ހދ. ހަނިމާދޫ ކައުންސިލުން ދެމުން އަންނަ ކުނި އުކާލުމުގެ ހިދުމަތުގެ ފީ ތިން މަސް ދުވަހަށް ނުނެގުމަށް ނިންމައި، އެރަށުގެ ގޭބިސީ ތަކަށް ތިން މަސްދުވަހު ކުނި އުކައި ދިނުމުގެ ފީ މާފުކޮށްދީފިއެވެ.
ހަނިމާދޫ ކައުންސިލުން ބުނީ އެ ކައުންސިލުން އެގޮތަށް ނިންމީ ނުރައްކާތެރި ކްރޯނާ ވައިރަސް އާއި ގުޅިގެން އެރަށުގެ ރައްޔިތުންނަށް ދިމާވާނެ އިގުތިޞާދީ ހީނަރުކަމަށް ބެލުމަށްފަހު، ކުރިމަތިވަމުން އަންނަ ބަރަކާތްތެރި ރަމަޟާން މަހުގައިވެސް އާއްމު ދިރިއުޅުމުގެ ޚަރަދު އިތުރަށް ބޮޑުވާނެއަތީ ރައްޔިތުންނަށް ލުއި ދިނުމުގެ ބޭނުމުގައި ކަމަށެވެ.
އެ ގޮތުން ހަނިމާދޫ ކައުންސިލުން ނިންމާފައި ވަނީ އެ ކައުންސިލުގައި ރަޖިސްޓަރީ ކޮށްގެން ކުނި އުކާލުމުގެ ޚިދުމަތް ދެމުންދާ ހަނިމާދޫގެ ގޭބިސީތަކުން ނަގާ ކުނި އުކާލަ ދިނުމުގެ ފީ، 2020 އޭޕްރީލް، މެއި، ޖޫން މި ތިން މަސް ދުވަހު ދައްކަން ނުޖެހޭ ގޮތަށް ހަމަޖައްސައި ދިނުމަށެވެ.
ރައްޔިތުންނަށް ލުއި ލިބޭގޮތަށް ކައުންސިލުން ދޭ ޚިދުމަތްތައް ފަހި ކޮށްދިނުމަކީ އެ ކައުންސިލަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް މިކަމާއި ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކުރަމުން ހަނިމާދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
އެރަށުގެ ގޭ ބިސީތަކުން ތިންމަހުގެ ކުނި އުކައި ދިނުމުގެ ފީ މާފު ކޮށްދިން ނަމަވެސް އެރަށުގެ ފިހާރަތަކާއި، ހޮޓާ ކެފޭ ރެސްޓޯރެންޓް ތަކާއި، ސަރުކާރުގެ އިދާރާތަކާއި ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުރިއެކޭވެސް އެއްގޮތަށް ފީ ދައްކަވަން ޖެހޭނެއެވެ.
އެފަރާތްތަކަށް ފީ ދެއްކުމުގެ އިންތިޒާމު ކޮންމެ ހަފްތާއަކު އަންގާރަ، ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 އިން 11:50 އަށް ކައުންސިލް އިދާރާގައި ވަނީ ހަމަޖައްސައި ދީފައެވެ.
މި މުއްދަތުގައި ފީބަލައި ގަތުމުގައި އެއްވެސް ފަރާތަކުން ޖޫރިމަނާ ފައިސާ އެއް ދައްކަން ނުޖެހޭ ގޮތަށް ހަނިމާދޫ ކައުންސިލުން ވަނީ ހަމަޖައްސައި ދީފައެވެ.
ހަނިމާދޫ ކައުންސިލުން ކުނި އުކައި ދިނުމަށް އެރަށުގެ ގޭ ބިސީއަކުން މަހަކު ނަގަމުން އަންނަނީ 150 ރުފިޔާއެވެ. އެރަށުގައި ކުނި އުކާލުމުގެ ޚިދުމަތް ހޯދުމަށް އެރަށުގެ 371 ގޭބިސީއަކުން ވަނީ ރަޖިސްޓަރީ ކޮށްފައިއެވެ.
އެ ކައުންސިލުން އެރަށުގެ ވިޔަފާރި ކުރާތަންތަނުން ނަގަނީ 300 ރުފިޔާއެވެ. އެ ކައުންސިލުން އެރަށުގެ 16 ވިޔަފާރި ކުރާތަނަކަށާއި، ސަރުކާރުގެ 9 މުވައްސަސާއަކަށް ކުނި އުކާލުމުގެ ޚިދުމަތް ދެއެވެ.
ހަނިމާދޫގައި ގާއިމުކޮށްފައިވާ އުތުރުގެ އެންމެ ބޮޑު ސިޓީ ހޮޓަލަށްވެސް ކުނި އުކާލުމުގެ ހިދުމަތް ދެނީ ހަނިމާދޫ ކައުންސިލުންނެވެ.
އެރަށުގައި ކުނި އުކާލުމުގެ ޚިދުމަތަށް މަހެއްގެ މައްޗަށް 86،000 ރުފިޔާ ޚަރަދު ކުރެއެވެ. މި ޚަރަދުތައް އެކައުން ސިލުން ހަމަޖައްސަނީ އެރަށުގެ ސިޓީ ގާއިމުކޮށްފައިވާ ބިމު ކުލިންކަމަށް އެރަށު ކައުންސިލުން މަޢުލޫމާތު ދެއްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!