ަމާލެއިން އައްޑޫ ސިޓީއަށްދިޔަ މީހުންގެ ތެރެއިން އައްޑޫ އީކުއެޓަރ ވިލެޖްގެ ކަރަންޓީން ފެސިލިޓީގައި ހުރި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ނޭޝަނަލް އެމަނެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒްވަނީ އެ މީހާ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން ކަށަވަރުކޮށް ދެއްވާފައެވެ. އައްޑޫ ސިޓީން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ޢުމުރުން 65 އަހަރުގެ ދިވެހި އަންހެނެކެވެ.
އެ މީހާ ކަރަންޓީންގައި ހުރީ މާމަ ދަރިފުޅާ އެއް ކޮޓަރިއެއްގައި ކަމަށާއި، ނަމަވެސް އެ ކުއްޖާ ކޯވިޑް-19 އަށް ނެގެޓިވް ވެފަައިވާކަމަށް އެޗްޕީއޭއިން ބުންޏެވެ. އެޗްޕީއޭއިން ބުނީ އެ މީހާގެ ހާލު ރަނގަޅު ކަމަށެވެ.
އައްޑޫން ޕޮޒިޓިވް ވި އެ މީހާއަކީ ރަށްރަށުގައި މީހުން ކަރަންޓީނު ކުރަން ފެށުމާ އެކު އައްޑު އަށް ފުރަތަމަ ގެންދިޔަ މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އެހެންވީމާ މިއީ އަދި ކޮމިއުނިޓީ ސްޕްރެޑެއްގެ ގޮތުގައި ބަލާނެ ކަމަކަށް ނުބެލެވެ އެވެ. އެ މީހާ ޕޮޒިޓިވް ވުމުން އައްޑޫގައި އަޅާނީ ކޮންކޮން ފިޔަވަޅުތަކެއް ކަމެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ ( އެޗްޕީއޭ) އަދި ހާމަކޮށްފައެއް ނުވެއެެވެ.
މާލެ ފިޔަވައި އެންމެ ގިނަމީހުން މިހާތަނަށް ކޯވިޑަށް ޕޮޒިޓިވްވެފައި ވަނީ މާލެއިން އުތުރުގެ ރަށްރަށުންނެވެ. މިގޮތުން އެންމެ ގިނަ މީހުން ޕޮޒިޓިވްވި ރަށްތަކުގެ ތެރޭގައި 11 މީހުން ޕޮޒިޓިވްވި ށ. ނަރުދޫ އާއި 10 މީހުން ޕޮޒިޓިވްވި ނ. މަނަދޫ ހިމެނެއެވެ. އަދި ހއ. ތަކަންދޫން 3 މީހުން، ހއ. އުލިގަމުން 1، ށ. މިލަންދޫ 1 ޕޮޒިޓިވް ވެފައި ވެއެވެ. ދެން އަތޮޅުތަކުން މިބައްޔަށް މީހުން ޕޮޒިޓިވްވީ ކ. ތުލުސްދޫންނެވެ.
ރާއްޖެއިން މިހާތަނަށް 1976 މީހަކަށް ވަނީ މިބަލިޖެހިފައެވެ. އޭގެ ތެރެއިން 1153 މީހުން މިހާތަނަށް ރަނގަޅުވެފައިވާއިރު، 8 މީހަކު ވަނީ މިބަލީގައި މަރުވެފައެވެ.
ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު މިވަގު ކަރަންޓީނު ފެސިލިޓީތަކުގައި ތިބީ 306 މީހެކެވެ. އައިސޮލޭޝަންގައި ތިބީ 789 މީހުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!