ރިސޯޓަކަށް އަރާ ފޭބުން ވަގުތީ ގޮތުން ހުއްޓުވައި، 3 ރިސޯޓެއް ހުޅުވާލައިފިއެވެ.

މިގޮތުން އަރާ ފޭބުން ވަގުތީ ގޮތުން ހުއްޓުވާފައި ވަނީ ދ. އަތޮޅުގައި ހިންގަމުން އަންނަ ސަން އެކުއާ އިރު ވެލި މޯލްޑިވްސް ރިސޯޓެވެ.

Ad
rt

‏‎އެ ރިސޯޓަށް ވަގުތީ ގޮތުން އަރާ ފޭބުން ހުއްޓވީ ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދާތީ ކަމަށް އެޗްޕީއޭއިންވަނީ ބުނެފައެވެ. އަދި ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓުގައި ވަނީ މޮނިޓަރިންގްއަށް ލެވިފައި ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

އަރާ ފޭބުން ވަގުތީ ގޮތުން ހުއްޓުވާފައި އޮތުމަށް ފަހު އަލުން ހުަޅުވާލީ ކުރެއްދޫ އައިލެންޑް ރިސޯޓް، ސޭންޑީސް ބަތަލާ އަދި ކުރަމަތި މޯލްޑިވްސްއެވެ.

އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ މި ރިސޯޓްތަކަށް އަރާ ފޭބުން ހުޅުވާލެވިފައިވާ ކަމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ގޮތުން ބަލި ފެނުމުގެ ފުރުސަތު ބޮޑަށް އޮތް ފަރާތްތަކުން ބޭރަށް ނުނިކުމެވޭނެ ގޮތަށް، ވަކި ސަރަހައްދެއްގައި އެކަހެރިކޮށް ބެހެއްޓޭނެ އިންތިޒާމު އެ ރިސޯޓުތަކުގައި ހަމަޖައްސާފައި ވާކަމަށެވެ.

އަދި އެގޮތަށް އެކަހެރިކޮށްފައިވާ ފަރާތްތައް އަމަލުކުރާނެގޮތާއި މެދު އެކުލަވާލާފައިވާ އުސޫލްތަކާއި ޕްރޮސީޖަރތަކާއި އެއްގޮތަށް އަމަލުކުރޭތޯ ރިސޯޓްތަކުގެ މެނޭޖްމަންޓުން ބަލާ ކަށަވަރު ކުރާނެކަމަށާއި، އެ ރިސޯޓްތަކުން މީހުން ފޭބުމުގެ ކުރިން ''އެގްޒިޓް ސްކްރީން'' ކުރާނެކަމަށްވެސް ވަނީ ބުނެފައެވެ.

އޭގެ އިތުރުން އެޗްޕީއޭއިން ބުނީ މި ބަލިން ރައްކާތެރި ކުރުމަށްޓަކައި އަޅާ ފިޔަވަޅާއި، އެބަލި ފެތުރުނަ ނުދިނުމަށްޓަކައި ކުރާ މަސަައްކަތްތައް ތަންފީޒުކުރުމަށް ޞިއްޙީ މުވައްޒަފަކު ރިސޯޓްތަކުގައި ހަރަކާތްތެރި ވަމުންދާނެކަމަށެވެ.

އެޗްޕީއޭއިން ކޮށްފައިވާ އިތުރު ޓުވީޓެއްގައި ބުނީ ‏‎ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގާފައިވާ ފަރާތެއްގެ ނަތީޖާ "ނެގަޓިވް" ވުމާ ގުޅިގެން، ފަރުކޮޅުފުށީގައި އައިސޮލޭޓް ކޮށްފައިވާ ފަރާތެއް، ގޭގައި އެކަހެރިކޮށް ހުރުމަށް ފޮނުވިފައި ވާ ކަމަށެވެ.