ވަޒީފާއާއިބެހޭ ޤާނޫނާ ޚިލާފަށް މުވައްޒަފުން ވަކިކުރާތީ ރިޕޯޓް ކުރުމަށް ލޭބަރ ރިލޭޝަންސްއިން އޮތޯރިޓީއިން އެދިއްޖެ އެވެ.
އެ އޮތޯރިޓީއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ކޯވިޑް-19 ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ޙާލަތާ ގުޅިގެން، މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތައް ކުޑަކުރުމާއި، މުސާރައާއި އިނާޔަތް ނުދޭގޮތަށް ނޯޕޭ ލީވްގެ ގޮތުގައި، މުވައްޒަފުން ފޮނުވާލުމާއި، ވަޒީފާއިން ވަކިކުރުންފަދަ ކަންކަން، ވަޒީފާދޭ ފަރާތްތަކުން މިދުވަސްކޮޅު ކުރަމުންގެންދާތީ، މުވައްޒަފުންގެ ޝަކުވާތައް އެއޮތޯރިޓީއަށާއި ސަރުކާރުގެ ބައެއް މުއައްސަސާތަކަށް ލިބެމުން ދާކަމަށެވެ.
ކަންހިނގަމުން އަންނަގޮތް އެއޮތޯރިޓީން ބެލިއިރު، މުވައްޒަފުންގެ ކަންކަން ބައެއްފަރާތްތަކުން ނިންމާފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށެވެ. ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ޙާލަތާ ގުޅިގެން، ވިޔަފާރިތަކަށްވެސް ވަރަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވާތީ، މުވައްޒަފުންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ގޮތުން، ސަރުކާރުން ލޯނު ދޫކުރުމާއި އެނޫންވެސް ގިނަގުނަ ލުއިތައް ވިޔަފާރިކުރާ ފަރާތްތަކަށް ހަމަޖައްސައިދެއްވުމަށް ވަނީ ނިންމާފައެވެ.
ލޭބަރ ރިލޭޝަންސްއިން އޮތޯރިޓީއިން ނެރުނު އިޢުލާނުގައި ބުނެފައި ވެއެވެ.
މިޢިނާޔަތް ދިނުމުގައި، މުވައްޒަފުން ވަޒީފާއިން
ވަކިނުކޮށް، މުވައްޒަފުންގެ ޙައްޤުތައް ފުރިހަމަޔަށް އަދާކޮށްދޭ ފަރާތްތަކަށް ސަރުކާރުން އިސްކަން ދެއްވާނެކަމަށާއި، މިދަނޑިވަޅުގައި މުވައްޒަފުންގެ ވަޒީފާއާގުޅުންހުރި ކަންކަން ނިންމެވުމުގެ ކުރިން، އެކަންކަމާ ގުޅޭގޮތުން އެއޮތޯރިޓީއާއެކު މަޝްވަރާކުރެއްވުމަށާއި، އެއްވެސް މުވައްޒަފަކާމެދު ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދަންނަވާފައިވެއެވެ.
ވަޒީފާދޭ އެއްވެސް ފަރާތަކުން، 01 މާރިޗު 2020 އިން ފެށިގެން އެއްވެސް މުވައްޒަފެއްގެ ވަޒީފާގެ ޙާލަތަށް ބަދަލެއް ގެނެސްފައިވާނަމަ، އެފަރާތްތަކުން އެކަންކަން ނިންމެވިގޮތުގެ ތަފްޞީލް، އެ އޮތޯރިޓީގެ ވެބްސައިޓް https://lra.gov.mv/dv/download/ ގައިވާ ޝީޓް ފުރިހަމަކުރެއްވުމަށްފަހު، 15 އެޕްރީލް 2020 ގެ މެންދުރު 12:00 ގެ ކުރިން، އެއޮތޯރިޓީގެ އީމެއިލް info@lra.gov.mv އީމެއިލް ކުރެއްވުމަށް އެދެއެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، އެ އޮތޯރިޓީގެ ނަންބަރު 7208282 އަށް ގުޅުއްވުން ނުވަތަ info@lra.gov.mv އަށް އީމެއިލް ކުރެއްވުން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!