ ގެ އިސްނެންގެވުމުގެ ދަށުން، އެކަމަށް މުހިންމު ވިސްނުންތަކެއް ވިސްނައި، ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިވެރިން އަދި ދާއިރާގެ މާހިރުންގެ ލަފައާއި އިރުޝާދުގެ މަތިން ކަމަށްވެސް ބުނެފައިވެއެވެ.

73 މާއްދާއެއްގެ މައްޗަށް އެކުލެވޭ މި ބިލު ފާސްކޮށް ތަސްދީގު ކުރުމާއެކު 1987 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުންދާ މަސްވެރިކަމުގެ ގާނޫނު އުވިގެންދާނެއެވެ.