ރާއްޖެއަށް ކުރިމަތިވެފައިވާ ކޯވިޑް-19 ގެ ބަލި މަޑުކަމުގެ ހާލަތުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާ ހުއްޓުމަކަށް އައިސް، ފަތުރުވެރިން ގެނައުން މެދުކަނޑާލާފައިވާ މި ދަނޑިވަޅުގައި، ރިސޯޓްތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން 600 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ ރަށަށް ދާން އެދިފައި ވާކަމަށް ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޢަލީ ވަޙީދު ވިދާޅުވީ އެ މުވައްޒަފުންނަކީ މާލެ ވެސް ނައިސް، އަދި އިތުރު ކަރަންޓީނަކާ ވެސް ނުލައި ސީދާ ރަށަށް ދެވޭނެ މީހުން ކަމަށެވެ. އިރާދަކުރެއްވިއްޔާ އެ މުވައްޒަފުން ރަށަށް ފޮނުވައިދޭނެ ކަމަށްވެސް މިނިސްޓަރު ޢަލީ ވިދާޅުވިއެވެ.

Ad
rt

މިނިސްޓަރު ވަނީ ކުރިންވެސް ރިސޯޓުތަކުގައި ތިބި މުވައްޒަފުން ތެރެއިން އެމީހުންގެ ރަށަށް ދާން ބޭނުން މީހުންނަށް ރަށަށް ފޮނުއްވައި ދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މިހާލަތުގަައިވެސް 100 އަށް ވުރެ ގިނަ ރިސޯޓުން ލޭންޑް ރެންޓް ދައްކާފައިވާ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައިއެވެ.

ނޫސްވެރިންގެ ބައްދަލްވުމުގައި މިނިސްޓަރު އަލީ ވަހީިދު ވިދާޅުވީ އިގްތިސާދީ ގޮތުން ކިތަންމެ ބޮޑު ގެއްލުމެއް ވީނަމަވެސް ރިސޯޓް އޯނަރުންގެ ފުރިހަމަ އެހީތެރިކަން ސަރުކާރަށް ލިބެމުންދާ ކަމަށެވެ.

ކަރަންޓީނަށާއި އެކި ބޭނުންތަކަށް މުޅި ރާއްޖޭގައި 500 އަށް ވުރެ ގިނަ ކޮޓަރި މިހާރު ވާނީ ހޯދާފައިވާ ކަމަށާއި، މީގެ އިތުރުން ހުޅުމާލެ އިން 500 ކޮޓަރި ވާނީ ހޯދާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މާލޭގައި ތިބި މީހުންގެ ތެރެއިން 5000 އެއްހާ މީހުން އެކި ތަންތަނަށް ފުރައިގެން ދާން ބޭނުން ވެގެން އެދިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މިހާތަނަށް ލިބިފައިިވާ މައުލޫމާތަށް ބަލާއިރު ފަސް ހާހެއްހާ ރައްޔިތުން އެބަ ރިކުއެސްޓް ކުރޭ މާލެއިން ފުރައިގެން ރަށްރަށަށް ދާން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޢަލީ ވިދާޅުވީ މިހާ ގިނަ އަދަދެއްގެ މީހުން މާލެއިން ފުރަން އެދިފައި ވާއިރު، އެންމެން ރަށްރަށަށް ފޮނުވައިގެން ކަރަންޓީނު ކުރެވޭނެ ކެޕޭސިޓީ މިހާރު ހުރި މަރުކަޒުތަކުގައި ނުހުންނާނެ ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށެވެ.

ރާއްޖޭން ކޯވިޑް-19 ޕޮޒިޓިވްވީ މީހުންގެ އަދަދު މިހާތަނަށް ވަނީ 862 އަށް އަރާފައިއެވެ.