އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގެ ތެރޭގައި އެ ސަރަހައްދުގެ އާންމު ދިރިއުޅުމުގެ ހާލަތު ސޯޝަލް މީޑިއާ މެދުވެރިކޮށް ދުނިޔެއަށް ހާމަކޮށްދިން ފަލަސްތީނުގެ ކޮންޓެންޓް ކްރިއޭޓަރު ނިސްރީން ސްކައިކް، ބައިނަލްއަގުވާމީ އެވޯޑެއްގެ ފައިނަލަށް ހޮވިއްޖެ އެވެ.
ޣައްޒާއަށް ނިސްބަތްވާ ޒުވާން އަންހެން ކުއްޖެއް ކަމަށްވާ ނިސްރީން ފައިނަލަށް ހޮވިފައިވަނީ "ޑިޖިޓަލް ކްރިއޭޓާ އެވޯޑްސް 2026" ގެ ޖޫނިއާ ކެޓަގަރީންނެވެ. މިއީ ހަނގުރާމައިގެ ސަބަބުން މުޅި ދިރިއުޅުން އެފުށްމިފުށަށް ޖެހިފައިވާ މާހައުލެއްގައި، ކެމެރާ ނަގައިގެން އޭނާ މި މަސައްކަތް ކުރަމުން އަންނަތާ އެތައް މަހެއް ވެފައިވަނިކޮށް ލިބުނު ބޮޑު ކާމިޔާބީއެކެވެ.
ނިސްރީން ވަނީ އިސްރާއީލުގެ ހަމަލާތަކުގެ ތެރޭގައި ޣައްޒާގެ ރައްޔިތުންގެ ކޮންމެ ދުވަހެއްގެ ދިރިއުޅުން ވޭތުވަމުންދާ ގޮތް، ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓުތަކުން މުޅި ދުނިޔެއަށް ދައްކުވައިދީފަ އެވެ. އޭނާގެ މި މަސައްކަތްތައް ބައްޓަންވެގެން ދިޔައީ ގެދޮރު ގެއްލުމާއި އިންތިހާ ދަތި ހާލަތްތަކުގެ ތެރޭގަ އެވެ.
ޣައްޒާގެ މި ނުރައްކާތެރި ހާލަތުގެ ސަބަބުން އާދައިގެ ކުޑަކުއްޖެއްގެ ދިރިއުޅުމެއް ވޭތުކުރުމަކީ ދަތި ކަމަކަށް ވެފައިވާއިރު، ނިސްރީންގެ ކޮންޓެންޓްތަކުން ވަނީ އެ ތަނުގެ ހަގީގަތް ވަރަށް ގާތުން ތަސްވީރުކޮށްދީފަ އެވެ. ބައިނަލްއަގުވާމީ އެވޯޑުގެ ފައިނަލަށް ހޮވުނު ޚަބަރު ލިބުމާ އެކު، އުފަލުން ގޮސް އޭނާއަށް ވަނީ ރޮވިފަ އެވެ.
ނިސްރީންގެ އާއިލާއިން ހޮނިހިރު ދުވަހު އާންމުކުރި ވީޑިއޯއަކުން ފެންނަނީ، އާއިލާގެ މެންބަރުންނާއެކު އޭނާ މި އުފާވެރި ޚަބަރު ފާހަގަކުރަމުންދިޔަ މަންޒަރެވެ. އެ ވަގުތު އާއިލާގެ އެންމެން އޭނާ ވަށައިލައި، ބައްދައި، ހީނ އަދި އުފާވެރިކަމުގެ ކަރުނައާ އެކު އެ ކާމިޔާބީ ފާހަގަކުރަމުންދިޔަ މަންޒަރު ފެނިގެންދެ އެވެ.
ޑިޖިޓަލް ކްރިއޭޓާ އެވޯޑްސް 2026 ގެ ޖޫނިއާ ކެޓަގަރީގެ ފައިނަލިސްޓެއްގެ ގޮތުގައި ނިސްރީން ހޮވުމަކީ، ދަތި އުނދަގޫ ހާލަތުގައި ވެސް ޣައްޒާގެ ހަގީގަތް ބައިނަލްއަގުވާމީ މުޖުތަމައުގެ ސަމާލުކަމަށް ގެނައުމަށް އޭނާ ކުރި މަސައްކަތަށް ލިބިގެންދިޔަ މުހިންމު ބަލައިގަތުމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!