އުތުރުން ކޯވިޑް-19 އަށް މިހާތަނަށް 11 މީހަކު ޕޮޒިޓިވް ވެފައިވާ ށ. ނަރުދޫގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ އަތޮޅު ގޮއިދޫ ޒުވާނުންގެ ފަރާތުން، ރޯ މަސް ހަދިޔާކޮށް ނަމޫނާ ދައްކައިފިއެވެ.
މިގޮތުން ގޮއިދޫ ޒުވާނުން ވަނީ ނަރުދޫގެ ކޮންމެ ގޭ ބިސީއަކަށް 4 ކިލޯ ރޯމަސް ހަދިޔާ ކޮށްފައިއެވެ. އެ މަސައްކަތުގައި އިސްކޮށް އުޅު ގޮއިދޫ ޒުވާނެއް ކަމަށްވާ އިބްރާޙީމް ނިސާމް "ތިލަދުން"އަށް ބުނީ ގޮއިދޫ ޒުވާނުންގެ ފަރާތުންނާއި، ގޮއިދޫ ރައްޔިތުންގެ ނަމުގައި ނަރުދޫގެ އަޚުންނާއި، އުޚުތުންނަށް އެހީތެރިވެދި ނުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ނިޝާމްވަނީ މިމަސައްކަތުގައި ބައިވެރިވި ޒުވާނުންގެ ފަރާތުން ގޮއިދޫ ރައްޔިތުން ދިން އެއްބާރު ލުމަށާއި، ނަރުދޫ ރައްޔިތުންނާއި، ނަރުދޫ ކައުންސިލާއި އެރަށުގެ ކޯވިޑް-19 ޝޯސަލް ސަޕޯޓް ޑެސްކުން ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.
ގޮއިދޫ ޒުވާނުންގެ ފަރާތުން ނަރުދޫ ކޮންމެ ގޭ ބިސީއަކަށް ހަދިޔާ ކުރި ރޯމަސް 4 ކިލޯގެ ޕެކޭޖުގައި ހިމެނެނީ 2 ކިލޯ ފަރުމަހާއި، 2 ކިލޯ މުށިމަހެވެ.
ނިޝާމް ބުނީ މަސް ބާނައި، ޕެކްކޮށް ނަރުދޫއަށް މިއަދު ފޯރުކޮށް ދިނުމާއި ހަމައަށް މަސައްކަތަށް 3 ދުވަސް ހޭދަ ވެފައިވާ ކަމަށެވެ. މި ހަދިޔާ ނަރުދޫގެ ގޭ ބިސީތަކަށް ފޯރުކޮށް ދީފައި ވަނީ ކޮންމެ ގެޔަކަށް 4 ކިލޯ މަހުގެ ވަކި ޕެކޭޖެއް ހަދައި، ބަންދު ކޮންގެންނެވެ.

މިކަމާއި ގުޅިގެން ނަރުދޫ ކައުންސިލްގެ ރައީސް އަޙުމަދު އާރިފް ވިދާޅުވީ ނަރުދޫގެ ރައްޔިތުންނަށް ދިމާވެފައިވާ މި މާޔޫސް ދަނޑިވަޅުގައި ގޮއިދޫ ޒުވާނުން މި ފަދަ އެހީތެރިކަމެއް ފޯރުކޮށް ދިނުމުން ނަރުދޫ ރައްޔިތުން ތިބީ ވަރަށް އުފަލުން ކަމަށެވެ.
އެހެންކަމުން މި އެހީތެރިކަމަށްޓަކައި ގޮއިދޫ ޒުވާނުންނަށާއި، ގޮއިދޫ ރައްޔިތުންނަށް ޝުކުރު ދަންނަވާ ކަމަށްވެސް އާރިފް ވިދާޅުވިއެވެ.
ނަރުދޫ ރައްޔިތުން މިވަގުވެސް ތިބީ އެ ރަށުން ކޯވިޑް ކޭސްތަކެއް ފެނުމާއި ގުޅިގެން ފުރަބަންދުގެ ހާލަތުގައިއެވެ. މިހާލަތުގައި އެ އަތޮޅުގެ ގޮއިދޫން މިދައްކައި ދިނީ އެއްބައި ވަންތަ ކަމުގެ މިސާލެކެވެ.
ނަރުދޫން މިހާތަނަށް ވަނީ ކޯވިޑަށް ޓެސްޓް ކުރުމަށް 52 މީހެއްގެ ސާމްޕަލް ނަގައިފައެވެ. އޭގެ ތެރެއިން ޕޮޒިޓިވް ވީ ބާރަ މީހުން ފިޔަވައި ބާކީ ތިބި އެންމެންގެ ނަތީޖާ ލިބިފައިވާ އިރު އެ އެންމެން ވަނީ ނެގެޓިވް ވެފައެވެ.
ނަރުދޫ ރައްޔިތުންނަށް ވެލާ ރިސޯޓުން މީގެ ކުރިންވަނީ ސިއްހީ ބައެއް ތަކެތި ހަދިޔާ ކޮށްފައެވެ. ވެލާ ރިސޯޓުން ނަރުދޫއަށް ހަދިޔާ ކުރި ތަކެތީގެ ތެރޭގައި ހިމެނެނީ 3000 އަންގިއާއި، 3000 މާސްކާއި، 110 ޕީޕީއީ އަދި 2500 ގުޅަ ޕެނެޑޯލެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!