ކޮންސްޓްރަކްޝަން ދާއިރާއަށް ބޭނުންވާ ސާމާނުގެ ރަނގަޅު ސްޓޮކެއް އެބަހުރި ކަމަށް ސްޓޭޓް ޑްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ.

ދައުލަތުގެ މީޑިއާ، ބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެސްޓީއޯގެ ފިއުލް، ލޮޖިސްޓިކް އަދި ކޮންސްޓްރަކްޝަންގެ ޖެނެރަލް މެނޭޖަރ އަބްދުލް ވާހިދު މޫސާ ވިދާޅުވީ ކޮންސްޓްރަކްޝަން ދާއިރާއަށް ބޭނުންވާ ތަކެތީގެ ރަނގަޅު ސްޓޮކެއް އެބަހުރި ކަމަށެވެ.

Ad
rt

ކޮންސްޓްރަކްޝަން ސާމާނު ކަސްޓަމަރުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާކަމަށާއި، ކޯވިޑް-19ގެ މިހާލަތަށް ކުރިއާލާ ތައްޔާރީތައް ވެގެންތިބި ކަމަށްވެސް ވާހިދު ވިދާޅުވިއެވެ.

ރިސޯޓު ތަރައްޤީކުރުމުގެ މަސައްކަތާއި، އަތޮޅުތެރޭގައި ކޮންސްޓްރަކްޝަން ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާ ކަމަށާއި، އެފަރާތްތަކަށް ތަކެތި ލިބޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށް ވާހިދު ވިދާޅުވިއެވެ.

ފުރަބަންދުގެ ހާލަތަށް އައި ދުވަހުން ފެށިގެން ތިލަފުށިން ކޮންސްޓްރަކްޝަން ސާމާނު ފަސޭހައިން ލިބޭނެ އިންތިޒާމްތަކެއް ޤާއިމްކޮށް، ތިލަފުށީގައި ހުންނަ އެސްޓީއޯ ކޮންސްޓްރަކްޝަންގެ މައި ވެއަރހައުސް ބަންދުނުކޮށް ކުރިއަށް ގެންގޮސްފައިވާ ކަމަށްވެސް ވާހިދު ވިދާޅުވިއެވެ.

ކޮންސްޓްރަކްޝަން ސާމާނުތަކުގެ ދަތިތަކެއް ކުރިމަތި ނުވާނެ ކަމުގެ ޔަޤީންކަންވެސް ވާހިދުވަނީ ދެއްވާފައެވެ.

އެސްޓީއޯއިން ވަނީ އެކުންފުނީގެ ކޮންސްޓްރަކްޝަން ވެއާހައުސްއިން ޚިދުމަތް ހޯދުމަށް ބޭނުންވާ ކަސްޓަމަރުންނަށް، އެތަނަށް ގޮސްގެން ޚިދުމަތް ހޯދުމުގެ ފުރުޞަތު މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން ހުޅުވާލާފައެވެ.

އެސްޓީއޯ ކޮންސްޓްރަކްޝަންއިން ދަނީ ރާއްޖެއަށް ފުޅާ ދާއިރާއެއްގައި ސިމެންތި، ހިލަވެލި، ހިލަ، ހިމުންވެލި އަދި ދަގަނޑުގެ ބާވަތްތަކާއި، އިމާރަތްކުރުމަށް ބޭނުންވާ އެހެނިހެން ސާމާނުތައް ރާއްޖެއަށް ގެނެސް ވިއްކަމުންނެވެ.