ކޯވިޑް-19 ހާލަތުގައި ބޭނުން ކުރެވޭނެ ބައެއް ތަކެތި، އައްޑު އަތޮޅުގެ ހިތަދޫއަށް ނިސްބަތްވާ ފުޓްބޯޅަ ކުލަބެއް ކަމުގައިވާ އެފްސީ ޒެފިއާ އިން ހދ. ހަނިމާދޫއަށް ހަދިޔާ ކޮށްފިއެވެ.
މިގޮތުން މިއަދު ހަދިޔާ ކުރި މިތަކެތި އެފްސީ ޒެފިއާގެ ފަރާތުން ހަނިމާދޫ ކައުންސިލަށް ހަވާލު ކޮށްދެއްވީ އަޙުމަދު ނާފިޒްއެވެ. ހަނިމާދޫ ކައުންސިލްގެ ފަރާތުން އެތަކެއްޗާއި ހަވާލުވެލެއްވީ ކައުންސިލްގެ ރައީސް އަބްދުލް ސަލާމް ޢަލީ އެވެ.
" ރާއްޖޭގެ ދެ ބިތުގައި ތިބި ކަމުގައި ވިޔަސް ދިވެހިންނަކީ އެއްބައިވަންތަ އަހުވަންތަ ބައެއްކަން މިކަމުންވެސް އެނގިގެންދޭ " އަބުދުއްސަލާމް ޢަލީ، ހަނިމާދޫ ކައުންސިލް ރައީސް
މި ތަކެއްޗާއި ހަވާލުވެ ވަހަކަ ދަށްކަވަމުން ކައުންސިލްގެ ރައީސް ވިދާޅުވީ މިފަދަ ދަޑިވަޅެއްގައި އެފްސީ ޒެފިއާ މިހަދީ ކޮށްދެއްވީ ވަރަށްވެސް ބޭނުން ތެރި ހަދިޔާއެއް ކަމަށެވެ. އަދި މިފަދަ އެހީއެއް ފޯރުކޮށްދިން ކަމަށްޓަކައި، ހަނިމާދޫ ކައުންސިލްގެ ނަމުގަޔާ ހަނިމާދޫގެ ރައްޔިތުންގެ ފަރާތުން އެފްސީ ޒެފިއާއަށް ޝުކުރު އަދާ ކުރާކަމަށެވެ.
އަދި އިތުރަށް ވިދާޅުވީ ރާއްޖޭގެ ދެ ބިތުގައި ތިބި ކަމުގައި ވިޔަސް ދިވެހިންނަކީ އެއްބައިވަންތަ އަހުވަންތަ ބައެއްކަން މިކަމުންވެސް އެނގިގެންދާ ކަމަށެވެ.
މިއަދު އެ ކުލަބުން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ ހޭންޑް ސެނެޓައިޒަރ ޖެލް 500 އެމްއެލް 4 ފުޅިއާއި، ހޭންޑް ސެނެޓައިޒަރ ލިކުއިޑް 1 ލީޓަރ 4 ފުޅި އާއި، ހޭންޑް ސެނެޓައިޒަރ ޖެލް 240 އެމްއެލް 14 ފުޅިއާއި، ސާރފެސް ޑިސްއިންފެކްޓަރ 500 އެމްއެލް 4 ފުޅިއާއި، 150 މާސްކުގެ އިތުރުން 300 އަންގިއެވެ.
މިކަމާއި ގުޅިގެން ހަނިމާދޫ ކައުންސިލްގެ ރައީސް މި "ތިލަދުން" އަށް ވިދާޅުވީ، އައްޑޫގެ ކްލަބެއްގެ މި ދީލަތިއެހީއަކީ މިވަގުތަށް ރަށަށް ވަރަށް ބޭނުން ބޮޑުވެފައިވާ އެހީއެއް ކަމަށެވެ. މިތަކެތި ލިބުނީ އެ ރަށުގައި ކޯވިޑް-19 އާއި ގުޅިގެން ކުރީ ސަފުގައި މަސައްކަތް ކުރާ މީހުން ބޭނުން ކުރާނެ މިފަދަ އާލާތް ނެތިފައި ވަނިކޮށް ކަމަށްވެސް ސަލާމް ވިދާޅުވިއެވެ.
ސަލާމް ވިދާޅުވީ ކައުންސިލުންވެސް ވަނީ ފޮތި ގެނެސް އެރަށުގެ ސިޓީ ހޮޓަލަށް މާސްކު ފެހުމަށް ހަވާލުކޮށްފައި ކަމަށެވެ. އެރަށުގެ ސިޓީ ހޮޓަލުން މާސްކު ފަހައިދެނީ ހިލޭ ކަމަށާއި، އެކަށޭނަ ޢަދަދަކަށް ފެހިއްޖެ ނަމަ އިސް ސަފުގައި މަސައްކަތް ކުރާ މީހުންގެ އިތުރުން ގޭގެއަށްވެސް ވީ ވަރަކުން މާސްކު ދޭން ނިންމާފައިވާ ކަމަށް ސަލާމް ވިދާޅުވިއެވެ. މިހާރު ސިޓީ ހޮޓަލުން ދަނީ 500 މާސްކު ފެހުމުގެ މަސައްކަތް ކުރަމުން ކަމަށްވެސް ސަލާމް ވިދާޅުވިއެވެ.
މިއަދު ހަނިމާދޫއަށް އެހީތެރިކަން ފޯރުކޮށްދިން އެފްސީ ޒެފިއާ އަކީ 1990 އިން ފެށިގެން އައްޑޫ ހިތަދޫގައި ގައި ހަރަކާތް ތެރިވަމުން އަންނަ ފުޓްބޯޅަ ކުލަބެކެވެ. މިކުލަބުން މީގެކުރިން ވަނީ އައްޑޫ އަށްވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!