ޖުލައި އެއްވަނަ ދުވަހު ކިޔެވުން ފެށުމުން، ޓެލެކިލާސްތަކުގެ ގަޑިތަކަށް ބަދަލު ގެނައުމުގެ ވިސްނުން ގެންގުޅޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

އެންއީއޯސީގައި ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ އެކަމުގެ މަޝްވަރާތައް ކުރިއަށްދާކަމަށް މިނިސްޓްރީން މައުލޫމާތު ދެއްވާ ކަމަށެވެ.

Ad
rt

މިހާރު ޓެލިކިލާސްތައް އޮންނަނީ ހެނދުނު 9:30 އިން ހަވީރު 18:00 އަށެވެ. މިހާރު ގަޑިތައް އޮންނަ ގޮތުން ދަށް ގްރޭޑްތަކު ތެރޭހިމެނޭ ގްރޭޑް 3 އިން ފެށިގެން ދަށަށް ޓެލިކިލާސްތައް އޮންނަނީ މެންދުރު ފަހު 3 އިން ފެށިގެންނެވެ. މިހެން ދިމާވުމުން މާލެ ސަރަހައްދުގެ ފުރަބަންދަށްފަހު އެ އުމުރު ފުރާކުދިންނަށް ބޭރަށް ނުކުންނަށް ހުއްދަ ދީފައި އޮންނަ ގަޑިއާއި ޓެލެކިލާސްގަޑި ދިމާވާތީ ބައެއް ބެލެނިވެރިން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ކޯވިޑް-19ގެ ބަލިމަޑުކަން ނެތް ރަށްރަށުގައި އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހު ސްކޫލްތައް ހުޅުވަން ނިންމަވާފައިވާއިރު، ސްކޫލްތައް ހުޅުވާލާނީ ފިޔަވަހި ތަކަކަށް ބަހައިލައިގެންނެވެ. އެގޮތުން މާލެ ސަރަހައްދުގެ ސްކޫލްތަކުގައި ފުރަތަަ ކިޔަވައިދޭން ފަށާގޮތަށް ހަމަޖައްސާފައި ވަނީ ކީސްޓޭޖު 4 އާއި 5 ހިމެނޭ ގްރޭޑް 9، 10، 11 އަދި 12 އެވެ.

ކޯވިޑް ނެތް ރަށްރަށުގައި ޖުލައި އެކަކުން ފެށިގެން ކިޔަވައިދޭން ފަށާއިރު، ނިއު ނޯމަލްގައި ކިޔަވައި ދޭން ނިންމަވައިފައި ވަނީ ހަފްތާއަކު ހަތަރު ދުވަހު ކޮންމެ ދުވަހަކު ހަތަރު ގަޑިއިރުއެވެ.