ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެ، ދިވެހިން ނޫންނަމަވެސް ރާއްޖެއިންވެސް އެވައިރަސްއަށް 8 މީހުން ޕޮޒިޓިވް ވެފައިވާ މިވަގުތުގައި ރާއްޖޭގެ އެއް މުއާސަލާތީ ކުންފުނި އުރީދޫއިން ރައްޔިތުން ހޭލުންތެރި ކުރުމުގައި ބައިވެރި ވެއްޖެއެވެ.
އެގޮތުން އުރީދޫގެ ނަންބަރުތަކަށް ގުޅުމުން ފޯނު ރިންގުވާ އަޑުގެ ބަދަލުގައި، ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތަކާ ގުޅޭ ހޭލުންތެރި ކުރުމުގެ މެސެޖު އަޑުއިވޭ ގޮތަށް ވަނީ ހަދާފައެވެ.
އުރީދޫގެ މި އެހީތެރިކަން ވެގެންދާނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން، ރައްޔިތުން ހޭލުންތެރި ކުރުމަށް ކުރަމުން އަންނަ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ބާރަކަށެވެ. ސޯސަލް މީޑިއާ ބަލައި، ނުވަތަ ޓީވީތައް ހުޅުވައިގެން ހޭލުންތެރި ކަމުގެ މެސެޖްތައް ބަލައި އަޑުއަހަން ވަގުތު ނުދެވޭ މީހުން ހިމެނޭހެން ފަސޭހަކަމާއިއެކު އެޗްޕީއޭގެ މެސެޖު އަޑުއަހައި، ދެނެގަންނަށް އުރީދޫގެ މިއެހީތެރިކަން ވެގެންދާނީ ބޮޑު އޯޑިއެންސްއަކަށް މިމެސެޖު ފޯރާ ވަރަށް ބޭނުންތެރި ޚިދުމަތަކަށެވެ.
As part of our efforts to spread more awareness regarding #COVID19 @OoredooMaldives customers will now hear an awareness message instead of the usual ringback tone.
— Health Protection Agency (@HPA_MV) March 12, 2020
އެޗްޕީއޭގެ ފަރާތުން ގެނެސްދޭ މެސެޖެއްގެ ގޮތުގައި އަޑު އިއްވާދޭ އެ މެސެޖުގައި ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުމަށާއި، ކެއްސާ ކިނބިހި އަޅާއިރު އަނގަމަތި ނިވާކުރުމަށް އިލްތިމާސް ކުރެ އެވެ.
ބަލިވެ އުޅޭނަމަ މީހުން އެއްވެ އުޅޭތަންތަނަށް ނުދިޔުމަށާއި ހުންއައިސް ރޯގާ ޖެހިފައި ތިބޭ މީހުން މާސްކު އަޅައި، ސިއްހީ އެހީތެރިންގެ ލަފާ ހޯދުމަށް އިލްތިމާސް ކުރެ އެވެ.
ކޮވިޑް-19 ވައިރަސްގެ ޖެހިފައިވާ 8 މީހުން މިހާތަނަށް ރާއްޖެއިން ވަނީ ފެނިފަ އެވެ. ވައިރަސް ފެނިފައިވަނީ ތިން ރިސޯޓެއްގައި ތިބި އަށް ބިދޭސިންގެ ފަރާތުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ކުރެއްދޫ ރިސޯޓާއި ބަތަލާ އަދި ކުރަމަތި ރިސޯޓެވެ. މި ތިން ރިސޯޓު ލޮކްޑައުންގައި ބޭއްވުމަށްފަހު، ރޭ ވަނީ އަލުން ހުޅުވާލައިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!