ރަމަޟާން މަހުގެ ފަހު 10 މިހާރު މިވަނީ ބައްދަލުކޮށްފަ އެވެ. މި ބަރަކާތްތެރި މައްސަރުގެ ފަހު ދުވަސްތައް މިވަނީ ގުނަން ފެށިފަ އެވެ. އެހެންކަމުން ރަމަޟާން މަސް ނިމިގެންދާއިރު، އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަކީ ވަރަށް މުހިންމު ކަމެކެވެ.
ނަބިއްޔާ صلى الله عليه وسلم ހަދީޘް ކުރައްވާފައިވެ އެވެ. ރަމަޟާން މަހުގެ އޮނަހިރި ރޭތަކުގައި ލައިލަތުލްގަދުރި ވިލޭރޭވާ ކަމަށާއި އެ ރޭ ހޯދުމަށް ފަހު ދިހައިގެ މަސައްކަތް ކުރާށެވެ. ހަމައެކަނި އޮނަހިރި ރޭތަކެއް ނޫނެވެ. އެހެން ދުވަސްތަކުގައި ވެސް އަޅުކަންތަކާއި ޒިކުރުކުރުމުގައި ވަގުތުތައް ހޭދަކުރަންޖެހެ އެވެ.
ފަހު ދިހައިގެ ހުރިހާ ރެއެއްގައި ވެސް އަޅުކަންތަކާއި ހެޔޮ އަމަލުތައް ކުރުމުގައި ދެމިތިއްބެއްޖެނަމަ އެމީހަކަށް ލައިލަތުލްގަދުރުވިލޭރޭ ލިބޭނެ އެވެ. އަދި ފަހު ދިހައިގެ އެންމެ ރޭތަކުގެ ސަވާބު ވެސް ލިބިގެންދާނެ އެވެ.
ނަބިއްޔާ صلى الله عليه وسلم ރޯދަ މަސް ހޭދަކުރައްވާފައިވާ ގޮތުގައި ހާއްސަކޮށް ފަހު ދިހައިގައި ޤުރުއާން ކިޔުއްވުން އިތުރުކުރައްވަ އެވެ. އިއުތިކާފުގައި އިންނަވަ އެވެ. ރަސޫލާގެ ފަހު ރޯދަ މަހުގެ ފަހު 20 ދުވަހު އިއުތިކާފުގައި އިންނަވާފައިވެ އެވެ. އެ ނޫން ރޯދަ މަސްތަކުގައި އިންނެވީ ފަހު ދިހަ ދުވަހު އެވެ. އިއުތިކާފުގައި އިނުމަކީ މިސްކިތުގައި ވީހާވެސް ގިނައިރު އިނުމެވެ.
عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ كَانَ النَّبِيُّ صلى الله عليه وسلم إِذَا دَخَلَ الْعَشْرُ شَدَّ مِئْزَرَهُ، وَأَحْيَا لَيْلَهُ، وَأَيْقَظَ أَهْلَهُ. (صحيح البخاري، كتاب فضل ليلة القدر، باب الْعَمَلِ فِي الْعَشْرِ الأَوَاخِرِ مِنْ رَمَضَانَ)
ޢާއިޝާ رضى الله عنها ގެ ކިބައިން ރިވާވެގެން ވެއެވެ. ފަހު ދިހަ ވަނުމުން ނަބިއްޔާ صلى الله عليه وسلم ރޮދިގަނޑު ބާރުުކުރައްވައެވެ. (އެބަހީގަދައަޅައި މަަސައްކަތްކުރައްވައެވެ.)، ރޭތައް އިޙްޔާކުރައްވައެވެ. އެކަލޭގެފާނުގެ އަހުލުވެރިންނަށް ގޮވައިލައްވައި ހޭލައްވަވައެވެ. (ޞަޙީޙުލް ބުޚާރީ، ޙަދީޘު: 2024)
އަޅުކަމުގެ މިމޫސުމުގެ ފައިދާ ލިބިގަނެ ދެދުނިޔޭގެ ޙަޔާތް ބާއްޖަވެރިކުރުމަށްޓަކާ މިމޫސުމާ ކުރިމަތިލާން ޖެހެނީ ވަރަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ.
