ކުޅުދުއްފުށި ސިޓީ ލޮކްޑައުން ކޮށްފި ހާލަތެއްގައި ދުރާލައި ތައްޔާރުވުގެ ގޮތުން ކޮންމެހެން ބޭރަށް ނުކުމެ އުޅެން ޖެހޭ ފަރާތްތައް ދެނެގަތުމަށްޓަކައި ރަޖިސްޓަރީ ވުމަށް ކުޅުދުއްފުށީ ކައުންސިލުން ހުޅުވާލައިފިއެވެ.

އެކަމާއި ގުޅިގެން ކުޅުދުއްފުށީ ކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނެފައި ވަނީ ކޯވިޑް-19 ގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި ކުޅުދުއްފުށި ސިޓީ ލޮކްޑައުން ކޮށްފިނަމަ ދުރާލައި ތައްޔާރުވުމުގެ ގޮތުން ކޮންމެހެން ބޭރަށް ނުކުންނަންޖެހޭ މީހުން ދެނެގަތުމަށް ބޭނުންވާ ކަމަށެވެ.

Ad
rt

މިގޮތުން ފުރުސަތުދެވޭ ފަރާތްތަކުގެ ތެރޭގައި ރައްޔިތުންނަށް ޚިދުމަތްދޭ މުއައްސަސާތަކުގެ މުވައްޒަފުން، ވިޔަފާރިތައް ހިންގާ ފަރާތްތަކާއި ޑެލިވަރީގައި އުޅުމަށް ހަމަޖެހިފައިވާ މުވައްޒަފުން ހިމެނޭ ކަމަށް އެ ކައުންސިލުން ބުނެފައި ވެއެވެ.

" ލޮކްޑައުން ހާލަތުގައި ބޭރަށް ނުކުންނަންޖެހޭ އާންމު ފަރުދުންނަށް ހުއްދަ ދޫކުރުމަށް ހަމަޖެހިފައިވަނީ އެ ހާލަތުގައި ޤާއިމް ކުރެވޭ ނިޒާމެއްގެ ތެރެއިންނެވެ މިވަގުތު ރަޖިސްޓްރީ ވުމަށް ހުޅުވާލެވިފައި ވަނީ ހަމައެކަނި ރައްޔިތުންނަށް ޚިދުމަތެއް ފޯރުކޮށްދޭން ބޭރަށް ނުކުންނަންޖެހޭ ފަރާތްތަކަށް އެކަންޏެވެ. ހުއްދަ ދޫކުރާނެ ފަރާތްތަކާއި މީހުންގެ އަދަދު ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ކޮވިޑް-19 ޓާސްކްފޯރސްގެ ފަރާތުން ރަޖިސްޓަރީ ވެލައްވާ ފަރާތްތައް ރިވިއު ކުރަމަށް ފަހުއެވެ. " ކުޅުދުއްފުށީ ކައުންސިލުން ބުނެފައި ވެއެވެ.

ކުޅުދުއްފުށީ ކައުންސިލުންވަނީ އެފަދަ މީހުން ރަޖިސްޓަރީ ވުމަށްޓަކައި އޮންލައިންކޮށް ފޯރމް ފުރޭނެ އިންތިޒާމު ހަމަޖައްސައިފައެވެ. އޮންލައިންކޮށް ފޯރމް ފުރުމަށް އުނދަގޫ ފަރާތްތަކުން ފުރިހަމަ ނަން، އައިޑީ ކާޑް ނަންބަރު، މޮބައިލް ނަންބަރު، މުއައްސަސާ/ވިޔަފާރި، މަޤާމް، ހުއްދަ ބޭނުންވާ ސަބަބު އަދި އުފަން ތާރީޚް ހިމެނޭގޮތަށް 9531312 އަށް ވައިބަރ ނުވަތަ ޓެކްސްޓް މެސެޖް ކުރުމުން ރަޖިސްޓަރީ ކުރުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައިވާ ކަމަށް އެ ކައުންސިލުން ބުނެއެވެ.