ހއ. އިހަވަންދޫއިން ކޯވިޑް-19 އަށް ޓެސްޓު ކުރުމަށްޓަކައި 23 މީހެއްގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.
އިހަވަންދޫ ކާވިޔާ ބޯޓުން ދަތުރު ކުރި ބަޔަކާއި، ކުޅުދުއްފުށީ ސީ ކްއީން ބޯޓުން ދަތުރު ކުރި އެރަށު ބައެއްގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް އިހަވަންދޫ ކައުންސިލް ރައީސް މުޙައްމަދު ރަޝީދު ވިދާޅުވިއެވެ.
ރަޝީދު ވިދާޅުވީ، މިބައްޔަކީ ނަތީޖާ ނައްސިވާ ފަހުންވެސް، ފައްސި ވުމުގެ ފުރުޞަތު އޮންނަ ބައްޔަކަށް ވާތީ، ހުރިހާ ރައްޔިތުންވެސް ރަށުގައި އަޅާފައިވާ ރަށްކާތެރި ކަމުގެ ފިޔަވަޅުތަކަށް ފުރިހަމައަށް ކަމޭހިތަން އެދޭކަމަށެވެ.
މިހާތަނަށް ރަށުގެ ރައްޔިތުން ދެއްކި އެކުވެރި ކަމާއި، ދެއްވި އެއްބާރު ލުމަށް، އެރަށުގެ ރައްޔިތުންނަށް ރަޝީދު ވަނީ ޝުކުރު އަދާ ކުރަށްވާފައެވެ.
އިހަވަންދޫ ކާވިޔާ ބޯޓަކީ، ހއ. އުލިގަމުން ކޯވިޑަށް ފައްސިވި މީހާ ދަތުރުކުރި ބޯޓެވެ.
ކުޅުދުއްފުށީ ސިޓީއިންވެސް މިއަދު ވަނީ މީހެއްގެ ސާމްޕަލް ނަގައި، ގެއެއް ކަރަންޓީނު ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!