ރާއްޖެއަށް ދިމާވި ތަފާތު އެކި އެކި ބަލިމަޑުތަކުގައި މީހުން ކަރަންޓީނުކުރަމުން އައީ މީހުން ދިރިއުޅޭ ރަށްރަށުގައި މީހުން އުޅޭ ހިސާބާއި މާދުރުގައި ވަކިންނެވެ. ބަޔެއް ރަށްރަށުގެ ވަލުތެރޭގައި ފެންވަޅުތައް ހަދާފައި ހުރެއެވެ. ދުވަސް ވީ މީހުންގެ ވާހަކަ ތަކުން އިނގޭގޮތުގައި މިއީ އެދުވަސް ވަރު ތަފާތު އެކި ބަލި ތަކުގައި ކަރަންޓީނު ކުރާމީހުން ބޭނުންކުރުމަށް ހަދާފައިވާ ވަޅުތަކެކެވެ.
މިފަދަ ވަޅުތައް ހުރި ހިސާބުތަކަށް ބަޔެއްރަށްރަށުގައި "ބަރާސިލު" އަވަށޭ ކިޔާ އުޅެއެވެ. ރާއްޖޭގެ ގިނަ ރަށް ރަށުގައި "ބަރާސިލު" އަވަށް ކިޔާ ސަރަހައްދު ވަރަށް ގިނައެވެ. ދިވެހި ބަހުގައި "ބަރާސިލު"ގެ އެއް މާނަ އަކީ "ފައިފަލަ ބަލީގެ މީހުން ބައިތިއްބަން ވަކިކޮށްފައިވާ އަވަށް" މިހެންނެވެ. މިއީ މީގެ 70 އަހަރު ކުރިން 1950ގެ އަހަރުތަކުގައި ރާއްޖޭގައި ވަރަށް ބާރަށް ފެތުރުނު ފައިލޭރިޔާ ނުވަތަ ފައިފަލަ ބަލިމީހުން، ރަށުގެ އެހެން މީހުންނާ މުޅިން ވަކިކޮށްފައި، އެތައް އަހަރެއް ވަންދެން، ބޭތިއްބި ތަނަށް ކީ ނަމެވެ.
މިބައްޔަކީ މަދިރިން ޖެހޭ ބައްޔެއް ނަމަވެސް އޭރު ރާއްޖޭގެ ހޭލުންތެރިކަން ހުރި މިންވަރާއި، ސިއްހީ ޚިދުމަތުގެ ފެންވަރު ދަށްކަމުން، ފައިލޭރިޔާ ޖެހޭ އެންމެން ވެސް ދުވަސްތައް ހޭދަކުރީ ރަށުގެ އެހެން މީހުންނާ އެކަހެރިކޮށެވެ. ކުދިކުދި ރަށްރަށުގެ މީހުން ބައެއް ފަޅުރަށްރަށަށް ވެސް ބަދަލުކުރި އެވެ.
ފައިލޭރިޔާ ނުވަތަ ފައިފަލަ ބައްޔަކީ މަދިރީގެ ސަބަބުން ފެތުރޭ ބައްޔެކެވެ. ފައިލޭރިއާ އެންމެ އާންމުކޮށް ފެންނަނީ އޭޝިއާ، އެފްރިކާ އަދި ދެކުނު އެމެރިކާގެ ހޫނުގައުމުތަކުގައި އުޅޭމީހުންގެ ފުށުންނެވެ. ފައިލޭރިޔާ ޖެހެނީ''ވޫކެރީރިއާ ބެންކްރޮފްޓީ ކިޔާ ފަންޏެއްގެ ސަބަބުންނެވެ. ފައިލޭރިއާ ފެތުރެނީ މިބުނި ފަނީގެ ''އިންފެކްޓިވް ލާރވާ'' އުފުލާ ކިއުލެކްސް، މަދިރީގެ "ކިއުލެކްސް ޕައިޕިއެންސް" ކިޔާ ބާވަތެއްގެ މަދިރިއެއް އިންސާނެއްގެ ހަށިގަނޑުގައި ހެފުމުގެ ތެރޭގައި ކުރިން ބުނި ''އިންފެކްޓިވް ލާރވާ'' އެމީހެއްގެ ހަށިގަނޑަށް ވާސިލްވުމުންނެވެ.

