ސަރުކާރުގެ އިޤްތިސާދީ ރިކަވަރީ ޕެކޭޖްގެ ދަށުން އަލަށް ތަޢާރުފު ކުރި 'ކޯވިޑް-19 ވިޔަފާރި އެހީ' ލޯނަށް ކުރިމަތިލުމަށް، އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ހުޅުވާލައިފިއެވެ.
މި ލޯނަކީ މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19 އާ ގުޅިގެން އެންމެ ކުދި، ކުދި، އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައި ގަތުމަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުމަށްޓަކައި، ސަރުކާރުގެ އިޤްތިސާދީ ރިކަވަރީ ޕެކޭޖްގެ ދަށުން 'ކޯވިޑް-19 ވިޔަފާރި އެހީ' ގެ ނަމުގައި މިނިސްޓްރީ އޮފް ފިނޭންސް އާއި ގުޅިގެން މިއަދު ލޯނެއް ތަޢާރުފްކޯށްފައިވާ ލޯނެކެވެ.
މިލޯނަށް މިއަދުން ފެށިގެން ހުށަހެޅޭ ގޮތަށް އެސްޑީއެފްސީ އިން ވަނީ ހަމަޖައްސާފައެވެ.
މިކަމާއި ގުޅިގެން އެސްޑީއެފްސީ އިން އާންމު ކުރި ނޫސްބަޔާނެއްގައި ބުނެފައިވަނީ މިލޯނަކީ މިހާރު ހިނގަމުންދާ ވިޔަފާރިތަކަށް ދުވަހުން ދުވަހަށް ބޭނުންވާ ޚަރަދުތައް ހަމަޖައްސައި ދިނުމަށާއި އެވިޔަފާރިތައް ދެމެހެއްޓުމަށް އަމާޒުކޮށްގެން، ތަޢާރަފްކޮށްފައިވާ ލޯނެއްކަމަށެވެ. މިލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ 6 ޕަސަންޓް އިންޓްރެސްޓް ރޭޓްގައި ގިނަވެގެން 3 އަހަރު ދުވަހުގެ ތެރޭގައި އަދާކުރާ ގޮތަށްކަމަށްވެސް އެ ނޫސްބަޔާނުގައި ވެއެވެ.
ކޮވިޑް-19 ވިޔަފާރި އެހީ ލޯނުގެ މުހިއްމު ބައިތައް
- އިންޓަރެސްޓްގެ ގޮތުގައި އަހަރަކު %6
- ރަހުނެއް ހުށަހަޅާކަށް ނުޖެހޭ
- ގްރޭސް މުއްދަތުގެ ތެރޭގައި އިންޓްރަސްޓެއް ނުހިނގާނެ
- ލޯނު އަނބުރާ ދެއްކުމަށް ގިނަވެގެން 03 އަހަރު (ގްރޭސް މުއްދަތުގެ ގޮތުގައި ދެވޭ 06 މަސް ދުވަސް ނުހިމެނޭ ގޮތަށް)
- މިހާރު ހިނގަމުންދާ ވިޔަފާރިތަކަށާއި އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް
- ވިޔަފާރީގެ ވޭތުވެދިޔަ އަހަރުގެ އާމްދަނީ 10 މިލިއަން ރުފިޔާއަށް ވުރެ ދަށްވުން
- ލޯނުގެ ގޮތުގައި ގިނަވެގެން 500,000 ރުފިޔާ (ވިޔަފާރީގެ ވޭތުވެދިޔަ އަހަރުގެ އާމްދަނީގެ %20 އަށްވުރެ އިތުރު ނުވާ ގޮތަށް މަހެއްގެ މައްޗަށް ޖެހޭ އަދަދުގެ 3 ގުނަ)
- އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ލޯނުގެ ގޮތުގައި ގިނަވެގެން 18,000 ރުފިޔާ (ވޭތުވެދިޔަ 12 މަސްދުވަސްތެރެއިން 6 މަސްދުވަހުގައި މަސައްކަތްކޮށް އާމްދަނީ އެއް ލިބިފައިވުން)
- މިހާލަތާއި ގުޅިގެން އަދި ލޯނު އެހީދޭ މުއްދަތުގެ ތެރޭގައި އެވިޔަފާރީގެ އެއްވެސް ދިވެހި މުވައްޒަފެއް ވަކިނުކުރުން
- އަމިއްލައަށް އެއްވެސް ޚަރަދެއް ކުރާކަށް ނުޖެހޭ
"މިލޯނުގެ ޝަރުތުތަކުގެ ތެރޭގައި ވިޔަފާރީގެ ވޭތުވެދިޔަ އަހަރުގެ އާމްދަނީ 10 މިލިއަން ރުފިޔާއަށް ވުރެ ދަށްވުމާއި މިހާލަތާއި ގުޅިގެން އަދި ލޯނު އެހީދޭ މުއްދަތުގެ ތެރޭގައިވެސް އެވިޔަފާރީގެ އެއްވެސް ދިވެހި މުވައްޒަފެއް ވަކިނުކުރުން ހިމެނެއެވެ." އެ ނޫސްބަޔާނުގައި އެސްޑީއެފްސީ އިން ބުނެފައި ވެއެވެ.
އަލަށް ތަޢާރަފްކުރެވުނު މިލޯނުން ކޯވިޑް-19 އާއި ގުޅިގެން މިހާރު ހިނގަމުންދާ އެންމެ ކުދި، ކުދި، އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތް ކުރާފަރާތްތަކަށް ދިމާވާ މާލީ ދަތިތަކަށް ލުޔެއް ލިބި، އެވިޔަފާރިތައް ދެމެހެއްޓުމަށް ސަރުކާރާއި ގުޅިގެން އެކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުރިހަމަ ވެގެންދާނެ ކަމަށްވެސް އެސްޑީއެފްސީ ހާމަކުރަށްވައެވެ.
މިލޯނާއި ބެހޭ އިތުރު މަޢުލޫމާތު އެސްޑީއެފްސީގެ ވެބްސައިޓު www.sdfc.mv މެދުވެރިކޮށް ލިބެން ހުންނާނެކަމަށް އެކުންފުނިން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!