2020 ވަނަ އަހަރުގެ ފުރަތަމަ "ސުޕަރ މޫން" ރާއްޖެއަށް މިރޭ ފެންނާނެ ކަމަށް ފަލަކީ ޢިލްމުވެރިން ބުނެއެވެ.

ރާއްޖޭގެ ފަލަކީ ގޮތުން ފުންނާބު އުސް ރައީސް މަޢުމޫން ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ މިރޭ 22:48 ގައި ރާއްޖެއަށް ވަރަށް ސާފުކޮން މިއަހަރުގެ ފުރަތަމަ "ސުޕަރ މޫން" ފެނިގެން ދާނެކަމަށެވެ.

Ad
rt

ސުޕަރ މޫންއޭ ކިޔަނީ، ބިމުގެ ވަށައިގެން ހަނދު ދައުރު ކުރަމުންދާ ދިއުމުގައި ބިމާ ހަނދާ އެންމެ ކައިރީގައި ވާ ދުވަހު ފުރިހަމަ ހަނދެއް (ފުލް މޫން އެއް) ފެންނަ ގޮތް ވުމެވެ. ހަނދު ބިމުގެ ވަށައިގެން ދަތުރުކުރާ ކުރުމުގައި، ހަނދު ބިމާ ވަރަށް ކައިރީގައި ހުންނަ ވަގުތަކާއި، ހަނދު ބިމާ ވަރަށް ދުރުގައިވާ ވަގުތެއް އާދެއެވެ. ހަނދު ބިމާ އެންމެ ކައިރީގައި ހުންނަ ވަގުތަށް ކިޔަނީ [ޕެރިޖީ] އެވެ. ހަނދު ބިމާ އެންމެ ދުރުގައި ހުންނަ ވަގުތަށް ކިޔަނީ [އެޕޮޖީ] އެވެ.

ބިމާއި ހަނދާ ދެމެދުގައިވާ އެވްރެޖް ދުރުމިނަކީ 238,000 މޭލެވެ. ހަނދު ޕެރިޖީގައި ހުންނައިރު ބިމާ 223,000 މޭލު ކައިރިއަށް އާދެއެވެ. ހަނދު އެޕޮޖީގައި ހުންނަ ވަގުތު ހަނދު ހުންނާނީ 253,000 މޭލު ދުރުގައެވެ.

ތިރީގައި މިވަނީ2019 ވަނަ އަހަރު ފެނުން ސުޕަރ މޫން އާއި އެހެން ދުވަސް ދުވަހު ދުނިޔެ އަށް ހަނދު ފެނިފައިވާ ބޮޑުމިނުގެ ފަރަގު ދައްކުވައިދޭ ފޮޓޯ އެކެވެ.

މިރޭ ހަނދު ހުންނާނީ ޕެރިޖީގައި ކަމަށްވާތީ، ސުޕަރ މޫން ފެންނަ ވަގުތު ހަނދު ފެންނާނީ އާދައިގެ ފުލް މޫންއެއް ނުވަތަ ފުރިހަމަ ހަނދެއް ފެންނަ ވަރަށްވުރެ ބޮޑުކޮށެވެ. ސުޕާރ މޫންގެ ބޮޑުމިން އާދައިގެ ދުވަހެއްގެ ހަނދުގެ ބޮޑުމިނާ އަޅާބަލާއިރު ބޮޑުކަމަށް ފާހަގަ ކުރެވޭނީ އެ ހަނދު އުދަރެހުގައި ފެންނަން ހުންނަ ދިމާއެއްގެ ގޮތުންނެވެ. ހަނދު ސިދާ ބޯމަތީގައި އެއްވެސް ނިވަލެއް ނެތި ފެންނަން ހުންނަންޏާ ހަނދުގެ ކުރިއަށް ވުރެ ބޮޑުކަން ފާހަގަ ކުރުމަކީ އުނދަގޫ ކަމެކެވެ. ނަމަވެސް ސުޕަރ މޫންއެއް އިމާރާތެއް ނުވަތަ ގަހެއްގެ ނިވަލުން ފެންނަ ނަމަ އެ ހަނދާއި އިމާރާތާއި ނުވަތަ ގަހާ އަޅާ ކިޔާލާ އޭގެ ބޮޑުކަމާއި ހައިބަތު ސާފުކޮށް ފެންނަން ހުންނާނެއެވެ. ނާސާގެ އިލްމުވެރިން މިގޮތަށް އެކި ތަންތަނުން ހަނދު ފެންނަގޮތް ތަފާތުވަމީ އޮޕްޓިކަލް އިލިއުޝަންއެއް ކަމުގައި ބުނެއެވެ.

1948 ވަނަ އަހަރު ޖަނަވަރީ އަށް ފަހު ހަނދު ދުނިޔެއާ އެންމެ ކައިރިން އަދި ބޮޑުކޮށް ފެނިފައިވަނީ 14 ނޮވެމްބަރ 2016 ގައެވެ. ހަނދު އެވްރެޖްކޮށް ހުންނަ ވަރަށް ވުރެ 14 އިންސައްތަ ބޮޑުކޮށް އަދި 30 އިންސައްތަ އަލިގަދަކޮށް އެދުވަހު ވަނީ ފެނިފައެވެ. ދެން ހަނދު އެންމެ އަވަހަށް ވެސް މިހާ ބޮޑުކޮށް ފެންނާނީ 2034 ވަނަ އަހަހަރުގެ ނޮވެމްބަރ 25 ވަނަ ދުވަހުއެވެ.