ރާއްޖެ ހިމެނޭހެން މުޅިދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވަމުން އަންނަ މާލީ ދަތިކަމުގެ ސަބަބުން، މި މަހުގެ ބިލުތައް ދެއްކުމަށް ދަތިވާ ފަރާތްތަކުގެ ޚިދުމަތް މެދު ކަނޑައިނުލާނެކަމަށް އުރީދޫ އިން ބުނެފި އެވެ.

ކަސްޓަމަރުންނަށް ދިމާވި މިހާލަތުގައި އުރީދޫއިން ވަނީ އެކުންފުނީގެ ކަސްޓަމަރުން އެހީތެރިވުމުގެ ގޮތުން ސުޕަނެޓް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އެއް މަސް ވަންދެން 25 ޕަސެންޓު ބޯނަސް ޑޭޓާ ފޯރުކޮށްދޭންވެސް ނިންމާފައެވެ.

Ad
rt

އުރީދޫއިން މިއަދު ކުރި ޓުވީޓުތަކެއްގައި ބުނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް، "ސޯޝަލް ޑިސްޓޭންސް" އަށް ބާރުއެޅުމުގެ ގޮތުން އެ ކުންފުނިން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.

އެގޮތުން މި ހިނގާ މާޗު މަހު އުރީދޫގެ ބިލުތައް ނުދެއްކި ނަމަވެސް، ހިދުމަތްތައް މެދުކަނޑާނުލާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އޭގެ ތެރޭގައި މޮބައިލް، ފައިބާ އަދި ވަޔަލެސް ބްރޯޑްބޭންޑްގެ އިތުރުން ކޮވިޑް-19 ގެ ސަބަބުން ނޭދެވޭ އަސަރުކޮށްފައިވާ ކުދި ވިޔަފާރިތައް ހިންގާ ފަރާތްތައް ވެސް ހިމެނެ އެވެ.

އެޗްޕީއޭގެ އިރުޝާދާ އެއްގޮތަށް ގޭގައި މަޑުކޮށްފައިވާ ފަރާތްތަކަށް އިތުރު އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ސުޕަނެޓް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އެއް މަސް ވަންދެން 25 ޕަސެންޓު ބޯނަސް ޑޭޓާ ލިބޭނެ ކަމަށާއި، އުރީދޫގެ ކަސްޓަމަރުންނަށް، ރާއްޖޭގެ ކޮންމެ ނަންބަރަކަށް ވެސް ހިލޭ އެސްއެމްއެސް ފޮނުވޭނެ ކަމަށް އުރީދޫ އިން ބުނެއެވެ.

ހަމައެއާއެކު އުރީދޫގެ ހުރިހާ މުވައްޒަފުންނަށް ވެސް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖައްސައި، ރޯގާގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ވަޒީފާއަށް ނުނުކުމެ ގޭގައި މަޑުކުރެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސައިފައެވެ.

މީގެ އިތުރުން ދަރިވަރުންނަށް ގޭގައި ތިބެގެން އޮންލައިންކޮށް ކިޔެވުމަށް، އަގުހެޔޮކޮށް އިންޓަނެޓް ފޯރުކޮށްދިނުމަށް ތައުލީމުދޭ މަރުކަޒުތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އުރީދޫ އިން ބުންޏެވެ.

އުރީދޫ އިން ބުނީ ކޮންމެހެން ދާންޖެހިއްޖެ ހާލަތެއްގައި މެނުވީ އުރީދޫގެ ސްޓޯރުތަކަށް ނިދިއުމަށް ބާރުއަޅާ ކަމަށެވެ. އެގޮތުން އުރީދޫގެ ގިނަ ހިދުމަތްތަކެއް އުރީދޫ އެޕް މެދުވެރިކޮށް ހޯދޭނެކަން އެ ކުންފުނިން ބުނެފައިވެއެވެ.

އުރީދޫގެ ނަންބަރުތަކަށް ގުޅުމުން ފޯނު ރިންގުވާ އަޑުގެ ބަދަލުގައި، ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތަކާ ގުޅޭ ހޭލުންތެރި ކުރުމުގެ މެސެޖު އަޑުއިވޭ ގޮތަށްވެސް އޫރީދޫއިން ވަނީ ކުރިން ހަދާފައެވެ.

އުރީދޫގެ މި އެހީތެރިކަން ވެގެން ގޮސްފައިވަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން، ރައްޔިތުން ހޭލުންތެރި ކުރުމަށް ކުރަމުން އަންނަ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ބާރަކަށެވެ.