އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ދެކުނުގައި އޮންނަ ޚަލީލް (ހެބްރޮން) ސިޓީގެ ރައްޔިތުން ގަދަކަމުން ގެދޮރުން ނެރެ ބޭރުކުރުމަށްފަހު، އެ މީހުންގެ ގެތައް އިސްރާއީލު ސިފައިންގެ ބަރަކާތްތަކަށާއި (ބެރެކްސް) އަދި ފާރަލާ ޕޯސްޓުތަކަކަށް ބަދަލުކޮށްފިއެވެ. އިސްރާއީލު ސިފައިން މި ފިޔަވަޅު އަޅާފައިވަނީ ހުޅަނގު އައްސޭރީގެ ދެކުނުގައި ފަށާފައިވާ އަސްކަރީ އޮޕަރޭޝަންގެ ދެވަނަ ދުވަސް ކަމަށްވާ ހޮނިހިރު ދުވަހު ކަމަށް ފަލަސްތީނުގެ ރަސްމީ ޚަބަރު ފަތުރާ ވަފާ އެޖެންސީއާ ހަވާލާދީ އަނަދޯލު ނޫހުން ރިޕޯޓުކޮށްފައިވެއެވެ.
ވަފާ އެޖެންސީން މަސްދަރުތަކާ ހަވާލާދީ ބުނި ގޮތުގައި، އިސްރާއީލު ސިފައިން ވަނީ ޚަލީލްގެ ދެކުނު ސަރަހައްދުތައް ކަމަށްވާ ޚައްލަތު މަންނާ އަދި ދާހިޔަތު އަލްޒައިތޫންގެ ގެތަކަށް ވެރިވެގަނެ، އެ ތަންތަން ސިފައިން ތިބޭ ބަރަކާތްތަކެއްގެ ގޮތުގައި ބޭނުންކުރަން ފަށައިފައެވެ. މީގެ އިތުރުން އެ ސިޓީގެ އެހެން އަވަށްތަކުގެ ގެތަކުން ވެސް އާންމުން ނެރެ، އެ ތަންތަން އިސްރާއީލު ސިފައިން ވަނީ ފާރަލާ އަސްކަރީ ޕޯސްޓުތަކެއްގެ ގޮތުގައި ބޭނުންކުރަން ފަށައިފައެވެ.
އާންމުން ގެދޮރުން ނެރެ ބޭރުކުރަން މި ފެށީ، ހުކުރު ދުވަހުން ފެށިގެން އެތައް ސަތޭކަ އާއިލާއެއް ގަދަކަމުން ގެދޮރުން ބޭރުކޮށް، ފުޅާ ދާއިރާއެއްގައި ރެއިޑްތައް ޖަހައި، މަގުތައް ބަންދުކޮށް އަދި ދަތުރުފަތުރު ކުރުމުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންދާ ދަނޑިވަޅެއްގައެވެ.
މީގެ އިތުރުން ބައިތުލަހަމް (ބެތުލެހެމް) ކައިރީގައި އޮންނަ ތުގޫ އަވަށަށް ދާން އޮންނަ ވެލި މަގުތައް އިސްރާއީލު ސިފައިން ވަނީ ބަންދުކޮށްފައެވެ. އަދި ބަދަލު މަގުތަކުން ދަތުރުކުރި ފަލަސްތީނުގެ ވެހިކަލްތަކަށް އަމާޒުކޮށް ކަރުނަގޭހާއި އަޑުގަދަ ބޮން (ސްޓަން ގްރެނޭޑް) އުކާފައިވާ ކަމަށް ފަލަސްތީނުގެ ސަލާމަތީ މަސްދަރުތަކާ ހަވާލާދީ ވަފާ އިން ބުންޏެވެ. ބައިތުލަހަމާއި ކައިރި އަވަށްތަކާއި އަދި އަވަށްޓެރި އަވަށްތަކުގެ މަގުތައް ބަންދުކޮށްފައި އޮތުމުގެ ސަބަބުން، އެއް ތަނުން އަނެއް ތަނަށް ދަތުރުކުރުމަށް ފަލަސްތީނު މީހުންނަށް މަޖުބޫރުވެފައިވަނީ ތާރުނާޅާ އުނދަގޫ މަގުތައް ބޭނުންކުރުމަށެވެ.
އިސްރާއީލު ސިފައިން ޚަލީލާއި އެ ސިޓީ ކައިރީގައި އޮންނަ ހަލްހޫލް ބަންދުކޮށްފައިވަނީ، ހުކުރު ދުވަހު ފަލަސްތީނުގެ ދެ މީހަކު އިސްރާއީލުގެ ޗެކްޕޮއިންޓަކަށް ހަމަލާދިނުމާ ގުޅިގެންނެވެ. އިސްރާއީލުގެ ހިސާބުތަކުން ދައްކާ ގޮތުގައި އެ ހަމަލާގައި އިސްރާއީލުގެ ދެ ސިފައިން މަރުވެ، އިތުރު ތިން މީހަކު ޒަޚަމްވިއިރު، ހަމަލާދިން ދެ މީހުން ވެސް ވަނީ އިސްރާއީލު ސިފައިން މަރާލައިފައެވެ. އިސްރާއީލު އަސްކަރިއްޔާއިން ހުކުރު ދުވަހު ބުނެފައިވަނީ، އެ ސަރަހައްދުގައި ހިންގާ އޮޕަރޭޝަން އެތައް ދުވަހަކަށް ދެމިގެންދާނެ ކަމަށާއި، އޭގެ ތެރޭގައި ގެތައް ފާސްކުރުމާއި، ސުވާލުކުރުމުގެ އިތުރުން ހަތިޔާރާއި "ޓެރަރިސްޓް އިންފްރާސްޓްރަކްޗާ" ހޯދުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.
އޮކްޓޫބަރު 2023 ގައި ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ފެށި ނަސްލުހޭދުކުރުމުގެ ހަނގުރާމައަށް ފަހު، އިރުމަތީ ގުދުސް ހިމެނޭހެން ހުޅަނގު އައްސޭރީގައި އިސްރާއީލުގެ އަސްކަރީ ހަމަލާތަކާއި ވަޒަންވެރިން ހިންގާ އަނިޔާވެރި އަމަލުތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ. މި ހަމަލާތަކުގެ ތެރޭގައި ފަލަސްތީނު މީހުން މެރުމާއި ހައްޔަރުކުރުމާއި، ގެދޮރާއި އެހެނިހެން އިމާރާތްތައް ތަޅާލުމާއި، މިސްކިތްތަކާއި އުޅަނދުތަކުގައި ހުޅުޖެހުމާއި، ދަނޑުބިންތައް ބުލްޑޯޒަރު އަޅައި ހަލާކުކުރުމާއި، ދަނޑުވެރިން އެމީހުންގެ ދަނޑުތަކަށް ދިއުން ހުއްޓުވުމުގެ އިތުރުން، ފަލަސްތީނުގެ މުޖުތަމައުތައް ގަދަކަމުން ގެދޮރުން ބޭރުކުރުމާއި ޣައިރުގާނޫނީ ޔަހޫދީ އާބާދީތައް ފުޅާކުރުން ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!