ހދ. ކުރިނބީގެ އާންމު މަސްލަހަތު ގެއްލުވާލުމަށް ފުލުހަކު މަސައްކަތް ކޮށްފައިވާތީ އެކަން ބަލައިދިނުމަށް ކުރިނބީ ކައުންސިލުން އެދިއްޖެ އެވެ.
ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލްގެ އިދާރާއިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ފުލުހެއްގެ ފަރާތުން ރަށުގެ އާންމު މަސްލަހަތު ގެއްލުވާލުމަށް މަސައްކަތްކޮށްފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުއްވެރި ކުރާކަމަށާއި އަދި މި މައްސަލަ ބައްލަވައިދެއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މިވަގުތު ވާނީ ހުށަހެޅިފައިކަމަށެވެ.
އެކައުންސިލުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ ފުލުހުން ބަލަމުންގެންދާ މައްސަލައަކާއި ގުޅިގެން މައްސަލައިގެ ބައެއް އިޖުރާއަތްތައް ފުރިހަމަ ކުރުމަށް މިއަދުގެ ވަގުތެއްގައި އެރަށަށް އައިސްހުރި ފުލުހަކު ކޯވިޑް-19 އާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ 2020/39 ނަންބަރު އެންގުމުގެ ނުކުތާ ނަންބަރު 1 (އެކެއް) ގައި ލޯކަލް ކައުންސިލްގެ އިޙްތިޞާސް ހިނގާ ސަރަހައްދުތަކުގައި ކޯވިޑް-19 ފެތުރުމުގެ ފުރުސަތު އޮތް މިންވަރަށާއި، ހާލަތައް ރިއާޔަތްކޮށް އެއްވެ އުޅުން ހުއްޓުވުމަށާއި، އިޖުތިމާއީ ގައިދުރުކަން ޤާއިމްކުރުމަށް ފިޔަވަޅު އެޅުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އިން ކައުންސިލްތަކަށް ދޫކޮށްފައިވާ ބާރުގެ ދަށުން އެކައުންސިލުން ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަކީ ޤާނޫނީ ހައިސިއްޔަތެއް ނެތި ކައުންސިލުން އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށް އެފުލުސްމީހާ ބުނެފައިވާކަމަށެވެ.
އަދި އެ ފިޔަވަޅުތަކަށް އަމަލު ކުރުމަކީ އަމިއްލަ އިޙްތިޔާރީ ކަމެއްކަމަށާއި އަދި އަޅާފައިވާ ފިޔަވަޅުތަކާއި ޚިލާފުވެގެން ކައުންސިލަށް ކުރެވޭނެ ކަމެއް ނެތްކަން ދޭހަވާ އުސޫލުން އާންމު ރައްޔިތުންގެ މެދުގައި އަދި މީސްމީޑިޔާގައި އަޑު އުފުލާފައިވާތީ، އެކައުންސިލުން ކޯވިޑް -19 އާއި ގުޅިގެން އެރަށު ރައްޔިތުންގެ މެދުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެމެހެއްޓުމަށް ހުރަހަކަށްވެފައިވާކަމަށް ބުނެފައިވެއެވެ.
އާންމު މަސްލަހަތު ގެއްލިފައިވާތީ އާންމު މަސްލަހަތު ދަމަހައްޓާ ނެގެހެއްޓުމުގެ މަސްއޫލިއްޔަތު ކޮނޑުގައި އަޅުއްވައިގެން ތިއްބެވި ބަޔަކަށް ފުލުހުންވެފައި، ފުލުހެއްގެ ފަރާތުން ރަށުގެ އާންމު މަސްލަހަތު ގެއްލުވާލުމަށް މަސައްކަތްކޮށްފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުއްވެރި ކުރަމެވެ. އަދި މި މައްސަލަ ބައްލަވައިދެއްވުމަށް ޕޮލިސް ސަރވިސްއަށް މިވަގުތު ވާނީ ހުށަހެޅިފައެވެ.
އެކައުންސިލުގެ ތިން މެންބަރުން ސޮއިކުރައްވާ ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެބަޔާނުގައި ބުނެފައިވަނީ އެކައުންސިލުން މިއަދާއި ހަމައަށް ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް އެރަށު ރައްޔިތުން ކިޔަމަންތެރިވެ އެކައުންސިލަށް ދެއްވާ އެއްބާރުލެއްވުމަށް މި ފުރުޞަތުގައި ވަރަށް އިޙްލާސްތެރިކަމާއިއެކު ޝުކުރު ދަންނަވާކަމަށެވެ.
މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!