"މީ މައެއް ނިކަމެތި ދަރިންކޮޅު، އުނގުމަތީގައި ނިންދަވާ" މިއީ މިހާތަނަށް ގުރޭޓަރ މާލޭގެ ތޮއްޖެހުމާއި ގުޅޭގޮތުން ބެލުނު އެންމެ އަސަރުގަދަ ވީޑިއޯއެވެ. އެންމެ އަސަރު ގަދަ ލަވައެވެ. ނޯމަލް ކަމުގައި ބަލައިގެން އެތައްބަޔަކު އުޅެމުން އަންނަ އަސަރުގަދަ ހިތްދަތި ދިރިއުޅުމުގެ ވާހަކަ އެވެ. މިކަހަލަ ވީޑިއޯ ތަކާއި ފޮޓޯތަށް އާންމުކޮށް އިންތިހާބު ތަކާއި ދިމާކޮށް ފެންނަމުން ދެއެވެ. އިންތިހާބު ކާމިޔާބު ވުމާއިއެކު އެކަން މަތިން ހަނދާންނެތި އަނެއްކާވެސް ދެން އަންނަ އިންތިހާބަކަށް އެވާހަކަތައް ފޮރުވާފައި ބާއްވަނީ ވޯޓު ހޯދަން ގެންގުޅޭ އެންގަނޑެއްގެ ގޮތުގައެވެ. މިއީ އެންމެ ގަދަޔަށް ދެކެވޭ ހައްލެއް ނުލިބި އޮތް ވާހަކައެވެ.
ދައްކަން މިއުޅެނީ ރާއްޖޭގެ މަޝްހޫރު ނޫސްވެރިޔާ މުޙައްމަދު އާސިފް (މޮންދު) މީސްމީޑިޔާއަށް ދޫކޮށްލެއްވި އަސަރުން ފުރިގެންވާ ލަވައެއްގެ ވާހަކައެވެ. މިލަވަ މީސް މީޑީޔާއަށް ދޫކޮށްލަމުން 10 މިނެޓުގެ މިލަވައާއި ބެހޭގޮތުން ކުރާނެ ހުރިހާ ސުވާލަކަށް މިވަނީ ޖަވާބު ދެއްވާފައެވެ. ވަރަށް ވެސް ދިގުކޮން ވަރަށް ތަފްސީލްކޮން މިލަވައާއި ބެހޭ ގޮތުން މޮންދު ލިއުއްވާފައިވާ ލިއުއްވުން ތިރީގައި ހިއްސާކޮށްލާނަމެވެ.
މާލޭގައި ދިރިއުޅޭ ބައެއް ޢާއިލާތަކަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަމާއި ދިރިއުޅެން ޖެހިފައިވާ ނިކަމެތި ޙާލަތުގެ ވާހަކައަކީ އަބަދުމެ ދެކެވޭ، އިވޭ ވާހަކަތަކެކެވެ. މިކަން ހައްލުކޮށްދިނުމުގެ ވާހަކައާއި އުއްމީދު އާކޮށްދޭ ވާހަކަތަކަކީވެސް އިވޭ ވާހަކަތަކެވެ. ނަމަވެސް މިއަދާ ހަމައަށްވެސް މިކަމަށް އެދެވޭ ހައްލެއް ލިބިފައިނުވާ މި ބޮޑު މައްސަލަ، މިދުވަސްވަރު އިޙްސާސްކުރެވޭ މިންވަރު ބޮޑެވެ. ފުރަބަންދުގައި ގޭބަންދުވެ ތިބޭއިރު، ޚާއްޞަކޮށް މާލޭގެ ބައެއް ޢާއިލާތަކަށް ގެއަކީ ގެއެއް ނޫނެވެ. ގޭގައި ތިބި ނަމަވެސް އެތިބެވެނީ ކޮށްޓެއްގައެވެ. ގޮޅިއެއްގައެވެ. ފުރަބަންދުގައި