ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ޙައްޖު ކިއުއިން ޖާގަ ލިބުނުތާ ތިން އަހަރު ވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ ވީހާވެސް ގިނަ ދޮށީ ޢުމުރުގެ ބޭފުޅުންނަށް ފަރުޟު ޙައްޖު އަދާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޤްޞަދުގައެވެ.
މިކަމުގެ ތަފްސީލު ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމެއްގައި މަޢުލޫމާތު ދެއްވަމުން އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އަދި ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަލްއުސްތާޛު މުޙައްމަދު ފިރްޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވީ، ރާއްޖެއަށް ލިބޭ ޙައްޖު ކޯޓާގެ ޢަދަދަށް ބަލާއިރު ކިއުގައި ދޮށީ ޢުމުރުގެ ގިނަ ބޭފުޅުން ތިއްބެވުމާއެކު، ދިގު މުއްދަތަކަށް އިންތިޒާރުކުރަން ޖެހި ޙައްޖުވުމުގެ ފުރުސަތު ނުލިބިދާނެކަމުގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމަށެވެ. އަދި މި އުޞޫލު ތަންފީޒުކުރާނީ އެންމެންނަށް ހަމަހަމަކަމާއެކު، އެއްވެސް ތަފާތުކުރުމެއް ނެތި، މައުޟޫޢީ ގޮތެއްގައި ޢުމުރަށާއި ކިއުއިން ޖާގަ ލިބުނު ތާރީޚަށް ބަލައިގެން ކަމަށްވެސް ފާހަގަކުރެއްވިއެވެ.
މި އުސޫލުގެ ދަށުން ޙައްޖު ކިއުގައި ތިބޭތާ ތިން އަހަރު ވެފައިވާ ފަރާތްތައް ކަމުގައި ބަލާނީ، 31 ޑިސެންބަރު 2023 ގެ ނިޔަލަށް ޙައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކެވެ. އަދި 70 އަހަރުން މަތީގެ ޢުމުރުފުރާ ކަމުގައި ކަނޑައަޅާފައިވަނީ 31 ޑިސެންބަރު 2026 ގެ ނިޔަލަށް ޢުމުރުން 70 އަހަރު ފުރިފައިވާ ފަރާތްތަކެވެ. މީގެ އިތުރުން، މި އުސޫލުގެ ދަށުން ފުރުޞަތު ދެވޭ ހުރިހާ ފަރާތްތަކަކީވެސް މީގެ ކުރިން ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ، ހަމައެކަނި ފަރުޟު ޙައްޖު އަދާކުރުމަށް ދާ މީހުންނަށް ވާންޖެހޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.
ހަމަޖެހިފައިވާ އުސޫލުގެ މަތިން 70 އަހަރުން މަތީގެ 324 މީހަކަށް 1448 ވަނަ އަހަރުގެ ޙައްޖުން ފުރުޞަތު ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ޢުމުރުން 75 އަހަރުން މަތީގެ 86 މީހަކަށްވެސް ފުރުޞަތު ލިބިގެންދާނެ ކަމަށް މަޢުލޫމާތު ދީފައިވެއެވެ.
މި އުޞޫލު ތަންފީޒުކުރި ނަމަވެސް، 1448 ވަނަ އަހަރު ޙައްޖަށް ދެވޭނެކަމަށް އަންދާޒާކޮށްފައިވާ ޢުމުރުން 65 އަހަރާއި 69 އަހަރާ ދެމެދުގެ ބޭފުޅުންނަށް އެ ފުރުސަތު ލަސްވުމެއް ނާންނާނެހެން، 65 އަހަރުން މަތީގެ ފަރާތްތަކަށްވެސް މި އަހަރުގެ ކިއުގައި އިސްކަންދޭނެއެވެ. އަދި އެފަދަ ފަރާތްތަކާއެކު ދިއުމަށް ފައިސާ ދައްކާފައިވާ އަދި 1448 ވަނަ އަހަރު ޙައްޖުވެވޭނެކަމަށް އަންދާޒާކުރެވޭ ޢާއިލީ މީހުންގެ ތެރެއިން ކިއުގައި ތިބި ޢާއިލާގެ އެއް މެންބަރަކަށް އެކުގައި ދިއުމުގެ ފުރުޞަތު ނުގެއްލޭނެހެން އިސްކަންދޭނެކަންވެސް ވަނީ ހާމަކޮށްފައެވެ.
މި ބަދަލުގެ ސަބަބުން ކިއުގައި ތިބި 65 އަހަރުން ދަށުގެ ބައެއް ފަރާތްތަކަށް އަހަރެއްހާ ދުވަހުގެ ލަސްވުމެއް މެދުވެރިވި ނަމަވެސް، މިއީ އެތައް އަހަރެއް ވަންދެން އިންތިޒާރުކުރަމުން އަންނަ ދޮށީ ޢުމުރުގެ ގިނަ ރައްޔިތުންނަށް ލިބުނު ބޮޑު އުންމީދެކެވެ. ޙައްޖު ކޯޕަރޭޝަނުން ބުނި ގޮތުގައި، މި ފިޔަވަޅުގެ ސަބަބުން ރާއްޖެއަށް ލިބޭ ކޯޓާގެ ބޭނުން އެންމެ ފުރިހަމައަށް ހިފި، ކިއުގައި ތިބި ދުވަސްވީ މީހުންގެ ޢަދަދު މަދުވެ، ކުރިއަށް އޮތް ތަނުގައި ކިއު ޒުވާން ޢުމުރުފުރާތަކަށް ބަދަލުވެގެން ދިއުމަށް މަގުފަހިވާނެއެވެ. އަދި ކިއުގެ އިންތިޒާމުތައް ހަރުދަނާވެ، ކުރިއަށް އޮތް ތަނުގައި ހުރިހާ ޢުމުރުފުރާއަކަށްވެސް ފުރުޞަތުތައް އަވަހަށް ތަނަވަސްވުމުގެ ފައިދާ ޢާންމު ގޮތެއްގައި ކިއުގައި ތިބި ހުރިހާ ފަރާތްތަކަށްވެސް ކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!