ދިވެހިރާއްޖޭގެ ދީނަކީ އިސްލާމްދީން ކަމަށާއި ދީނަށް ފުރައްސާރަވާ ގޮތަށް ކަންކުރާ މީހުންގެ މައްޗަށް ދަޢުވާކުރާނެކަމަށް ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޝަމީމް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. މިޓުވީޓުގައި އިތުރަށް ބުނެފައިވަނީ ކުރިންވެސް ދީނަށް ފުރައްސާރަވާ ގޮތަށް ކަންކުރާ މީހުންގެ މައްޗަށް ވަނީ ދަޢުވާ ކޮށްފަކަމަށެވެ.

Ad
rt

ދެންވެސް ކުރާނެ. ކަމުގެ ޙަޤީޤަތް ނުބަލައި، އެކަމުގެ ވަށައިގެން ފިތުނަ އުފައްދަން މަސައްކަތް ކުރުމަކީ ވަރަށް ދެރަ ކަމެއް.

ސަމީމުގެ ޓުވިޓުގައި ބުނެފައިވެއެވެ.

ސަމީމު މިމޭރުމުން ޓުވީޓު ކުރައްވާފައިމިވަނީ އިސްލާމްދީނަށް ފުރައްސާރަކޮށް ދިވެހި ދައުލަތަށް ގޮންޖަހާ ޓްވީޓާގައި ވާހަކަދައްކަމުން އަންނަ ގދ. ތިނަދޫ، އުމުރުން 37 އަހަރުގެ މުހައްމަދު ރުސްތަމް މުޖުތުބާ ދެވަނަ ފަހަރަށް ހައްޔަރުކޮށްފައިވަނިކޮންނެވެ.

ސަމީމުގެ ޓުވީޓަށް ރިޕްލައި ކުރައްވާ އާންމު ފަރާތަކުން މައްސަލަ އަވަހަށް ބަލައިދީ ފިޔަވަޅު އެޅުއްވުމަށް އެދުމުން ޖަވާބުގައި ސަމީމު ބުނެފައިވަނީ ފިޔަވަޅު އޮތީ ކުރިންވެސް އަޅާފަ ކަމަށެވެ.

މިހާރުވެސް އަޅާފަ، ހަމަ ނުބަލަނީ

ސަމީމުގެ ޓުވީޓުގައި ބުނެފައިވެއެވެ.

ދޫކޮށްލާފައި ހުއްޓާ ރުސްތުމް އަނެއްކާވެސް ހައްޔަރު ކުރިކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. ފުލުހުން ބުނި ގޮތުގައި އޭނާ ހައްޔަރު ކުރީ މާލެއިންނެވެ. މީނާއަކީ މިދިޔަ އަހަރުވެސް ދީނަށް ފުރައްސާރަކޮށްގެން ފުލުހުން ހައްޔަރުކުރި މީހެކެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު އޭނާ ވަނީ ދޫކޮށްލާފައެވެ. އޭނާ ދޫކޮށްލަން އަމުރުކުރީ ތިނަދޫ މެޖިސްޓްރޭޓު ކޯޓުންނެވެ. އަދި އޭނާ ދޫކޮށްލިފަހުން ވެސް ޓްވީޓާ ގައި އަންނަނީ އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ ގޮތުން ވާހަކަދައްކަމުންނެވެ.

ފުުލުހުންގެ ވަޓްސްއަޕް ގްރޫޕުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް އިއްޔެ ޖަވާބު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު އިއްޔެ ވިދާޅުވީ އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ފުލުހުން ވަނީ ރުސްތަމް ދޫކޮށްލުމާއި ގުޅޭ ގޮތުން ވެސް ވާހަކަދައްކާފައެވެ. އެގޮތުން ފުލުހުން ބުނީ ދީނަށް ފުރައްސާރަކޮށްގެން ރުސްތަމް ހައްޔަރުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10ވަނަ ދުވަހުގައި ކަމަށެވެ. އެ މައްސަލާގެ ތަހުގީގުކޮށް އޭނާގެ މައްޗަށް ދައުވާ ކުރުމަށް އެދި ޕީޖީ އޮފީހަށް ފޮނުވީ އޮކްޓޫބަރު 10 2019 ގައި ކަމަށްވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނި ގޮތުގައި ފުލުހުންގެ ހައްޔަރުން އޮކްޓޫބަރު 14، 2019 އިގައި ކަރެކްޝަންގެ ބަދަލު ކުރި ކަމަށާއި އޭނާގެ މައްސަލަ ކޯޓުގައި އޮއްވާ މި މަހުގެ ނުވަ ވަނަ ދުވަހު އޭނާ ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.

އޭނާ ދޫކޮށްލީ ތިނަދޫ މެޖިސްޓްރޭޓު ކޯޓުންނެވެ. އަދި އޭނާ ދޫކޮށްލީ ކުރީގެ ގާނޫނެއްގެ ދަށުން ހައްޔަރު ކުރި ކަމަށް ބުނެއެވެ.