ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އުތުރާއި ދެކުނުގައި ހެދި ކަރަންޓީން ފެސިލިޓީތައް މިރެޔާއި މާދަމާ އިން ފެށިގެން ބޭނުން ކުރަން ފަށަން ނިންމައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިރޭ ކުރެއްވި ޓްވީޓެއްގައެވެ.
މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ ވަނީ ރާއްޖޭގެ އުތުރާއި ދެކުނުގައި ޕޮޒިޓިވް ކޭސްތައް ގިނަވެއްޖެ ހާލަތެއް އަތުވެއްޖެނަމަ، އެ ދެ ސަރަހައްދުގައި ވެސް ކަރަންޓީނު ފެސިލީޓީތައް ތައްޔާރަށް ހުރި ކަމަށް ވިދާޅުވެފައެވެ.
ކުރިއަށް އޮތްތާނގައި ޕޮޒިޓިވް ކޭސްތައް ގިނަވެދާނެ ކަމަށާއި އެކަމަށް ފްރަންޓްލައިނުގައި މަސައްކަތް ކުރާ އެންމެން ވެސް ތައްޔާރަށް ތިބި ކަމަށްވެސް އަލީ ވިދާޅުވިއެވެ.
މާލެ އިން ގިނަ އަދަދަކަށް މީހުން ޕޮޒިޓިވް ވަމުން އަންނައިރު، މިހާތަނަށް މާލެ ފިޔަވައި ހަތަރު ރަށަކުން ބަޔަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ށ.ނަރުދޫ އާއި ހއ.އުލިގަމް އާއި ކ.ތުލުސްދޫ އަދި ށ.މިލަންދޫ އެވެ.
އެއާއެކު އުތުރުގެ ގިނަ ރަށްތަކެއް މިހާރު ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!