ރަށުންބޭރުގައި ވަޒީފާ އަދާކުރާ، ހދ. ނެއްލައިދޫ ރަށްވެހިންގެ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް ނެއްލައިދޫ ކައުންސިލުން ފަށައިފިއެވެ.
ކޮވިޑް-19 އާއި ގުޅިގެން ދެނެގަންނަން ބޭނުންވާ މުހިންމު މައުލޫމާތުތައް އެއްކުރުމަށް ނެއްލައިދޫ ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ނެއްލައިދޫގެ ރަށްވެހިންގެ ތެރެއިން ރަށުންބޭރުގައި ވަޒީފާއަދާކުރާ މީހުންގެ ދަފުތަރު އެކުލަވާލުމަށް އިއްޔެ ވަނީ އާންމުކޮށް ހުޅުވާލައިފައެވެ.
އެގޮތުން ނެއްލައިދޫ ރަށްވެހިންގެ ތެރެއިން ރަށުންބޭރުގައި ވަޒީފާއަދާކުރާ ފަރާތްތަކަށް ފަސޭހަ ކަމާއި އެކު އެ ދަފުތަރުގައި ރަޖިސްޓަރީ ވެވޭނޭ ގޮތަށް އޮންލައިން ކޮށް އެ ދަފުތަރުގައި ރަޖިސްޓަރީ ވެވޭނޭ ގޮތް އެ ކައުންސިލުންވަނީ ހަމަޖައްސައިދީފައެވެ.
އެކައުންސިލުން މިހާރުވަނީ ކޮވިޑް-19 އާއި ގުޅިގެން ރަށުފެންވަރުގައި މަސައްކަތް ކުރުމަށް ސޯސަލް ސަޕޯޓް ޑެސްކެއްވެސް އެރަށުގައި ޤާއިމުކޮށް ޑެސްކުން ދެވޭ ޚިދުމަތްތައް އާންމުކޮށް އިޢުލާން ކޮށްފައެވެ.
އޭގެ އިތުރުންވެސް ނެއްލައިދޫ ކައުންސިލުން އަންނަނީ ކޮވިޑް-19 އިން އެރަށުގެ ރައްޔިތުންނާއި، ރަށުގެ ދިރިއުޅޭ މީހުން ރައްކާތެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!