ޕެޓަލިން ޖާޔާ: ދެކުނު ކޮރެޔާ އާއި ޗައިނާއަށްވުރެ އެމެރިކާއާއި ޔޫރަޕަށް ކޯވިޑް19ގެ ބިރުވެރިކަން އަރައިގަންނަން އުނދަގޫވީ އެމީހުންގެ އަޚުލާޤު ގޯސްވުމުންކަމަށް މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޑޮކްޓަރ މަހާތީރު މުހައްމަދު ވިދާޅުވެއްޖެއެވެ.

މަހާތީރު ވިދާޅުވީ އެމެރިކާ އާއި ޔޫރަޕްގެ ޤައުމުތަކަށް ކޯވިޑް 19ގެ ނުރައްކާ ބޮޑުވެ، މިކަމަށް ބޮޑު އަގެއް ދައްކަން ޖެހުނީ އެ ޤައުމުތަކުގައި ފަރުދީ މިނިވަންކަން ދެވިފައި އޮންނަލެއް ބޮޑުކަމުންނެވެ. އެކަމާ ހެދި ކޯވިޑް 19 އާއި ކުރިމަތިލުމަށް ދަތިތަކާއި ކުރިމަތިވެ ބަލީގެ ނުރައްކާ އެތައް ގުނައަކަށް ބޮޑުވެގެން ދިޔައެވެ.

Ad
rt

އެއާއި ޚިލާފަށް ޗައިނާއާއި ދެކުނު ކޮރެޔާގެ ސަޤާފަތާއި އާދަކާދަތައް އޮންނަގޮތުން އަދި އެމީހުންނަކީ އަޚުލާޤީ ރިވެތި ސިފަތަކެއް ގެންގުޅޭ ބަޔަކަށް ވުމުން ސަރުކާރުގެ އެންގުންތަކަށް ބޯލަނބަލައި ސަރުކާރަށް ފުރިހަމައަށް އެއްބާރުލުން ދިނުމުން މި ބަލިމަޑުކަމުން އަރައިގަތުމަށް ފަސޭހަވި ކަމަށް މަހާތީރު ވިދާޅުވިއެވެ.

" ޗައިނާ އާއި ދެކުނު ކޮރެޔާގައި މި ބަލިމަޑުކަން ގޯހުން ގޯހުން ނުގޮސް، ބަލިމަޑުކަމުން އަރައިގަތުމުގައި އެންމެ ފަސޭހަ ކަމަކަށްވީ އެމީހުންގެ ކިޔަމަންތެރިކަން. އެއީ ވެރިންނަށް ކިޔަމަންތެރި ބަސްއަހާ ބަޔެއް. އެހެނަސް ޔޫރަޕާއި އެމެރިކާއިން ފެންނަނީ ތަފާތު މަންޒަރެއް. އެމީހުން ޤަބޫލު ކުރާ ގޮތުގައި އެމީހުންގެ ޤައުމުތަކަކީ ދުނިޔޭގައި އެންމެ ތަރައްޤީވެ ކުރިއަރާފައިވާ ޤައުމުތައް. އެމީހުންގެ އަތުގައި އެންމެ ޒަމާނީ ވަޞީލަތްތައް އެބަހުރިކަމަށް އެމީހުން ޤަބޫލު ކުރޭ! އެޢާއި އެކު މާބޮޑުކަމަކަށް ނުވެ މިކަމުން އަރައިގަނެވޭނެ ކަމަށް އެމީހުން ޤަބޫލު ކުރި"

މަހާތީރު ބުނެފައިވެއެވެ.

ޗައިނާއާއި ދެކުނު ކޮރެޔާއިން މަރުވި މީހުންގެ އަދަދު ޔޫރަޕާއި އެމެރިކާއަށްވުރެ މަދުވީވެސް މި ސަބަބާއި ހެދިކަމަށް މަހާތީރު ވިދާޅުވިއެވެ.

"ހުރިހާވެސް ކަމަކީ އެމީހުންގެ އަޚުލާޤު! އެއީ ވަރަށް އަޙުލާޤު ރަނގަޅުބައެއް! އެމީހުން އެމީހުންގެ ވެރިންގެ ބަސްއަހާ ކިޔަމަންތެރިކަން އަދާކުރޭ! ވޫހާން ސިޓީ ފުރަބަންދުކުރުމުން އެސިޓީގެ ޢާއްމުންވަނީ ސަރުކާރުގެ އިދާރާ ތަކުގެ އިރުޝާދުތަކަށް ތަބާވެފަ! އޭގެ ސަބަބުން ބަލި ކޮންޓްރޯލްކުރަން ފަސޭހަވެ މަރުވާ މީހުންނާއި ބަލި ޖެހޭމީހުންގެ އަދަދު މަދުވެގެން ދިޔަ!"

އެހެނަސް އެމެރިކާ އާއި ޔޫރަޕުން ފެންނަނީ ތަފާތު މަންޒަރެއް ކަމަށާއި އެޤައުމުތަކުގައި ހެދިފައިވާ ޤާނޫނު ތަކާއި ޤަވާޢިދު ތަކުގެ ސަބަބުންވެސް މި ބައްޔާއި ކުރިމަތިލުމުގައި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނު ކަމަށާއި، އޭގެ ތެރޭގައި އިންސާނީ ޙައްޤުތަކަށް އިސްކަން ދޭންޖެހޭ މިންވަރު މަތިވުމާ، ފަރުދީ މިނިވަންކަން ދެވިފައި އޮންނަލެއް ބޮޑުކަން ހިމެނޭ ކަމަށް މަހާތީރު ވިދާޅުވިއެވެ.

" ޗައިނާ ސަރުކާރުން ބުނެފައިވަނީ ސަރުކާރުގެ އެންގުނަތަކަށް ޢާއްމުން ތަބާވާން ޖެހޭނެކަމަށް! ނޫނީ ހަރުކަށި އަދަބުތަކާއި ކުރިމަތިލާން ޖެހޭނެކަމަށް! އެހެނަސް އެމެރިކާ އާއި ޔޫރަޕުގައި އިންސާނީ ޙައްޤުތަކަށް މާބޮޑަށް އިސްކަން ދެވިފައި އޮތުމުން ސަރުކާރުން އަންގާއެންގުންތައް ތަންފީޒު ކުރަން އުނދަގޫވެ ހުރަސްތަކާއި ކުރިމަތިލާން ޖެހޭ!"

މަހާތީރު ވިދާޅުވިއެވެ.
މަސްދަރު: ދަ ސްޓަރ