ތާރީޙްގެ ތެރެއިން ހިނގާފައިވާ މިފަދަ ހާދިސާއެއް ތަޖުރިބާކުރި އެއްފަރާތަކީ ތިދަލުންމަތީ އުތުރުބުރީ މޮޅަދޫ އަބްދުﷲ އަލީ (އެރަށު މީހުން ކިޔާ ގޮތުން ނަމަ ބިލެތްއަބްދުﷲ) އެވެ. އަބްދުﷲގެ އުމުރުން 80 އަހަރުގައި 2017 ވަނަ އަހަރު ވަނީ މިހާރު ނޫހަށް ދެއްވި ބަސްދީގަތުމެއްގައި "ބަރާސިލު" އަވަށުގެ އެހިތްދަތި ވާހަކަތައް ކިޔައިދީފައެވެ.
"އަތްފައި ކިޔަމަން ނުވާ ވަރަށް" އައި ގަދަ ހުމުގައި ފައިލޭރިޔާގެ ނުރައްކަލާ ކުރިމަތިވިކަން އެނގުނީ ފައިގެ ހުޅުތައް ދުޅަވާން ފެށުމުންނެވެ. މުޅި ރާއްޖެ ބިރުގަންނުވާލި ފައިފަލަ ބައްޔާ ހަނގުރާމަ ކުރަން ޖެހުނީ އެއިނާގެ އުމުރުން 22 އަހަރުގައި ކަމަށް ގަބޫލުކުރެވެއެވެ.
އެދުވަސްވަރު ރަށްފުށުގެ އާންމު ގެތައް ހުންނަނީ ދަނޑިފަނުންނެވެ. މިބަލީގެ ސިކާރައަކަށްވާ ފަރާތެއްގެ އަމިއްލަ ގެޔެއް ހުރިނަމަ ރޫޅާލައިގެން ގެންގޮސް ބަރާސިލު އަވަށުގައި އަލުން ރާވަނީ އެވެ. އަަމިއްލަ ގެ ނެތް ނުވަތަ އެހެން ބަޔަކު އުޅޭތީ ރޫޅާލެވެން ނެތް މީހުންނަށް ރައްޔިތުން ދަނޑިފަނުން ތަނެއް ހަދައިދިންކަމަށް އަބްދުﷲ ބުނެފައިވެއެވެ.
އެންމެ ފުރަތަމަ ގެންދިޔައީ އަވަށުގެ ދެކުނު ކޮޅަށްކަމަށާއި ނަމަވެސް އޭރުގެ ބޮޑުވަޒީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނު މޮޅަދޫއަށް ކުރެއްވި ދަތުރުފުޅުގައި، ބަލިމީހުން ބައިތިއްބާފައި ތިބީ އަވަށުގައި ކަމަށް ފެނިވަޑައިގަތުމުން ދުރަށް ގެންދަން އަމުރުކުރެއްވީ ކަމަށް އަބްދުﷲ ބުނެއެވެ.
"ފާމުލަދޭރި ކިލެގެފާނު ވެރިންނަށް އެންގެވީ އެ މީހުން މާ ދުރަށް ގެންދާށޭ، އަވަށުގައެއް ނޫންހޭ އެ މީހުން އެތިބީ، ދެން އަހަރެމެން އެކޮޅަށް [ވަލުތެރެއަށް] ދާން ޖެހުނީ."