މަހަކަށްވުރެ ގިނަ ދުވަސް ހޭދަވެގެން ގޮސްފައިވާއިރު، މި ޙާލަތުގައި ތިބި ބައެއް ފަރާތްތަކުން ތަޙައްމަލްކުރާ ދަތި އުނދަގޫތައް ވަޒަންކުރެވެއެވެ. ގެއިން ބޭރަށް ނުނިކުމެ ދިގު މުއްދަތަކަށް މިހެން ތިބެންޖެހުމުން ކުރެވޭނެ އިޙްސާސްތައް ތަޞައްވަރުކުރެވެއެވެ. އެ އުދާސްތަކާއި ކެކުޅުންތައް ބައެއް ފަރާތްތަކުން އަޅުގަނޑާ ޙިއްސާކުރަމުން ދާތީއެވެ. މި އުދާސްތައް އިވިފައި ހިތާހިތާ ސުވާލުކުރެވުނެވެ. ގެދޮރުގެ ދަތިކަމަކީ ހައްލު ނުކުރެވޭނެ ކަމެއްހެއްޔެވެ؟ އިޚްލާސްތެރި ނިޔަތެއްގައި ބަޔަކު މަސައްކަތް ކޮށްފިނަމަ މިއީ ކުރެވޭނެ ކަމެއް ނޫންހެއްޔެވެ؟
މި ސުވާލުތައް ހިތަށް އަރާ ފައިބަމުން ދަނިކޮށް އަޅުގަނޑުގެ އެކުވެރި ކުޅަދާނަ ޅެންވެރިޔާ އަދި މަޝްހޫރު ފިލްމީ ފަންނާނު ޢީސާ ޝަރީފް އަޅުގަނޑަށް މެސެޖެއް ކުރެއްވިއެވެ. އޭނާގެ ޅެމެއް ޙިއްޞާކުރެއްވީއެވެ. މި ދުވަސްވަރާ ގުޅޭ ވަރަށް ޢިބްރަތްތެރި، ހިތްގައިމު ޅެންތައް މިފަހަކަށް އައިސް ޢީސަ ގެންދަވަނީ ޙިއްސާ ކުރައްވަމުންނެވެ. އަޅުގަނޑު، ފުރުޞަތުގެ ބޭނުން ހިފައި ޢީސަ ގާތުން ކަމަކު އެދުނީމެވެ. އަޅުގަނޑުގެ ސިކުނޑީގައި އެބުރެމުންދާ މައުޟޫޢު "ގެއަކީ އެންމެންނަށް ގެއެއް ނޫނެވެ"، ޢިސަ އާ ޙިއްސާކުރީމެވެ. އަދި އަޅުގަނޑުގެ ޚިޔާލުތައް ބަންޑުން ކޮށްލީމެވެ. ޢީސަވެސް މިކަމާ ގަޔާވެލައްވައި، ދެފަރާތުން ޚިޔާލު ބަދަލުކުރީމެވެ. އުފެއްދުންތެރި ފަންނާނެއްގެ ފުށުން ލިބޭނެ އެންމެ ފުރިހަމަ ބައިވެރިވުން ލިބި، މާ ގިނައިރެއްނުވެ ޅެމެއް އުފަންވެއްޖެއެވެ. ނިކަމެތި މަންމައެއްގެ އުދާސްތަކެކެވެ. 3 ދަރިންނާއި ދެމަފިރިން ކޮޓަރިއެއްގައި ދިރިއުޅުން ވޭތުކުރަމުންދާ ގޮތުގެ ވާހަކައެވެ. ބޮޑު މަންޒަރު ދައްކައިދިނުމަށް، އެފަދަ ހާލަތެއްގައި އުޅޭ މީހެއްގެ ނަޒަރުން ސިފަކޮށްދެވިއްޖެނަމަ، މެސެޖް ވާޞިލްކޮށްދިނުމަށް ފަސޭހަވާނެކަމަށް އަޅުގަނޑު ޢީސަ އަށް ދެންނެވީތީއެވެ. ވަރަށް ފުރިހަމައެވެ.
