މިއަހަރުގެ އޭޕްރީލް 16 އިން 18 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ހދ އަތޮޅު ޤުރުއާން ކިޔެވުމުގެ މުބާރާތް ފަސްކޮށްފިއެވެ.

ހދ. އަތޮޅު ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި މިމުބާރާތް ފަސްކުރަން ޖެހުނީ ކޮވިޑް19 ގެ ސަބަބުން ސިއްހީ ކުއްލި ހާލަތު އިޢުލާންކޮށްފައިވުމުންނެވެ.

Ad
rt

އިއްޔެ ހދ އަތޮޅު ކައުންސިލް އިދާރާއިގައި ކުރިއަށްދިޔަ އެކައުންސިލްގެ 3 ވަނަ ދައުރުގެ 138 ވަނަ އާންމު ޖަލްސާގައި ނިންމާފައިވަނީ ރާއްޖޭގެ ހާލަތު އާންމު ހާލަތަށް ބަދަލުވުމުން މުބާރާތް ބާއްވާނެ ތާރީހެއް ކަނޑައެޅުމަށެވެ.

މިއަހަރުގެ އޭޕްރީލް މަހު ބޭއްވުމަށް ނިންމާފައިވާ ހދ އަތޮޅު ޤުރުއާން މުބާރާތް ބޭއްވުމަށް އެކައުންސިލުން ނިންމާފައިވަނީ ހދ. ނޮޅިވަރަމްގައެވެ. މުބާރާޓް ބާއްވާނެ ރަށެއް ހޯދުމަށް ކައުންސިލުން ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވިއިރު އެކަމަށް ޝައުގުވެރިކަންފާޅުކޮށްފައި އޮތީ ނޮޅިވަރަމުން އެކަންޏެވެ.

އަތޮޅު ޤުރުއާން މުބާރާތަކީ އަތޮޅުގެ ރަށު ކައުންސިލްތަކުގެ މެދުގައި ވަރަށް ފޯރިއާއި ވާދަވެރިކަމާއެކު ބައިވެރިވާ މުބާރާތެވެ. މި މުބާރާތުގައި ހދ އަތޮޅުގެ ގިނަ ރަށްރަށުން ބައިވެރިވާނެކަމަށް މަޢުލޫމާތުވަނީ ލިބިފައެވެ.

މިދިޔަ އަހަރުގެ ޤުރުއާން މުބާރާތް ބާއްވާފައިވަނީ އެއަތޮޅު ނެއްލައިދޫގައެވެ. ކުޅުދުއްފުށީގެ އިތުރުން މިމުބާރާތް އެންމެ ގިނައިން ބޭއްވި އެއްރަށަކީވެސް ނެއްލައިދޫއެވެ. މިއީ މި މުބާރާތް ނޮޅިވަރަމްގައި ބާއްވާނެ ފުރަތަމަ ފަހަރެވެ.