މިހާރުނޫހަށް ދެއްވި ބަސްދީގަތުމުގައި ހަތަރު ކުދިންގެ ބައްޕަ، އަބްދުﷲ ބުނެފައިވެއެވެ.
އަބްދުﷲ ގެ ޖަވާޒީ ހަޔާތް ފެށުނީވެސް ބަރާސިލު އަވަށުންނެވެ. އެއަވަށުގައި ހޭދަކުރި ދުވަސް ތަކުގައި އަބްދުﷲ 2 ކައިވެންޏެއް ކޮށްފައިވެއެވެ. ފުރަތަމަ އަނބިމީހާ ވިހެއުމުގެ ތެރޭގައި މަރުވީ އެވެ. އަލަތު އަނބިމީހާ މަރުވުމުން ދެ ވަނަ ކައިވެންޏަކާ ހަމައަށް އަބްދުﷲ ދިޔައީ ވެސް ބަރާސިލުންނެވެ. އޭނާ އަށް 4 ކުދިން ލިބުނީ އެ ކައިވެނިންނެވެ. އޭރު މުޅި އަތޮޅަށް މަޝްހޫރު ބޭސްވެރިއެއް ކަމަށްވާ އަދި މޮޅަދޫގެ ވެރިންގެ ތެރޭގައި ހިމެނުނު "ފެންނާދޮންމަނިކު" ވެސް ފައިލޭރިޔާ ޖެހިގެން ހުރީ ބަރާސިލުގައިކަމަށް އަބްދުﷲ އާއި ހަވާލާދީ މިހާރު ނޫހުގެ އާޓިކަލްގައި ބުނެފައިވެއެވެ.
އަބްދުﷲ ބުނި ގޮތުގައި އެކަހެރިކޮށް އުޅުނު ނަމަވެސް ފަންގިވިނުން ފަދަ މަސައްކަތްކޮށްގެން ރަށު ތެރެއިން ކާނެ އެއްޗެހި ކޮންމެވެސް ވަރަކަށް ލިބެ އެވެ. އަދި އިރުވައި މޫސުމުގައި ބާނާ މަސްތައް ހިފައިގެން ބަލި އަނބިން ކައިރިއަށް ގޮސް، ބައެއް މަސްވެރިން، މަސް ކައްކާ ވެސް އުޅުނެވެ. އެހެންކަމުން ބަރާސިލަށް އުފާވެރިކަން އަންނަ ދުވަސްތައް ވެސް އޭނާ އަށް ފެނިފައިވެ އެވެ. ވާހަކަ އާއި ރައިވަރު ފަދަ އެއްޗެހި ކިޔުމުގައި ފަހުން މުޅި އަތޮޅަށް މަޝްހޫރުވި ހުނަރުވެރިޔާ، ބަރާސިލުގައި ވެސް އެތައް ރައިވަރެއް އަމިއްލަ ހަދައި އުޅުނެވެ. އަދި ފެންނާދޮންމަނިކުގެ ޅެންވެރިކަމުގެ ބޭނުން ވެސް އޭނާ ހިފި އެވެ.
މިއާޓިކަލްގައި އިތުރަށް ބުނެފައިވެއެވެ.
މިބަސްދީގަތުމުގައި އަބްދުﷲ ބުނެފައިވާގޮތުން އެއިނާއާއިއެކު 11 މީހުން އެއަވަށުގައި އެކަހެރި ކުރިއެވެ. މޮޅަދޫގެ ބަރާސިލަށް ހަތް އަންހެނުންނާއި ހަތަރު ފިރިހެނުން ގެންދިޔަކަމަށް ބުނެވެއެވެ.
