އައްޑޫގައި ތަރައްގީކޮށްފައިވާ އާ ޓާޝަރީ ހޮސްޕިޓަލް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ކޯވިޑް19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި ކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ.

އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުން މިއަދު ކުރި ޓުވީޓޭއްގައި ބުނެފައިވަނީ މިހާރު ޕީސީއާރް ޓެސްޓުކުރުމަށް ބޭނުންވާ ޓެސްޓް ކިޓުތައް ހޮސްޕިޓަލަށް ލިބިފައިވާކަމަށާއި ކޯވިޑް-19 ވައިރަސް ހުރިތޯ ދެނެގަތުމަށް ހަދާ ޕީސީއާރު ޓެސްޓް މިހާރު އެ ހޮސްޕިޓަލުން ހެދޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.

Ad
rt

މިއީ މާލެއިން ބޭރުގައި މި ބައްޔަށް ޓެސްޓު ހެދޭނެ އިންތިޒާމް ހަމަޖެހުނު ފުރަތަމަ ހޮސްޕިޓަލެވެ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ކޮވިޑް ހޮސްޕިޓަލަށް ބަދަލުކުރުމަށް ނިންމާފައިވާއިރު އެތަނުގައި އެއް ފަހަރާ 45 މީހުންނަށް ފަރުވާ ދެވޭނެ ކަމަށް މޭޔަރު އަބްދުﷲ ސޯދިގު މީގެ ކުރިންވަނީ ވިދާޅުވެފައެވެއެވެ.

މިދިޔަ ހުކުރު ދުވަހު އީކުއޭޓާ ވިލެޖު ކަރަންޓީނު ފެސިލިޓީގައި ހުރި މީހަކު ކޯވިޑަ19 އަށް ޕޮސިޓިވް ވެފައިވާއިރު އެމީހާއަށް ފަރުވާ ދިނުމަށް ހަމަޖެހިފައިވަނީ ވެސް އައްޑޫ ސިޓީގައި ކަމަށް އެންއޯއީސީ އިން މައުލޫމާތު ދެއެވެ.

އައްޑޫއިން ކޯވިޑަށް ޓެސްޓުކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާއިރު އައްޑޫ އީކުއޭޓަރ ވިލެޖުގައި ކަރަންޓީނުކޮށްފައި ހުރި އަންހެނަކު ވަނީ މިދިޔަ ހުކުރު ދުވަހު ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

އެންއީއޯސީން ވަނީ ރާއްޖޭގެ 5 ސަރަޙައްދެއްގައި ޓެސްޓުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްކުރައްވަމުންދާކަމަށް މީގެ ކުރިން ބުނެފަ އެވެ. މިހާތަނަށް ރާއްޖެއިން މީހުން އުޅޭ ރަށްތަކުގެ ތެރެއިން މިބައްޔަށް ޕޮޒިޓިވްވެފައި ވަނީ އުތުރުގެ ރަށްތަކުންނެވެ. ނަމަވެސް މިވީހާތަނަށް އުތުރުގައި މިބައްޔަށް ޓެސްޓުކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ގޮސްފައެއް ނުވެއެވެ.

އައްޑޫގައި ކޯވިޑް19 އަށް ޓެސްޓުކުރެވޭނެ އިންތިޒާމް ހަމަޖެހިފައިނުވާތީ އެމައްސަލަ ވަނީ މަޖިލިސް އަށްވެސް ހުށައަޅާފައެވެ. މިއާއި އެކު އައްޑޫ އަށް ނިސްބަތްވާ މަޖިލިސް މެންބަރުން ނާއި އައްޑޫ ސިޓީ ކައުންސިލުން ވަނީ އެސިޓީގައި ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ. އައްޑޫ އަކީ މާލެފިޔަވާ އެންމެގިނަ ބަޔަކު ދިރިއުޅެމުން އަންނަ ސިޓީއެވެ.

ރާއްޖޭގައި މިހާތަނަށް 2013 މީހުންނަށް މިބަލި ޖެހިފައިވާއިރު މީގެތެރެއިން 1217 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. އަދި މިހާރު އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 786 މީހުންނެވެ. އޭގެ ތެރެއިން 8 މީހަކަށް ފަރުވާދެނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެނެވެ. މި ބަލީގައި މިހާތަނަށް 8 މީހަކު ވަނީ ރާއްޖެއިން މަރުވެފަ އެވެ.