ވެރިކަމަކަށްފަހު ވެރިކަމެއް ބަދަލުވެ، އާވެއެވެ. އުމުރުގެ ދުވަސްތައް ގުނެމުން ހުސްވަމުން ދެއެވެ. ދިރިއުޅުމުގައި އަޑިގަނޑަކަށްފަހު އުސްގަނޑެއް އާދެއެވެ. ދުނިޔެ ހިނގަނީ ތޮށަލި ދުޅައަށް އެއްވަތު މަތިން އަނެއް ވަތް ދަށުންނެވެ. ކަންކަން ބަދަލުވަމުން އާވަމުން އާދެއެވެ. ރުހުނަސް ނުރުހުނަސް ދުނިޔޭގެ މިޤާނޫނަށް ބަދަލުގެނެވޭނެ އެއްވެސް މީހަކު ނުވެއެވެ. ސަބަބަކީ ޤިޔާމަތައް ދާންދެން ﷲ ތައާލާ އެކަށަ އަޅުއްވާފައިވާ ނިޒާމަކީ އެއީކަމުގައި ވާތީއެވެ.

އަހަރެމެން ބޭނުންވާގޮތައް ކަންކަން ބައެއްފަހު ނުވަނީ ވަރަށް ބޮޑެތި ހިކުމަތްތަކެއް އެކަމުގައި ފޮރުވިފައިވާތީވެއެވެ. ދުނިޔޭގައި ހޭދަކުރާ ކޮންމެ ފަޅިސިކުންތަކީވެސް އިމްތިޙާނު ކުރެވެމުންދާ ވަގުތުކޮޅެއްކަން ހަނދާން ނައްތައިލައިގެން ނުވާނެއެވެ. ބައެއްފަހަރު ހިތްހަމަނުޖެހޭގޮތައް ދިމާވިކަމަކީ އެމީހަކަށް ރަނގަޅަކަށް ހިތްމަވައިދެއްވި ކަމަކަށްވެސް ވެދާނެއެވެ.

Ad
rt

ކަންކަން ވީގޮތާއިމެދު ޝުކުރުނުކުރެވޭ މީހުން އެމީހުންގެ އަމަލުތަކުން އެހެންމީހުންނަށް ވަރަށް ރަނގަޅަށް އެނގި ހާމަވެއެވެ. އެކަހަލަ މީހުން އެކި ކަންކަމާއިމެދު ވަރަށް ގިނަ ޝަކުވާތައް ހުރެއެވެ. ޚާއްސަކޮށް މާޒީގައި ދިމާވިކަމެއް އެހެން "ނުވީނަމަ" އެހެން "ނުހެދުނުނަމަ" ކަހަލަ ޒާތަކަށް ވާހަކައިގެ ރާގު ބެހެއްޓޭތަން އާދެއެވެ.

ހުރިހާ ފަހަރަކު ކަންކަން ތިމާބޭނުންވާގޮތައް ނުވާނޭކަން ގަބޫލުނުކުރުމުން މުޖުތަމަޢުގެ ތެރޭގައި އިޖުތިމާޢީ މައްސަލަތައް އުފެދި، ފެތުރިދެއެވެ. ރިޝްވަތުދީގެން ތިމާ ބޭނުންވާގޮތައް ކަންކަން ބަދަލުކުރަން މަސައްކަތްކުރުމާއި ފިތުނަ ފަޝާދައާއި ތަޅާފޮޅުން ފަދަ ނުރަނގަޅު އެތައް މައްސަލަތަކެއް އުފެދެއެވެ. އަދި ޚާއްސަކޮށް ހަސަދައިގެ ހުޅުކޮޅު ހިތުގައި ރޯވެ، ބަދަލުހިފުމުގެ ރޫހު އާލާވެގެން ދެއެވެ.

ކަންތައްތައް ހިތްއެދޭގޮތައް ނުވިޔަސް މި ފާހަގަކުރި ނުރަނގަޅު ސިފަތަކަށް ނުހެއްލޭށެވެ. އޭގެ ބަދަލުގައި ހުރިހާ ހާލަތެއްގައިވެސް ކެތްތެރިކަމާއި ޝުކުރުވެރިކަން އިސްކުރާށެވެ. އަދި ހުރިހާ ކަމަކަށްވެސް ﷲގެ ހަޟްރަތުން ވާގި ހޯދައި ވަކީލުކުރާށެވެ.

ދުނިޔޭގެ ހަޔާތަކީ ދަތި، އުނދަގޫ ހަޔާތެކެވެ. ދިރިއުޅުމުގައި ދިމާވާ ކަންކަމާއި ކުރިމަތިލުމުގެ ހެޔޮތަޢުފީގު ﷲގެ ހަޟްރަތުން ހޯދާށެވެ. ﷲގެ ހަޟްރަތުން ހިތްވަރު ލިބިގަނެ ކުރިޔަށްދާށެވެ. ތިބާއަކީ މީހުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދޭ ހިތްހެޔޮ މީހަކަށް ވޭތޯ މަސައްކަތްކުރާށެވެ. ތިބާގެ ބާރުގެ ދަށުގައިނުވާ ކަންކަމާއި ދެރަވެ މާޔޫސް ނުވާށެވެ.