ކުޅުދުއްފުށީ ސިޓީގެ މޭޔަރުކަމަށް ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓްލިބިވަޑައިގެން ހުންނެވި މުޙައްމަދު ޢާޠިފްގެ ނަޒަރުގައި މި ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ކުރެވިދާނެ 20 ކަމެއް ހިއްސާކުރައްވައިފިއެވެ.
ޢާޠިފްގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ މިއީ އާންމު ރައްޔިތެއްގެ ހައިސިއްޔަތުން މިވަގުތު މުޅި ދުނިޔެއަށް ދިމާވެގެން މި އުޅޭ ކޯވިޑް-19 ރޯގާއިން ކުޅުދުއްފުށީގެ ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކޮށް މި ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ކައުންސިލަށް ލިބިދޭ ބާރުގެ ތެރެއިން ކުޅުދުއްފުށި ކައުންސިލަށް ކުރެވިދާނެ ބައެއް ކަންްކަންކަމަށެވެ.
1. ކޯވިޑް-19 ފެތުރި ކުޅުދުއްފުއްޓަށް ދިމާވެދާނެ އެންމެ ގޯސް ހާލަތުގެ (worst case scenario) ދެނެގަތުމަށް ދިރާސާއެއް ހަދާ ލިބެން ހުރި ވަސީލަތްތައް އެ ހާލަތުގައި ބޭނުން ކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލުން
2. އެފަދަ ހާލަތަކަށް އެކަށޭނެ އަދަދަކަށް ސިއްހީ ހިދުމަތްތެރިންގެ ޕްރޮޓެކްޓިވް އިކުއިޕްމަންޓް ހޯދުމަށް ހޮސްޕިޓަލްއާއިއެކު މަސައްކަތްކުރުން.
3. ރަށުން ގިނަ އަދަދެއްގެ މީހުން ކަރަންޓީން ކުރަން ޖެހިއްޖެ ހާލަތެއްގައި ބޭނުން ކުރުމަށް ސްކޫލްތަކާއި ދެންވެސް ބޭނުން ކުރެވޭ ގޮތަށް ހުރި ސަރުކާރު އިމާރާތްތައް ތައްޔާރީ ހާލަތަކަށް ގެނައުން އަދި އަމިއްލަ ގެސްޓްހައުސްތައް ހިންގާ ފަރާތްތަކާއި އެކު އެ ތަންތަން ނަގަން ޖެހިއްޖެ ހާލަތެއްގައި ލުއިގޮތަކަށް ކައުންސިލަށް ލިބޭނެ ފަދަ އެއްބަސްވުން ތަކެއް ހެދުން.
4. ބަލީގެ އަލާމާތްތައް ފެނިގެން ނުވަތަ ބަލިވެގެން އަމިއްލަޔަށް ގުޅާ ފަރާތްތަކަށް އެކަށީގެންވާ އަވަސް މިނެއްގައި އަޅާލެވި ފަރުވާޔަށް ގެންދެވޭނެ ހަރުދަނާ ނިޒާމެއް ހޮސްޕިޓަލްގެ މެނޭޖްމަންޓާއި ގުޅިގެން ޤާއިމު ކުރުން.
5. ކޯވިޑް-19 އަށް ޕޮޒިޓިވްވާ ފަރާތްތަކަށާއި ބޮޑަށް ސީރިއަސް ވާ ބަލިމީހުންނަށް ރަށުން ލިބެން ހުރި ވަސީލަތްތައް ބޭނުންކޮށްގެން އެންމެ އެކަށޭނެ ފަރުވާއެއް ދެވޭނެ އިންތިޒާމް ހޮސްޕިޓަލްގެ މެނޭޖްމަންޓާއި އެކު މަޝްވަރާކޮށް ރާވާ ހަމަޖެއްސުން.
6. ރަށުން ކޯވިޑް-19 އަށް ޓެސްޓުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތްކުރުން، އޭގެ ކުރިންވެސް ސާންޕަލް މާލެ ފޮނުވައިގެން ޔަޤީންކަމާއިއެކު އެކަން ކުރެވޭނެ ހަރުދަނާ ނިޒާމެއް ކަށަވަރުކުރުން،
7. ކޮންޓެކްޓް ޓްރޭސިންނަށް ރައްޔިތުން ހޭލުންތެރި ކުރުވާ އެކަމަށް ޒިންމާދާރުކޮށް، އެޗް.ޕީ.އޭ ގެ އެޕްލިކޭޝަންއަށް އަހުލުވެރި ކުރުވުން.
8. މާސް ސްޕްރެޑަކަށް ގޮސްފި ހާލަތެއްގައި ދޮށީ އުމުރުގެ މީހުން، ދިގު މުއްދަތަށް ބަލިތަކަށް ފަރުވާކުރާ މީހުން އަދި މާބަނޑު މީހުންނަށް ލިބެންޖެހޭ ފަރުވާ ގެ އިންތިޒާމް ހޮސްޕިޓަލްގެ މެނޭޖްމަންޓާއި އެކު މަޝްވަރާކޮށް ކަށަވަރު ކުރުން.
