ކޮވިޑް-19 ގެ ސަބަބުން ކުއްޔަށް އުޅޭ ފަރާތްތަށް ދިމާވާނެ މާލީ ދަތިކަން އިޙްސާސްކޮށް، މިފަހަރު އިހުސާންތެރި ކަމުގެ އަތް ހުޅުވާލީ ޒަކީ އިބްރާޙީމް ޒަކީއެވެ.

ޒަކީ އޭނާގެ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރާއްޖެ އައް މިވަޤުތު ދިމާވެފައިވާ ހިތާމަވެރި ކާރިސާއާއި ގުޅިގެން އޭނާ ކުއްޔައް ދޫކޮށްފައިވާ ހުރި ތަނުން އަންނަމަހުން ފެށިގެން 3 މަސްވަންދެން އޭނާއަށް ވާން އޮތް މިންވަރަކުން ކޮންމެ ވެސް އަދަދެއް ކުލިން ކަޑާލަން ނިންމައިފިކަމަށެވެ.

Ad
rt

މީގެ ދެދުވަސް ކުރިން ރިލްވާން ލަތީފް (ރިލޭ) ކިޔާ މީހަކު ކުއްޔަށް އުޅޭ މީހުންގެ އިހުސާސްތައް ހާމަކޮށްދީ ޓުވީޓު ކުރިފަހުން ޒަކީ އަކީ މިގޮތަށް ކުލި ކުޑަކުރިކަން ފާޅުގައި ހާމަ ކުރި 3 ވަނަ ފަރާތެވެ.

މިމަހުގެ 16 ވަނަ ދުވަހު ރިލްވާން ޝަރީފް ކުރި ޓުވީޓު ގައިވަނީ "އަންނަ މަހުގެ ކުލި ހިލެ އެވެ. މި ދުވަސްވަރު ތިބޭފުޅާއަށް ގިނައިން ލާރި ނުލިބޭނެކަން އެނގެ އެވެ. އަހަންނަކަށް ވެސް ނުލިބެ އެވެ. އެކަމަކު ކާބޯތަކެތި ފަދަ ޒަރޫރީ އެއްޗެހިން ދެ މީހުންނަށް އެހީތެރިވަމާ ހެއްޔެވެ؟ މި ހަނގުރާމަކުރާނީ އެއްބައެއްގެ ގޮތުގަ އެވެ."

އޭނާގެ އެ ޓުވީޓާއި ވިދިގެން ޓުވީޓާގައި ހަރަކާތްތެރި، ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު މުޙައްމަދު ސައީދު އޭނާ ކުއްޔަށް ދީފައި ހުރި ތަންތަނުން ކުލި ކުޑަކޮށްދިންކަން ޓުވީޓެއް މެދުވެރިކޮށް ހާމަކުރިއެވެ.

އޭގެ ފަހުން ލަވަކިޔުންތެރިޔާ އަލީ އަބްދުލްކަރީމް (ރުކުމާ) ވެސް ވަނީ އޭނާގެ ގޭގެ ކުލި ހެޔޮކޮށްދިންކަމަށް ޓްވީޓް ކޮށްފައެވެ.

މިހާލަތުގައި ކުއްޔަށް އުޅޭ އެތައްހާސް ޢާއިލާއެއް ދައްކަން ޖެހޭ ކުލިން މިންވަރެއްވެސް ކުޑަ ވުމަކީ ޢާއިލާތަކަށް ލިބޭނެ ވަރަށް ބޮޑު ލުޔެކެވެ. އިންސާނިއްޔަތަށްޓަކައިވެސް މިތަންވަޅު އެފަރާތްތަކަށް ކޮށްދެވޭނެ އެންމެ ބޮޑު އެއްކަމަކީ އެޢާއިލާތަށް ދައްކަން ޖެހޭ ކުއްޔަށް ލުޔެއް ދިނުމެވެ.

ކުއްޔަށް އުޅޭ ޢާއިލާތަކުގެ ހެޔޮދުއާ ވަނީ އެފަރާތްތަކާއި އެކުކަން ކަށަވަރެވެ.