މި ޙަދީޡުން އެނގޭ ގޮތުގައި ފަހު ދިހަ އައުމުން ރަސޫލުﷲ صلى الله عليه وسلم އަޅުކަމުގައި ބުރަކޮށް މަސައްކަތްކުރެއްވުމަށް އެކަލޭގެފާނުގެ 'ރޮދިގަނޑު ބާރުކޮށްލައްވަ' އެވެ. އަދި މުޅި ރޭ އަޅުކަމުގައި ހޭދަކުރައްވައެވެ. އޭގެ އިތުރަށް، އެހެން ބޭފުޅުންވެސް ރޭއަޅުކަމަށް ނިދީން ތެދުކުރައްވައެވެ.
ފަހު ދިހައިގައި ކުރެވިދާނެ ބައެއް ކަންކަން މިފުރުސަތުގައި ފާހަގަކޮށްލާނަމެވެ.
1- ޝަރުޠު ހަމަވާ، އިޚްލާޞްތެރި ތައުބާއަކުން ތައުބާވެ، ފަހު ދިހައިގައި ފާފަ ފުއްސެވުމަށާއި، ލައިލަތުލް ޤަދްރި ލިބޭ މީހުންގެ ތެރެއިން ލެއްވުމަށް އެދި ގިނަގިނައިން ދުޢާކުރުން.
2- ކީރިތި ޤުރްއާން ކިޔެވުން ގިނަކުރުން. ޚާއްޞަކޮށް ރޭއަޅުކަމުގައި ގިނައިން ޤުރްއާން ކިޔެވުން.
3- ވީހާވެސް ގިނައިން ހެޔޮ ޢަމަލުކޮށް، ފަހު ދިހައިގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް ޢަޒުމްކަޑައެޅުން.
4- ރޫޙާނީ ގޮތުންނާއި، ޢިލްމީ ގޮތުންނާއި، އިޖްތިމާޢީ ގޮތުން ތިމާ ފަހު ދިހައިގައި ކުރާނެ ކަންކަމުގެ ތާވަލެއް އެކުލަވައިލުން. އެ ތާވަލުގައި ދުނިޔަވީ ކަންކަން ވީހާވެސް މަދުކޮށް، އަޅުކަަމަށް ދެވޭ ވަގުތު އިތުރުކުރުން.
5- ފަހު ދިހައަކީ ކުޑަ ދުވަސްކޮޅެއްކަން ހަދާންކޮށް، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ނަފުސަށް މާބޮޑަށް ބުރަ ނުވާނެ ގޮތަށް ތިމާގެ ޢަމަލުތައް ރާވައިލުން.
6- ރޯދަވެރިންގެ ތެރެއިން ނިކަމެތި ފަޤީރުންނަށް ޞަދަޤާތްކުރުމާއި، ހެޔޮ މަގުން އެއްފަރާތްވާ ފަރާތްތަކަށް ނަސޭހަތްދީ އެމަގަށް އެޅުވުމަށް މަސައްކަތްކުރުން ފަދަ ކަންކަން ގިނަ ކުރުން.
7- އިޢުތިކާފަށް އިނުމުގެ ފުރުޞަތު ފަހިވެއްޖެނަމަ އިޢުތިކާފަށް އިނުން.
ދެންނެވުނު ފަދައިން ޢަމަލުކުރެވިއްޖެނަމަ، ރަމަޟާންމަހުގެ ފަހު ދިހައިގެ ފައިދާ އެންމެ ހެޔޮގޮތުގައި ލިބި، ރަމަޟާންމަސް ނިމޭއިރު ފުއްސެވުމާ ދިންނެވުން ލިބޭ މީހުންގެ ތެރެއިން ތިބާވެގެން ދާނެއެވެ. ކީރިތި ﷲ އަޅަމެން އެންމެންނީ ރަމަޟާންމަސް އެންމެ ހެޔޮ ގޮތުގައި ވޭތިކުރާ މީހުން ކަމުގައި ލައްވާށިއެވެ. އާމީން.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!