ސައުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ކަދުރުގެ ތެރިން ހދ އަތޮޅު 13 ރަށަށް ޖުމްލަ 150.4 ކޭސް (1504 ޕެކެޓު) ކަދުރު ހދ އަތޮޅު ކައުންސިލަށް ލިބިފައިވާކަމަށް ހދ އަތޮޅު ކައުންސިލުން ބުނެފިއެވެ.

ހދ. އަތޮޅު ކައުންސިލްގެ ވައިކަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ވަސީމް ވިދާޅުވީ 150.04 ކޭސް ކަދުރު މިއަދުގެ ހެނދުނުގެ ވަގުތެއްގައި އެކައުންސިލަށް ލިބިފައިވާކަމަށެވެ. އޭގެތެރެއިން 9 ރަށަކަށްވާ ކަދުރު މިއަދުގެ ވަގުތެއްގައި ފޮނުވިފައިވާ ކަމަށާއި ބާކީ އޮތް 4 ރަށަށް ފޮނުވުމުގެ މަސައްކަތް އެކައުންސިލުން ކުރަމުން އަންނަ ކަމަށް ވަސީމް ވިދާޅިވިއެވެ.

Ad
rt

މީގެ އިތުރުން މިތަކެތި މިނިސްޓްރީއިން ބޯޓާއި ހަމައަށް ގެނެސް ދިނުމުގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރުގެ އެހީތެރިކަން ލިބިފައިވާތީ އެފަރާތަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

26000 ހާހަށްވުރެއް ބޮޑު އާބާދީއެއް އޮންނަ ހދ އަތޮޅުގެ ރަށްރަށުގެ މެދުގައި ކަދުރު ބަހާފައިވާ ގޮތާއިމެދު ނޮޅިވަރަމް ދާއިރާގެ މަޖިލިސް މެންބަރ މުޙައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.

މޮސްޓާގެ ފޭސްބުކްގައި އަތޮޅުގެ ރަށްރަށް ކަދުރު ބެހިގޮތްކަމަށް ބުނެ ހާމަކޮށްފައިވާ ފޮޓޯއެއް ހިއްސާކުރުމަށްފަހު ބުނެފައިވަނީ ކަދުރު ދީފަ ވަނީ ކޮން އުސޫލަކުން ތޯ ސުވާލު އުފައްދާފައެވެ.

ހދ. އަތޮޅުގައި ދެވަނަ އާބާދީ އަކީ ނޮޅިވަރަމް، ނޮޅިވަރަމްއަށް ވުރެ ހަނިމާދޫ އަށް ގިނައިން ލިބުނީ އެދާއިރާ މެންބަރު އެ ފޮނުވަން ހަވާލުވީމަ ބާ؟ އަދި ނޮޅިވަރަންފަރަށް ވުރެ އާބާދީ މަދު މަކުނުދޫ، ކުމުންދޫ އަށް ވެސް ގިނަ ވީ ކޮން އުސޫލަކުން ބާ؟ ދެން ވެސް ބުނާނެ ފިތުނަ އުފަދަނީ އޭ!

މޮސްޓާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވެއެވެ.

ކަދުރު ބެހުމުގައި އަމަލު ކުރެއްވި އުސޫލާއި ގުޅޭގޮތުން މިނޫހުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އަތޮޅު ކައުންސިލް މެންބަރ ވަސީމް ބުނެފައިވަނީ އެކަން ނިންމާފައިވަނީ އިސްލާމިކް މިނިސްޓްރީން ކަމަށެވެ. ކަދުރު ބަހާފައިވަނީ މިނިސްޓްރީއިން ފޮނުވި ލިސްޓުގައި ބުނެފައިވާ އަދަދަށް ކަމަށް ވަސީމް ފާހަގަކުރެއްވިއެވެ.