9. އަވައްޓެރި ރަށްރަށުން ކރ ހޮސްޕިޓަލްގެ ޚިދުމަތްތައް ހޯދުމަށް އަންނަން ބޭނުންވާ ފަރާތްތަކަށް އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުން އާދެވޭނެ ލުއިފަސޭހަ ގޮތްތަކެއް އިންތިޒާމް ކޮށްދިނުން.
10. ކާބޯތަކެއްޗަށް ދަތިވިޔަ ނުދިނުމަށް ވިޔަފާރިތަކާއި މަޝްވަރާކޮށް މާލެއިން އެ ތަކެތި ގެނެވޭނެ ހަރުދަނާ ނިޒާމެއް ކަށަވަރުކުރުން، މާލެއިން މުދާ ލިބުން ދަތިވެއްޖެ ހާލަތެއްގައި ސީދާ އިންޑިއާއިން މުދާ ގެނެވޭނޭ ގޮތަކަށް މަގު ފަހިކޮށްފައި ބޭއްވުން.
11. ރަށަށް އެރުވޭ މުދަލުގެ ތެރެއިން ބަލިއައުމުގެ ރިސްކު ބޮޑު މުދާ ޑިސްއިންފެކްޓް ކުރެވޭނޭ އިންތިޒާމް ހަމަޖައްސަން މަސައްކަތްކުރުން
12. ކައިރި ރަށްރަށުން ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ ތަކެތި ގަތުމުގައި އަބަދުވެސް ބަރޯސާ ވެފައި އޮންނަނީ ކުޅުދުއްފުއްޓަށް ކަމުން ފުރަބަންދުގެ މުއްދަތުގައި އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުން އެ ރަށް ރަށުގެ ކައުންސިލްތައް މެދުވެރިކޮށް ރަނގަޅަށް މޮނިޓަރ ކުރެވިގެން ކޮންމެ ރަށަކުން ވެސް ހުއްދަ ދެވޭ އުޅަނދެއް މި ރަށަށް އައިސް އެ ރަށެއްގެ މުދާ ރަށަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސުން.
13. ކުޅުދުއްދުށީގައި ދިރިއުޅޭ ބިދޭސީން ދެނެގަނެ، އެމީހުން ދިރިއުޅޭ ތަންތަނާއި އެމީހުންގެ ބެލެނިވެރި ފަރާތުގެ ފުރިހަމަ މައުލޫމާތު އެއްކޮށް، އަދި ހަވާލުދާރީއެއް ނެތި އުޅޭ ފަރާތެއް ވާނަމަ ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ގުޅިގެން އެމީހުން ފޮނުވާލުމަށް މަސައްކަތް ކުރުން
14. ކުޅުދުއްފުށީގެ ރަށްވެހިންނާއި މިރަށުގައި ދާއިމީކޮށް ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ރަށަށް ނާދެވިފައި ތިބި ފަރާތްތައް ސްކްރީން ކުރުމަށް ފަހު ރަށަށް ގެނައުން ނުވަތަ ރަށަށް ގެނައުމަށް ފަހު 14 ދުވަހު ކަރަންޓީން ކުރުމުގެ އިންތިޒާމް ހަމަޖެއްސުން.
15. ޓޯޓަލް ލޮކްޑައުން އަކަށް ދާންޖެހިއްޖެ ހާލަތެއްގައި ޓާސްކްފޯހުގެ މަސައްކަތްތަކުގައި ބޭނުންކުރުމަށް ސަލާމަތީ ބާރުތަކާއިއެކު ސަރުކާރުގެ އެހެން އިދާރާތަކުގައި މަސައްކަތް ކުރާ ދުޅަހެޔޮ ސިއްހަތެއްގައި ތިބި ހުރިހާ މުވައްޒަފުން އެ އިދާރާތަކުގެ ވެރިންނާއި މަޝްވަރާކޮށް ތައްޔާރީ ހާލަތެއްގައި ބޭތިއްބުން.