ވަކިން އުޅޭތާ 7 އަހަރުވީއިރު ބަރާސިލަށް ގެންދިޔަ 11 މީހުންގެ ތެރެއިން ސަލާމަތުން ތިބީ 8 މީހުންނެވެ. ބަލި މީހުންގެ ތެރެއިން ދެ އަންހެނަކާއި ފިރިހެނަކު އެތަނުގައި މަރުވިކަމަށް އަބްދުﷲ ބުނެފައިވެއެވެ. މީހުން އުޅޭ ސަރަހައްދަށް ދިއުމުގެ ވިސްނުން އެމީހުންގެތެރޭގައި އުފެދުމާއިއެކު އޭރު އެތަނުގައި ތިބި މީހުންގެ ދިރިއުޅުމަށް ފަސޭހަ ގޮތެއް ހަދައިދޭން އެދި ފެންނާދޮންމަނިކުގެ ސިޓީއެއް އަތޮޅު އޮފީހަށް ފޮނުވި އެވެ.
ފޮޓޯ؛ މިހާރު
"އަހަރެމެން ސިޓީގައި ލިއުނީ ކައިބޮއި އުޅެނީ ކިހިނެއްހޭ، މަހަށް، ފަރަށް ދެވޭ ގޮތަށް ސަރުކާރުން ހުއްދަ ދޭށޭ، ދެން ސަރުކާރުން އެންގީ ފައިގައި އުން ހުރިއްޔާ، އާންމު ރައްޔިތަކަށް ހަދާފައި ދޫކޮށްލާށޭ، ބަލި ދާން ޖެހޭ އެންމެ މައްޗަކަށް އެ ދިޔައިއްޔޭ. ދެން ފެންނާދޮންމަނިކު ވަޅި އަންދާފައި ވަޅި ދޮންކޮށްގެން ކަފާ ނެގީ. ހަބަރު ހުސްވި ކިތައްމެ ފަހަރަކު،"
އަބްދުﷲ ބުނާ ގޮތުގައި، 7 އަހަރު ފަހުން އޭނާއަކީ ބަލި ފަސޭހަވެގެން އަވަށަށް ދިއުމުގެ ހުއްދަ ލިބުނު ފުރަތަމަ ބަލިމީހާ އެވެ.
ގައިންގަޔަށް އަރާ ޖުޒާމް ބައްޔާއި ، ފައިފަލަ ބަލި އަދި ، ކެއްސުން ބަލިފަދަ ބަލިތައް ޖެހިފައިވާ މީހުން އެކަހެރިކޮށް ވަލަށްލައި ބޭއްވި ޒަމާނެއްވެސް މިގައުމުގައި އޮތެވެ. އެދުވަހު އެނޫން ހައްލެއް ފެންނާން ނެތަތީ ކަމުގައި ދެންނެވި ދާނެއެވެ.
ދިވެހިރާއްޖެ އިން ފައިލޭރިއާ ނުވަތަ ފައިފަލަ ބަލި ނައްތާލެވިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިއުލާނުކޮށް ސެޓްފިކޭޓް ހަވާލުކޮށްފައިވަނީ 2016 ވަނަ އަހަރުގެ 19 ވަނަ ދުވަހުއެވެ.
މަދިރީގެ ސަބަބުން ފެތުރޭ ފައިލޭރިއާ ބަލި ރާއްޖޭގައި އެންމެ ފަހުން ރިޕޯޓު ކޮށްފައި ވަނީ 2004 ވަނަ އަހަރު ލ. އަތޮޅު ފޮނަދޫއިންނެވެ. އޭގެ ފަހުން ރާއްޖެ އިން ފައިލޭރިއާ ނައްތާލެވިފައިވާކަން ޔަގީން ކުރުމުގެ މަސައްކަތް ބަލައި މޮނީޓަރު ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޓީމެއް 2011 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރި އެވެ. އަދި އެ ޖަމިއްޔާ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް، ރާއްޖޭގެ ފައިލޭރިއާ ޕްރޮގްރާމްގެ ހުރިހާ ތަފާސްހިސާބުތަކެއް ވަނީ 2015ގެ ކުރީކޮޅު އެ ޖަމްއިއްޔާ އަށް ހުށަހެޅި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!