ފްރާންސްގެ ގައުމީ ޓީމަށް ކުޅެނިކޮށް އެ ޓީމުގެ ކެޕްޓަން ކީލިއަން އެމްބާޕޭގެ ވާތްފަރާތު ކަކުލަށް އަނިޔާވެ ދެ ހަފުތާއަށް ކުޅުމާ ދުރަށް ދާންޖެހުނު ނަމަވެސް، ލީގު އަލުން ފަށާއިރު ބާސެލޯނާއާ ދެކޮޅަށް ކުޅޭ 'އެލް ކްލާސިކޯ' މެޗަށް އޭނާ ފިޓްވާނެ ކަމަށް ބެލެވޭ ކަމަށް ރިއާލް މެޑްރިޑުން ބުނެފިއެވެ.
ރިއާލް މެޑްރިޑުން ނެރުނު ބަޔާނެއްގައި ބުނީ، އެ ކްލަބުގެ މެޑިކަލް ޑިޕާޓްމަންޓުން މިއަދު އެމްބާޕޭ ހެދި ޓެސްޓުތަކުން، އޭނާގެ ވާތްފަރާތު ކަކުލުގެ ފަހަތުގެ ކެޕްސޫލް ހައިޕާއެކްސްޓެންޑްވެފައިވާ ކަން ކަށަވަރުވެފައިވާ ކަމަށެވެ. މިއީ ތުރުކީއާ ދެކޮޅަށް ފްރާންސް ކުޅުނު މެޗުގައި އޭނާއަށް ލިބުނު އަނިޔާއެކެވެ.
އިސްތަންބޫލްގެ ދެކުނުއިރުމަތިން 100 ކިލޯމީޓަރު (60 މޭލު) ދުރުގައިވާ އިޒްމިޓްގެ ކޮޖައެލީ ސްޓޭޑިއަމްގައި ހުކުރު ދުވަހު ކުޅުނު މެޗުގައި ފްރާންސުން 1-0 އިން ތުރުކީ ބަލިކުރި މެޗުގެ ފުރަތަމަ ލަނޑު އެމްބާޕޭ ޖެހިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އޭނާ ވަނީ ދަނޑުން ބާލައިފައެވެ. މިއީ ގައުމީ ޓީމަށް އޭނާ ޖަހައިދިން 67 ވަނަ ލަނޑެވެ. އެ ލަނޑަށް ފަހު ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަން އައި ވަގުތު އެމްބާޕޭއަށް ތަދު އިހުސާސްވި ކަން މޫނުމަތިން ފެނުނުއިރު، ފަރުވާ ދިނުމަށް ފަހުވެސް ކުޅުން ކުރިއަށް ގެންދެވޭތޯ އޭނާ މަސައްކަތް ކުރިއެވެ. ނަމަވެސް، ކަކުލުގެ ބޭރުފަރާތުގައި އަތްލަމުން ދަނޑުމައްޗަށް ވެއްޓުމާ ގުޅިގެން އޭނާގެ ބަދަލުގައި ދަނޑަށް ނެރުނީ ޑެސިރޭ ޑުއޭ އެވެ.
ފްރާންސްގެ އާ ކޯޗު ޒައިނުއްދީން ޒިދާން ބުނީ އެމްބާޕޭއާ މެދު އެއްވެސް ރިސްކެއް ނަގަން ބޭނުންނުވާ ކަމަށެވެ. އަދި ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ކުޅޭ ނޭޝަންސް ލީގުގެ ތިން މެޗުގައިވެސް އެމްބާޕޭ ބޭނުން ނުކުރާނެ ކަމަށް އޭނާ ވަނީ ކަށަވަރުކޮށްދީފައެވެ.
ނޭޝަންސް ލީގުގައި ފްރާންސުން ހޯމަ ދުވަހު ނުކުންނާނީ ބެލްޖިއަމްއާ ދެކޮޅަށް ރަށުން ބޭރުގައެވެ. އޭގެ ފަހުން އޮކްޓޯބަރު 2 އަދި 5 ވަނަ ދުވަހު ސްޓޭޑް ދެ ފްރާންސްގައި އެ ޓީމު ނުކުންނާނީ އިޓަލީ އާއި ބެލްޖިއަމްއާ ދެކޮޅަށެވެ.
އިންޓަނޭޝަނަލް ބްރޭކަށް ފަހު އޮކްޓޯބަރު 10 ވަނަ ދުވަހު ވިއްޔާރިއާލްއާ ދެކޮޅަށް ރިއާލް މެޑްރިޑް ކުޅޭ ފުރަތަމަ މެޗަށް އެމްބާޕޭ ފިޓްވުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށް ބެލެވުނު ނަމަވެސް، އޮކްޓޯބަރު 25 ވަނަ ދުވަހު ބާސެލޯނާއާ ދެކޮޅަށް ކުޅޭ 'އެލް ކްލާސިކޯ' މެޗަށް އޭނާ މުޅިން ފިޓްވާނެ ކަމަށް ސްޕެއިންގެ ނޫހެއް ކަމަށްވާ 'އޭއެސް' އިން ވަނީ ރިޕޯޓުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!