މި ޅެން ލަވައަކަށް ބަދަލުކޮށް ރެކޯޑިންގ ހެދުމަށް ޢީސަ އިސްނެންގެވިއެވެ. ޢީސަ ދިރިއުޅުއްވަނީ ހިރިލަންދޫގައެވެ. އެރަށުގައި އޯޑިއޯ ރެކޯޑިންގ ސްޓޫޑިއޯ އެއްވެސް ހުރެއެވެ. ޢިސަ އަކީ މިޔުޒިކަށްވެސް ކުޅަދާނަ ބޭފުޅެކެވެ. އަދި ޢީސަގެ ޢާއިލާ އާއި ގާތްތިމާގެ ބޭފުޅުންވެސް މި ފަންނުގައި ޙަރަކާތްތެރިވާތީ ޢީސައަށް މިއީ އުނދަގޫ ކަމަކަށް ނުވިއެވެ. އުނދަގޫ ކަމަކަށް ދިމާވީ އަންހެން އަޑެއް ހޯދުމެވެ. އެކަމަށްވެސް ޢީސަ މަގެއް ހޯއްދެވިއެވެ. ރާފިޔަތު ރަމީޒާގެ ހިތްގައިމު އަޑު މާލެއިން މޯބައިލް ފޯނަށް ރެކޯޑްކުރައްވައިގެން ހިރިލަންދޫ ސްޓޫޑިއޯ އަށް ގެންގޮސް ފައިނަލް މިކްސިންގ ހެއްދެވީއެވެ. ލަވައިގެ ވީޑިއޯ މަސައްކަތް ކުރެވޭނެ ގޮތަކާމެދު އަޅުގަނޑު އޭރު ދިޔައީ ވިސްނަމުންނެވެ. ގެއިން ބޭރަށް ނުނިކުމެވޭތީ ވަރަށް އުނދަގޫ ކަމަކަށް އެކަން ވެއްޖެއެވެ. މިކަމުގެ އެހީއަށް އެދުނު އެއްވެސް ފަރާތަކުން އެދެވޭ އިޖާބައެއް ނުލިބުމުން އެކަން ކުރެވިދާނެ ގޮތެއް އޮތްތޯ ޢީސަ އަށް ދެންނެވުނެވެ. ކުޅަދާނަ ޑައިރެކްޓަރަކަށް ވީމަޔާވެސް އެކުއެވެ. ފަސޭހައިން ވީޑިއޯ އެކުލަވާލެވިދާނެ ގޮތުގެ ޚިޔާލުވެސް އެރުވީމެވެ. ވަގުތުން އެކަމަށް އެއްބަސްވެލައްވާ ސައުވީސްގަޑިއިރު ނުވަނީސް އެކްޓަރުން ހޯއްދަވައި، މޯބައިލް ފޯނުން މުޅި ލަވައިގެ ވީޑިއޯ ޝޫޓްކުރައްވައި ދަރިފުޅުގެ އެހީގައި ޕޯސްޓް ޕްރޮޑަކްޝަން ހައްދަވައި އަޅުގަނޑަށް ލަވައިގެ ވީޑިއޯވެސް ޢީސަ ފޮނުއްވައިފިއެވެ. އަޅުގަނޑު ހައިރާންވެ އަންތަރީސް ވިއެވެ. މިކަމަށް ބެހެއްޓެވި ޝައުޤާއި ދެއްވި އިސްކަމަށެވެ. ވަޞީލަތްތައް މަދު މާހައުލެއްގައި، އެހާމެ އުނދަގޫ ހާލަތެއްގައި ޢީސާ ޝަރީފް މިކުރެއްވީ އާދަޔާ ޚިލާފު މަސައްކަތެކެވެ. ޢީސައަށް ހަމަ ސާބަހެވެ. ޝުކުރިއްޔާއެވެ. ލަވައިގައި އެކި ގޮތްގޮތުން ބައިވެރިވެލެއްވި އެންމެހާ ފަރާތްތަކަށް އަޅުގަނޑުގެ އިޚްލާސްތެރި ޝުކުރު ރައްދުކުރަމެވެ. މިލަވައިގައި އަޅުގަނޑަށް ކުރަން ޖެހުނުހާވެސް ކަމަކީ ލަވައިގެ މަންޒަރުގެ މައްޗަށް ޅެމުގެ ޓެކްސްޓް އެރުވުމެވެ. ލަވައިގަ ބުނާ ވާހަކަތައް ވިސްނައިދިނުމަށް ބާރަކަށް ވާނެތީއެވެ.
