އުތީމަކީ ތާރީޚީ ރަށެކެވެ. ދިވެހިންގެ ޤައުމީ ބަޠަލް އުތީމު ބޮޑުތަކުރުފާނު އުފަންވެ ވަޑައިގެން އަދި ތުއްޕުޅު ދުވަސްވަރާ ޒުވާންދުވަސްވަރު ހޭދަކުރެއްވި އުތީމުގައި އެ ތަކުރުފާނާ ގުޅުންހުރި ތަފާތު އެތައް އާޘާރެއް ފެންނަން އެބަހުއްޓެވެ.
ތާރީޚީ ފޮތްތަކުން އެނގެންހުރި މަޢުލޫމާތުގެ އަލީގައި އެނގި ކަށަވަރުވާ ބައެއް އާޘާރުތަކާއި، ދޫދޫ މަތިން ދެކެވެމުން އަންނަ ވާހަކަތަކާ ގުޅުން ހުރި ބައެއް އާޘާރުވެސް އުތީމުގައި ފެންނަން އެބަހުއްޓެވެ. އެ ގޮތުން ބޮޑުތަކުރުފާނުގެ ވާހަކާގައި ލޭލާ ގަލުގެ ނަމުން މަޝްހޫރުވެފައި އޮތް ގައު ކުރިން އޮންނަނީ އުތީމުގެ ދެކުނު ފަރާތު ގޮނޑުދޮށުގައެވެ. ޒަމާންތަކެއްވަންދެން އެ ގައު އެތަނުގައި އޮތްނަމަވެސް މިވަގުތު އެގައު އޮތީ އުތީމުގައި ހުންނަ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައެވެ.
ބޮޑުތަކުރުފާނު ޒިޔާރަތުގައި ހާދިމެއްގެގޮތުގައި މަސައްކަތް ކުރި ފޭރުމާގެ އިބްރާހިމް އަލީ (ކުޑަބެ)، މިގަލާއި ބެހޭގޮތުން "ތިލަދުން" އަށް މަޢުލޫމާތުދެމުން ބުނެފައިވަނީ އެގާ އޮންނަތާ ވަރަށް ޒަމާންވެފައިވާ ކަމަށެވެ. ހަނދާން ހުންނަން ފެށީންސުރެއް އެގާ އެތާންގައި އޮންނަކަމަށެވެ.
ބޮޑު ރާޅު އެރިޔަސް އެގާ އެތާ ނޯންނަ ޒަމާނެއް ހަނދާނެއް ނުވޭ، އެގާ މިހާރު އޮތީ މަށާ ހަދާފަ، ރުއްގުޅިޔެއް ޖެހިފަ ފަޅައިގެން ދިޔައީ، މިހާރު އޮތީ ބައްދާ ހަދާފަ
އުމުރުން 80 އަހަރުގެ ދުވަސްތައް ގުނަމުންދާ ކުޑަބެ ބުނެފައިވެއެވެ.

ކުޑަބެ ބުނީ އެގަލަށް "ލޭލާގައު" ކިޔަނީ، ފެހި ޖަހާފަ ހުންނައިރު ބިލެއް ހުނި ޖައްސާލީމަ ލޭކުލަ އަރާތީކަމަށް ބެލެވޭކަމަށެވެ. މިގަލާއި ބެހޭގޮތުން ކުރީޒަމާނުގައި ތަފާތު ވާހަކަތައް އައީ ދެކެވެމުންނެވެ. އެކި އެކި ފޯކުލޯ މިގަލާއި ގުޅުވައިގެން ދެކެވެމުން އަންނަކަމަށް ކުޑަބެ ބުނެއެވެ.
މިގައު ބެލުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން އެރަށް ވަރަން ކުރިންވެސް މީހުން އަންނަކަމަށް ކުޑަބެ ބުނެފައިވެއެވެ. ކުޑަބެ ބުނީ ޒަމާނުންސުރެއް މިގައު އޮތީ އެރަށު ހުރަސްމަގު ކޮޅުގައި ކަމަށެވެ. ނަމަވެސް އުތީމު ބަނދަރު ހެދުމުގެ މަސައްކަތް ކުރި ދުވަސްވަރު މިގައު ވަނީ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒަށް ގެންދެވިފައިކަމަށެވެ.
އުތީމުގައި ބަނދަރު ހެދުމުގެ މަސައްކަތް ފެށުމަށްޓަކައި ބަނދަރު ހަދާ ސާމާނު ގެނެސް މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާތީ އެ ސަރަޙައްދުގައި އެ ގައު ބާއްވައިފިނަމަ ލިބިދާނެ ގެއްލުމަކުން ރައްކާތެރިކުރުމަށްޓަކައި އެ ގައު ހަނދާނީ މަރުކަޒަށް ގެނެވިފައިވާކަމަށާއި އެ މަރުކަޒުގެ މުވައްޒަފުންގެ މަސައްކަތުން ރައްކާތެރިކަމާއެކު ގެނެސް މަރުކަޒުގެ ބެލުމުގެ ދަށުގައި އޮތްކަމަށް އެމަރުކަޒުން ބުނެފައިވެއެވެ.

މި ގަލުގެ ދިގުމިނުގައި 2 ފޫޓް އަދި ފުޅާމިނުގައި 2/1،1 ފޫޓު ހުންނާނެކަމަށް ލަފާކުރެވެއެވެ. ދޫދޫ މަތިން ދެކެވެމުން އަންނަ ވާހަކާގައި ލޭލާގަލުގެ ނަމުން މަޝްހޫރުވެފައިވާ މި ގަލުގެ ދަށުގައި އަދި މިއަށްވުރެ ކުޑަގަލެއް އޮންނާނެކަމަށް ބުނާ ގައު އަދި ފެނިފައެއް ނުވެއެވެ. ނަމަވެސް އެގައު ފެނޭތޯ އިތުރަށް މަސައްކަތް ކުރާނެކަމަށް ހަނދާނީ މަރުކަޒުން ބުނެއެވެ.
އުތީމު ކައުންސިލްގެ ވިސްނުން ހުރީ އެ ގައު ބާއްވާ ޢާންމުނަށް މަޢުލޫމާތު ލިބޭނެފަދަ ގޮތަކަށް މޮނިއުމެންޓްއެއް ހެދުމުގެ ވިސްނުން ކަމަށް އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ބުނެފައިވެއެވެ.
ނޯޓް: ބައެއް މަޢުލޫމާތު ނަގާފައިވަނީ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުން
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!