ކޯވިޑް-19 އަށް ޕޮޒިޓިވްވެގެން ހުޅުމާލެ އައިސޮލޭޝަން ފެސިލިޓީގައި ބަހައްޓާފައި ހުރި އުމުރުން 89 އަހަރުގެ ހދ. ވައިކަރަދޫ އަންހެނަކު ނިޔާ ވެއްޖެއެވެ.
ނިޔާވެފައި ވަނީ ވައިކަރަދޫ ކަށިމާގޭ ރުގިއްޔާ އަލީ އެވެ. އޭނާ ނިޔާވީ މިއަދު ހެނދުނު 6:20 ގައި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ކޯވިޑް ބަލީގެ އިތުރު މީހަކު ނިޔާ ވުމާއިއެކު މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު ވަނީ 7 އަރާފައެވެ.
ކުރިން މިބަލީގައި ވަނީ 3 ދިވެހިންނާއި، ބަންގްލަދޭޝް 3 މީހުން ނިޔާވެފައެވެ.
މި ބަލީގައި ނިޔާވި ދިވެހިންގެ ތެރޭގައި މަޝްހޫރު ވިޔަފާރި ކުންފުނި އެމްއެޗްއޭގެ ވެރިޔާ، ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތްތެރިޔާ (ނ.ކ.ޝ.ޢ) ށ. މަރޮށީ، ޙުސައިން ޢަބްދުﷲ (88 އަހަރު) އާއި އޭނާގެ އަނބިކަނބަލުން އައިމިނަތު އާދަމް (83 އަހަރު) ހިމެނެއެވެ.
އިއްޔެ އިރުއޮއްސި 6:00 އާ ހަމަ އަށް ރާއްޖޭން ވަނީ 1،829 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރެއިން 488 މީހަކު ވަނީ ރަނގަޅުވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!