ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކު (އީއައިބީ) އިން ރާއްޖެއަށް 20 މިލިއަން ޔޫރޯގެ ލޯނެއް ދީފިއެވެ.
މި އެހީއަކީ ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކޮށްފައިވާ ހީނަރުކަމުން އަރައިގަތުމަށާއި، ވަޒީފާތައް ރައްކާތެރިކޮށް އަދި ފަތުރުވެރިކަމުގެ ދާއިރާ އާއި އެހެނިހެން ވެސް ދާއިރާތަކުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން ދިން އެހީއެއް ކަމަށް އީއައިބީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
އީއައިބީން ވަނީ ޔޫރަޕްގެ ގައުމުތަކުގެ ތެރޭ ނުހިމެނޭ ގައުމުތަކަށް އެހީވުމަށް 5.2 ބިލިއަން ޔޫރޯގެ ޕެކޭޖެއް މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި އިއުލާންކޮށްފައެވެ. މިއީ ކޯވިޑް19 އާއި ގުޅިގެން އީއައިބީއިން އޭޝިއާގެ ގައުމަކަށް ދިން ފުރަތަމަ ލޯނެވެ.
މި ލޯންއާއި ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މިއީ އީޔޫ އާއި ރާއްޖެ އާއި ދެމެދު އޮތް ގާތް ގުޅުން ދައްކުވައިދޭ ކަމެއް ކަމަށާއި މި އެހީގެ ސަބަބުން ވިޔަފާރިތަކަށް އެހީވުމަށް ކުރަމުންދާ މަސައްކަތަށާއި އަދި ކޯވިޑް އާއި ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް ކުރާ މަސައްކަތައް ލިބުނު އިތުރު ކުރިއެރުމެއް ކަމަށެވެ. އަދި މި ހާލަތުގައި އީއައިބީން ފޯރުކޮށްދިން އެހީއަށް ޝުކުރުވެރިވާ ކަމަށެވެ.ވެސް އަމީރު ވިދާޅުވިއެވެ.
ރާއްޖެއަށް ދީފައިވާ 20 މިލިއަން ޔޫރޯގެ ލޯނު ދޫކުރުމަށް ހަމަޖެހިފައި ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ކަމަށްވެސް އީއައިބީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!