16. ބަލި ފެތުރުން ކޮންޓުރޯލް ކުރެވުނު ކަމުގައި ވިއަސް، ބައްޔަށް ވެކްސިންއެއް ލިބެންދެން ބައްޔާއެކު ނުވަތަ ވައިރަހާއެކު ދިރިއުޅުން ކުރިޔަށް ގެންދަން ޖެހިދާނެ ނިއު ނޯމަލް ހާލަތެއްގައި ދިރިއުޅޭނެ ރައްކާތެރި ގޮތްތަކަށް ރައްޔިތުން ހޭލުންތެރި ކުރުވާ، ވިޔަފާރިތަކާއި ޓެކްސީތަކުގެ އިތުރުން ކަނޑު ދަތުރު ކުރާ އުޅަނދުފަހަރާއި އިގްތިސާދީ އެހެން މަސައްކަތްތައްވެސް މި ނިޒާމުގެތެރެއަށް ގެނެވޭނޭ އެންމެ ރައްކާތެރި ގޮތެއް ހޯދުން، އަދި އެ ގޮތްތަކަކީ އަޅުގަނޑުމެންނަށް މުޅިން ބީރައްޓެހި ގޮތްތަކަކަށް ވުމުން ރައްޔިތުންގެ މުޅި ދިރިއުޅުމާއި އާދަކާދަ އެގޮތަށް ބައްޓަން ކުރުމަށް ތަންފީޒީ އިދާރާތަކުގެ އެހީހޯދުން
17. ކޯވިޑް-19 ގެ ސަބަބުން ވަޒީފާ ގެއްލުނު ފަރާތްތަކާއި އާމްދަނީ ހޯދަމުން އައި މަގު އެއްކޮއް ބަންދުވެފައި ތިބި ފަރާތްތައް ދެނެގަނެ، އެ އާއިލާތަކަށް ކޮންމެވެސް ކަހަލަ އިގްތިސާދީ މަސައްކަތެއް ކުރެވޭނެ ގޮތެއް ހޯދައިދިނުމަށް މަސައްކަތްކުރުން ( މައިސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ހުރި ފުރުސަތުތައް ހޯދާ ރައްޔިތުންނާ ހިސާބަށް ގެނައުން، ރާއްޖެއިން ބޭރުގެ ޖަމިއްޔާ ޖާމާއަތްތަކުން ލިބެން ހުންނަ ހިލޭ އެހީއާއި ލޯނުތަކުގެ ފުރުސަތު ހޯދުމަށް މަސައްކަތް ކުރުން، ސަރުކާރުން ކައުންސިލަށް ކަނޑައަޅާފައިވާ އެނުއަލް ބްލޮކް ގްރާންޓުން އެކަމަށް އިންވެސްޓް ކޮށްދިނުން)
18. ރަށުގެ އުފެއްދުންތެރިކަން އިތުރު ކުރުމަާއެކު ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރައްޔިތުން ކުރަން ބޭނުންވާ މަސައްކަތްތަކަށް (ދަނޑުވެރިކަން، މަސް ކައްކާ ހިއްކުން، ލޮނުމަސް އެޅުން، ރޯނު ވެށުމަށް ބޮނބިފާކޮއް ތެޅުން، ފިނިކުރި މަސް ރައްކާކުރާ ސްޓޯރޭޖްތަކަށް....) ރަށުގައި ދޫކުރެވެން ހުރި ބިންތައް ދެނެގަނެ، އެ ބިންތައް އުސޫލެއްގެ ތެރެއިން ރައްޔިތުންނަށް ދޫކުރުން.
19. މި އިގްތިސާދީ ވަޅުގަނޑުން އަރައި ގަތުމަށްޓަކައި ރަށުގެ މަސައްކަތްތެރިންގެ އުފެއްދުންތައް މާކެޓް ކޮށްދިނުން.
20. މައި ސަރުކާރު އަދި އަތޮޅު ކައުންސިލާއި މަޝްވަރާކޮށް އަތޮޅުގައި ހުރި ފަޅު ރަށްރަށުން ރައްޔިތުންނަށް ހުރި ފުރުސަތުތައް ހޯދައިދިނުން
މި ކަންކަން ހިއްސާކުރެއްވުމަށްފަހު ޢާޠިފް ބުނެފައިވަނީ
މިހާރުވެސް ކުޅުދުއްފުށި ޓާސްކްފޯހުން އަންނަނީ މުހިންމު ވަރަށް ގިނަ ކަންތައްތަކެއްކޮށް މުޅި ރާއްޖެއަށް ނަމޫނާ ދައްކަމުންކަން ޝުކުރުވެރި ކަމާއެކު ފާހަގަ ކޮށްލަން، އަދި އަޅުގަނޑަށް ޔަގީންކަން އެބައޮތް ކުޅުދުއްފުށި ކައުންސިލުން ޓާސްކްފޯހާއި ސިއްޙީއެހީތެރިންގެ ލަފަޔާ މަޝްވަރާގެމަތިން ރަށުގައި ވަސީލަތްތައް ހުރި މިންވަރަކުން ކަންކަން ކުރަމުން ގެންދާނީ އެންމެ ރަނގަޅަށްކަން.
މިދިގު ޕޯސްޓު ނިންމާލަމުން ބުނެފައިވަނީ އަޅުގަނޑުގެ އުންމީދަކީ މި ވާހަކަތަކަކީ ކުޑަ ނަމަވެސް އެހީތެރި ކަމަކަށް ވުން އަދި އަޅުގަނޑުގެ ދުޢާއަކީ ކޯވިޑް-19 ރޯގާއިން ކުޅުދުއްފުއްޓާއި ރާއްޖޭގެ އެންމެހާ ރައްޔިތުން ރައްކާތެރި ކޮށްދެއްވުންކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!