ކޯވިޑް-19 އާއި ގުޅިގެން އައިޖީއެމްއެޗް ތެރޭގައި މައްޔިތުންގެ މޫނު ދެއްކުން ހުއްޓާލައިފި އެވެ.
އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ހޮސްޕިޓަލުގައި މީހަކު ނިޔާވުމުން މީގެކުރީގައިނަމަ ގިނަ އަދަދެއްގެ ބަޔަކު މައްޔިތާގެ މޫނު ދެކިލުމަށް ހޮސްޕިޓަލަށް އަންނަ ކަމަށާއި މިއީ ހޮސްޕިޓަލުގެ މުވައްޒަފުންގެ އިތުރުން ހޮސްޕިޓަލަށް ޖަމާވާ އާއްމުންނަށް ވެސް ބަލި ފެތުރިދާނެ ކަމަކަށް ވެދާނެ ކަމަށެވެ.
އަދި މިއީ ޖުމްލަ ގޮތެއްގައި މިވަގުތު މާލޭގައި ކޮވިޑާއި ގުޅިގެން ކޮމިއުނިޓީ ސްޕްރެޑް އޮތް ހާލަތަށް ބަލާއިރު އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫންކަން ހުރިހާ އެންމެން ވެސް ގަބޫލުކުރަންވާނެ ކަމަށް އައިޖީއެމްއެޗުން ބުނެފައިވެއެވެ.
އެހެންކަމުން އެ ހޮސްޕިޓަލުގައި މީހަކު ނިޔާވުމުން މައްޔިތާގެ މޫނު ދެކިލުމަށް ނުވަތަ އެ ނޫންވެސް ގޮތަކުން މައްޔިތާ ދެކިލުމަށް އެދޭ ފަރާތްތަކުން މާލޭ ސިޓީ ކައުންސިލާއި އިސްލާމިކް މިނިސްޓްރީން ސަހަރާގައި އެ އިންތިޒާމުތައް ހަމަޖައްސާ ގޮތަކަށް އަމަލުކުރުމަށް އައިޖީއެމްއެޗުން ވަނީ އެދިފައެވެ.
"މިވަގުތު އޮތް ނުރައްކާ، ނާޒުކު ހާލަތުގެ ސަބަބުން މޫނު ބެލުމަށް ހޮސްޕިޓަލުގެ ތެރެއަށް އާއްމުން ވަނުމަށް ހުއްދަ ދެވެން ނެތް ވާހަކަ ނުހަނު ހިތާމައާއެކު ދަންނަވަން" އެ ހޮސްޕިޓަލުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!