ދ. އަތޮޅު ފަޅުރަށެއް ކަމަށްވާ ވައްލަޅޮހިއަށްް ދަތުރުގޮސް އުޅުނު އަންހެނަކު ހޭނެތިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު، އިތުރު ފަރުވާއަށް އެ އަތޮޅު ކުޑަހުވަދޫއަށް ގެންގޮސްދީފިއެވެ.
އެމްއެންޑީއެފުން ބުނީ އެ އަންހެން މީހާ ހޭނެތިފައިވަނީ ދަތުރު ދިޔަ ދޯނީގެ ތެރެއަށް ކަމަށެވެ. އަންހެން މީހާ ހޭނެތިފައިވަނީ މިއަދު ހަވީރު އައި ކޮޅިގަނޑުގައި ކަނޑުގަދަވުމާ ގުޅިގެން ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް އެ ދޯނިން މަޢުލޫމާތު ދީފައިވާކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ މިހާދިސާގެ ރިޕޯޓު އެމްއެންޑީއެފްއަށް ލިބުނީ މިއަދު 16:20 ހާއިރު ކަމަށާއި، އެވަގުތުން ފެށިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސިފައިން ވަނީ އެމީހާއަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ހަރަކާތްތެރިވާން ފަށާފައި ކަމަށެވެ.
ހޭނެތުނު އަންހެން މީހާއާއެކު އެ ދޯނީގައި ތިބި ތިން އަންހެނުންނާއި، ކުޑަކުއްޖަކުވެސް ވަނީ ކޯސްޓްގާޑް ލޯންޗުގައި މިއަދު 17:00 ހާއިރު ކުޑަހުވަދޫއަށް ގެންގޮސްދީފައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ރާއްޖޭގެ މޫސުން ގޯސްވެފައިވާ މިދަނޑިވަޅުގައި އެމްއެންޑީއެފުން މިއަދު ވަނީ އިތުރު ހާދިސާތަކަކާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދީފައެވެ. މިގޮތުން ހދ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ މާވައިދޫއަށް ކާށިހޮވަންދިޔަ ކުމުންދޫ 10 މީހުންވެސް ވަނީ އެމްއެންޑީއެފްގެ އެހީތެރިކަމާއިއެކު ކުޅުދުއްފުށީ ސިޓީއަށް ގެންގޮސް ދީފައެވެ.
މީގެއިތުރުން ގދ. ހައުޑިގަލާއިން ގދ. ތިނަދޫއަށް ދަތުރުކުރި ދެ ޑިންގީއަކަށް ދިޔަވާތީ އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ވަނީ އެހީތެރިކަންފޯރުކޮށްދީފައެވެ. އަދި ހދ. ހިރިމަރަދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދިޔަ 34 އަހަރުގެ އަނެހެނަކު އަވަސްފަރުވާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ދިނުމުގައިވެސް އެންއެމްޑީއެފްގެ އެހީތެރިކަން ވަނީ ފޯރުކޮށް ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!