ކޯވިޑް-19 ގެ ސަބަބުން ބަންދުކޮށްފައިވާ ސްކޫލްތަކުގައި ކިޔަވައިދޭން ފެށުމަށް ތައްޔާރުވާން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް މިއަދު އަންގައިފި އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ.ޢާއިޝަތު ޢަލީ ސޮއިކުރައްވައި ސްކޫލަކަށް ފޮނުއްވި ސާކިއުލާގައި ވިދާޅުވީ ބަލިމަޑުކަމުގެ ޙާލަތަށް ބެލުމަށް ފަހު ސްކޫލުތަކުގައި ކިޔަވައިދޭން ފަށަން ގިނަ މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި ކަމާގުޅުން ހުރި ފަރާތްތަކުގެ ލަފާގެ މަތިން ސްކޫލުތައް ހުޅުވައި ކިޔަވައިދިނުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށް އެސާކިއުލާގައި ބުނެފައިވެ އެވެ.
އަލުން ސްކޫލުތައް ހުޅުވާލާއިރު ސްކޫލުގެ ދަންފަޅިތަކުގެ ޢަދަދާއި ހާޒިރުވާންޖެހޭ ގްރޭޑުތައް ކަނޑައަޅާނީ ސްކޫލުގެ އާބާދީއާއި ރަށުގެ ބަލިމަޑުކަމުގެ ޙާލަތަށް ބެލުމަށްފަހުކަމަށްވެސް އެސަރކިއުލާގައި ވިދާޅުވެފައިވެއެވެ.
ސްކޫލުގެ އިދާރީ ހިންގުމާއި ކިޔަވައިދިނުމުގެ އިންތިޒާމްތަކާއި ދަރިވަރުންނާއި މުވައްޒަފުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރަން މި ހާލަތުގައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށާއި އެކަމަށް ބޭނުންވާ މައުލޫމާތާއި އިރުޝާދު ފަސޭހަކަމާ އެކު ފޯރުކޮށްދޭން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެސާކިއުލާގައި ބުނެފައިވެއެވެ.
ސްކޫލްތައް ހުޅުވާނެ ވަކި ތާރީޚެއް ކަނޑައަޅާނީ އެޗްޕީއޭއިން ނަމަވެސް ސްކޫލުތައް ހުޅުވުމުގެ ތައްޔާރީތައް ކުރިއަށް ގެންދިއުމަށް ސްކޫލްތަކަށް ވަނީ އަންގަވާފައެވެ.
އަންނަ އާދިއްތަ ދުވަހުން ފެށިގެން ގޫގުލް ކްލާސްރޫމް އަދި ޓެލިކިލާހުގެ އެހީގައި ކިޔަވައިދިނުމުގެ ކަންކަން ހަމަޖައްސައި ދަރިވަރުންގެ ހާޒިރީ ބެލުމަށްވެސް އެޑިޔުކޭޝަނުން ސްކޫލްތަކަށް ވަނީ އަންގަވާފައެވެ.
އެންމެ އަވަހަށް ވެސް ސްކޫލުތައް ހުޅުވޭނީ އަންނަ އާދިއްތަ ދުވަހު ކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައި ވެ އެވެ.
ކޯވިޑް-19 އިން ރައްކާތެރިވުމަށް މިދިޔަ މާރިޗު 12 ވަނަ ދުވަހުން ފެށިގެން ސްކޫލުތައް ވަނީ ބަންދުކޮށްފަ އެވެ. ނަމަވެސް އެކި ވަސީލަތްތައް މެދުވެރިކޮށް އަންނަނީ ކިޔަވައިދެމުންނެވެ. މިހާރުވެސް އެޑިޔުކޭޝަނުން ދަނީ ޓެލިކިލާސް މެދުވެރިކޮށް ކިޔަވައި ދިނުން ކުރިއަށް ގެންދަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!