އިސްލާމްދީން ފަރުދުންގެ ޙައްޤުތައް ރައްކައުތެރިކޮށްދޭ ފަދައިން ޖަމާޢަތުގެ ޙައްޤުތައްވެސް ރައްކައުތެރިކޮށް ދެއެވެ. އެ ޙައްޤުތަކަށް އިޙްތިރާމް ކުރުމަށް އިސްލާމްދީން ގޮވާލައެވެ. ނުހިނގާ ފެންގަނޑުގަނޑު ފަދަ ތަންތަނަށް ގިފިއްޔަށް ނުދިޔުމަށާއި އެފަދަ ތަންތަނަށް ނަޖިސްފަދަ ހަޑިމުޑުދާރު އެއްޗެހި އުކާނުލުމަށް އިސްލާމްދީން އަމުރުކުރެއެވެ.

ޖާބިރުގެފާނުގެ ކިބައިން ރިވާވެގެންވާ ގޮތުގައި ނުދެމޭ ފެންގަނޑުގަނޑަށް ކުޑަކަމުދިއުން ކީރިތި ރަސޫލާ صلى الله عليه وسلم މަނާކުރެއްވިއެވެ.

Ad
rt

"ތިޔަބައިމީހުންގެ ތެރެއިން ހަމަ އެކަކު ވެސް ނުދެމޭ ފެންގަނޑުގަނޑަށް ކުޑަކަމުނުދާހުށިކަމެވެ! އަދި އެއަށްފަހު އެފެންގަނޑުން ފެންނުވަރާހުށި ކަމެވެ!"

ވީމާ، އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެން ވަނީ އަޅުގަނޑުމެންގެ ޞިއްޙީ ޙާލަތު ރަނގަޅުގޮތުގައި ދެމެހެއްޓުމަށްޓަކައި ފެން ހަޑިމުޑުދާރު ނުކޮށް ބެލެހެއްޓުމެވެ. މިފަދަ ކަމެއް ކުރުމަކީ އެފެން ބޭނުން ނުކުރެވޭނެ ކަމެކެވެ. މީގެ އިތުރަށް އެފެންގަނޑު ބަދަލުވެގެން ދާނީ ބަލިތަކާއި ޖަރާސީމުގެ ވެށްޓަކަށެވެ. މާތް ﷲ ރުއްސުން ލެއްވި މުޢާޛު ބުނު ޖަބަލު ރިވާކުރައްވާފައިވާ ޙަދީޘްފުޅެއްގައި އައިސްފައިވެއެވެ.

"މާތް ﷲ ކޯފާ ލައްވައި ލަޢުނަތްލައްވާ އަދި މީހުންގެ ނުރުހުން ރައްދުވާ ތިންކަމަކާ ތިޔަބައިމީހުން ދުރުހެލިވެ ރައްކައުތެރި ވާށެވެ! އެއީ ފެންގަނޑުގަނޑަށާއި މަގުމައްޗަށާއި ހިޔާ ގަނޑުގަނޑަށް ޤަޟާ ޙާޖަތު ކުރުމެވެ.”

މި ޙަދީޘްފުޅަށް ބަލާއިރު ކީރިތި ރަސޫލާ صلى الله عليه وسلم އަޅުގަނޑުމެންނަށް އިރުޝާދު ދެއްވަނީ ޢާއްމު ޤަވާޢިދު ތަކަކަށެވެ. މިކަންތައްތަކަކީ ހުރިހާ ވަގުތެއްގައި ހުރިހާ ޒަމާނެއްގައި ހިފަހައްޓަން ޖެހޭނެ ޤަވާޢިދުތަކެކެވެ.