ވެލާ ރިސޯޓުން ށ. ނަރުދޫއަށް މިވަގުތަށް އެންމެ ބޭނުންވެފައިވާ ސިއްޙީ ރައްކާތެރި ކަމުގެ އާލާތްތައް ފޯރުކޮށްދޭން ނިންމާފައިވާ ކަމަށް ނަރުދޫ ކައުންސިލުން ބުނެފިއެވެ.
ނަރުދޫ ކައުންސިލްގެ ރައީސް އަހުމަދު އާރިފް "ތިލަދުން"އަށް ވިދާޅުވީ، ވެލާ ރިސޯޓުން އެރަށަށް އެހީތެރިވުމަށް ނިންމާފައިވާ ކަމަށެވެ.
މިގޮތުން 3000 މާސްކާއި، 3000 އަންގީގެ އިތުރުން އިތުރު ސިއްހީ ރައްކާތެރިކަމުގެ ބައެއް އާލާތް ވެލާ ރިސޯޓުން އެރަށަށް ދިނުމަށް ވަނީ ނިންމާފައެވެ.
އެތަކެތި މިރޭ އެރަށަށް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް އާރިފް ވިދާޅުވިއެވެ.
ނަރުދޫގެ ކޯވިޑް-19 ޓާސްކް ފޯހުގައި މަސައްކަތްކުރާ މީހުންނަށް ރައްކާތެރިކަމުގެ އާލާތް އެކަށޭނަ މިންވަރަށް ނެތްކަމަށް ކުރިން އެރަށުގެ ބައެއް މީހުން މީސްމީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައި ވާތީ، ނަރުދޫއަށް ސިއްހީ ރައްކާތެރި ކަމުގެ އާލާތް ލިބުމަށް މަގުފަހިވުމުން އެރަށުގެ ކޯވިޑް ޓާސްކް ފޯހުގައި މަސައްކަތްކުރާ ހަތަރު މީހެއްގެ ބަސްވަނީ ހޯދާ ލެވިފައެވެ.
މިގޮތުން އެމީހުން ނަން ނުޖެހުމަށް ޝަރުޠުކޮށް ބުނީ މިހާތަނަށް އެރަށަށް ރައްކާތެރިކަމުގެ އާލާތް ލިބުން ލަސްވެފައިވާތީ ކަންބޮޑުވާ ކަމަށެވެ. އަދި އަތޮޅުތަކުން އެންމެ ގިނަ މީހުން ކޯވިޑަށް ޕޮޒިޓިވްވެފައިވާ ރަށަކަށް އެރަށް ވެފައިވާއިރު ވެލާއިން ސިއްހީ ރައްކާތެރިކަމުގެ އާލާތް ފޮނުވާކަން އެނގުމުން އެމީހުން ތިބީ އުފަލުން ކަމަށްވެސް ބުންޏެވެ.
އިއްޔެ އެރަށަށްވަނީ ހެލްތު މިނިސްޓަރު އަބުދު ﷲ އަމީނާއި، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ކޯވިޑް-19 ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ ލީޑަރު ޑރ. އަލީ ލަތީފާއި، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ﷲ ފައިރޫޟާއި އަދި އެމްއެންޑީއެފުގެ އިސް ބެފުޅެއް ހިމެނޭ ސަރުކާރުގެ ވަފުދެއް ޒިޔާރަތްކޮށް އެރަށުނކައުންސިލާއި، އެރަށު ކޯވިޑް-19 ޓާސްކް ފޯހާއި އަދި އެރަށު ސިއްޙީމަރުކަޒު ހިމެނޭހެން އެރަށުގައި ހުރި މުވައްސަސާ ތަކާއި ބައްދަލު ކުރައްވާފައެވެ.
އެވަފުދުން ވަނީ ސަރުކާރުގެ ފަރާތުން އެރަށަށް ކޯވިޑް-19 ހާލަތުގައި ވެދެއްވަން ޖެހޭ ހުރިހާ އެހީތެރިކަމެއް ވެދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައިކަމަށް ނަރުދޫ ކައުންސިލް މެމްބަރު މުޙައްމަދު ނިޒާރު އިއްޔެވަނީ މިނޫހަށް ވިދާޅުވެފައެވެ.
ކޯވިޑް-19 އަތޮޅުތަކުގައި ފެތުރުމާ ގުޅިގެން ށ. އަތޮޅާއި ނ. އަތޮޅުގެ ބައެއް ރަށްތަކަށް ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.
ށ. ނަރުދޫން މިހާތަނަށް 11 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!