"މީ މައެއް" ލަވައަކީ ފަންނީގޮތުން އެންމެ ފުރިހަމަ ލަވައަކަށް ނުވެދާނެއެވެ. އަދި ލަވައިގަ ބުނެދޭން އުޅޭ ވާހަކަތައް އެންމެ ފުރިހަމައަށް ބުނެދެވިފައި ނުވެދާނެއެވެ. ނަމަވެސް، ކޮވިޑް-19 ގެ މި އުނދަގޫ ހާލަތުގައި މިވަރު ކުރެވުނީތީ އުފާކުރަމެވެ. އަދި ދަތި ހާލުގައި ދިރިއުޅެމުންދާ ކޮންމެ މީހެއްގެ ހާލަތުގެ ކުޑަ މިންވަރެއް ނަމަވެސް ދެންތިބީންނަށް އިޙްސާސްކުރެވި، އެކަމާމެދު ފިކުރުކޮށްލަން ސިކުންތެއް ހޭދަކުރި ނަމަވެސް، ޢީސަ އާއި އަޅުގަނޑުގެ މަޤްޞަދު ޙާސިލްވީއެވެ.
މިއީ ކުރު ލަވައެއް ނޫނެވެ. 10 މިނެޓް ހޭދަކުރައްވައިގެން ލަވަ ބައްލަވައިލެއްވުމަކީ އަޅުގަނޑުމެންގެ އެދުމެކެވެ. ގެއަކީ ހިތްހަމަޖެހޭ އުފާވެރި ތަނަކަށްވެ، ކޮންމެ މީހަކަށްވެސް "މީއީ މަގޭ އުފާވެރި ގެއޭ" ބުނެވޭނެ ދުވަހަކަށް އިންތިޒާރުކުރަމެވެ. އަދި ރާއްޖޭގެ، ޚާއްޞަކޮށް މާލޭގެ ގެދޮރުގެ ދަތިކަން ފިލައި، މި ރީތި ޖަޒީރާ ރާއްޖޭގެ ހިތްގައިމު ޤުދްރަތީ މާހައުލުގެ އުފާވެރިކަމާއި ހިތްހަމަޖެހުން ލިބޭނޭ ގޮތުގެ މަތީން އެންމެންނަށް ދިރިއުޅުމުގެ ތަނަވަސްކަން މިންވަރުކޮށްދެއްވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.
މިއީ މިލަވަ މީސްމީޑިޔާއަށް ދޫކޮށްލަމުން މޮންދު ލިޔެފައިވާ ދިގު ލިއުން ކޮޅެވެ.
މިލަވަ ބައްލަވާ ލައްވާށެވެ. ސިޔާސީވެރިން އިންތިހާބުތަކުގައި މި ވާހަކަ ދެއްކި ފަދައިން މިއަދު މިވާހަކަ ދައްކަން މިތިބީ މިހާލަތުގައި އުޅޭ މީހުންނެވެ. ނުރޯ ދަރިއަކަށް ކިރެއް ނުލިބޭނެއެވެ. މިއީ ވަރަށް ފުރިހަމަ މަސައްކަތެކެވެ. މިވީޑިއޯ ލަވައިން އެތައްބަޔެއްގެ ހިތްތަކަށް އަސަރު ކުރުވާނެކަން ޔަޤީނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!