މިފްކޯގެ އިތުރުން އަމިއްލަ ކުންފުނިތަކުންވެސް 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޭން ފަށާފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ "އަހާ" ފޯރަމްގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި މަސްވެރިކަމުގެ ސިނާއަތުން ހާސިލްކުރެވުނު ކާމިޔާބީތަކަށް އަލިއަޅުއްވާލައްވައި ވާހަކަދައްކަވަމުންނެވެ.
"އަހާ" ފޯރަމުގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، ސަރުކާރު ބަދަލުވިއިރު މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ 250 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދައްކައި ހުރި ކަމަށާއި، އެއިރު އެ ފައިސާ ދެއްކޭނެ ގޮތެއްވެސް މިފްކޯގައި ނެތް ކަމަށެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެބުރުގެ ވޯޓުލުމުގެ ދޭތެރޭގައި މަސް ކިރުވާ އަގު ކިލޯއެއް 25 ރުފިޔާއަށް ބޮޑުކުރުމުގެ ސަބަބުން، މިފްކޯގެ އިތުރުން މަސް ގަންނަ އަމިއްލަ ކުންފުނިތަކަށްވެސް މަސްގަތުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހުނުކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވެރިކަން ބަދަލުވިއިރު މަސްވެރިކަން ހުއްޓައިލުމަށްފަހުވެސް ކިރުވި މަހަށް ލިބެންޖެހޭ ފައިސާ ނުލިބިގެން މަސްވެރިން ގަނަތެޅެންޖެހުނުކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، އެ ހުރިހާ ފައިސާއެއް މި ސަރުކާރުން ދައްކައި ހަލާސްކުރުމަށްފަހު މަސްވެރިންނަށް 48 ގަޑިއިރު ތެރޭ ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސެވި ކަމަށެވެ.
އެއިރު އޮތް ބެކްލޮގް އެއްކޮށް ކްލިއާކުރެއްވީ ރައީސް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރެއްވި މަސައްކަތްޕުޅުންކަމަށާއި، އަދި އެމަނިކުފާނު މަސްވެރިންނަށް ވެވަޑައިގެންފަ އޮތް މިފްކޯއަށް ކިރުވާ މަހަށް 48 ގަޑިއިރު ތެރޭ ފައިސާ ދެއްވާނެ ކަމުގެ ވައުދުފުޅު ވެސް ފުއްދަވަން ފައްޓަވާފައިވާކަމަށް ޝިޔާމް ވިދާޅުވިއެވެ.
''މީގެ ކުރިން މިފްކޯއިންވެސް ފައިސާ ނުދީ އޮތުމުގެ ނަތީޖާއަކަށްވީ ޕްރައިވެޓް ކުންފުނިތަކުންވެސް އެގޮތަށް ކޮންމެވެސް މިންވަރަކަށް އަމަލުކުރަން ފެށުން. ނަތީޖާއަކަށްވީ މަސްވެރިން ޕްރައިވެޓް ކުންފުންޏަކަށް މަސް ކިރުވިޔަސް މިފްކޯއަށް މަސް ކިރުވިޔަސް ފައިސާ ނުލިބުން. އެހެންނަމަވެސް މިއަދު އަޅުގަނޑުމެންނަށް ލިބޭ ހިތްހަމަޖެހުމަކީ، 48 ގަޑިއިރު ތެރޭ މިފްކޯއިން މަސްވެރިންނަށް ފައިސާ ދޭން ފެށުމާއެކު ޕްރައިވެޓް ކުންފުނިތަކުންވެސް އެގޮތަށް އަމަލުކުރަން ފަށައިފި،" ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސްގެ ވައުދުފުޅާ އެއްގޮތަށް މިފްކޯއިން މަސް ގަންނަ އަގު 20 ރުފިޔާއަށްވުރެ ކުޑަނުވާނެހެން ހަމަޖައްސައި، މިހާރު 22 ރުފިޔާއަށް މަސް ގަންނަމުންދާއިރު އަމިއްލަ ކުންފުނިތަކުންވެސް އެ އަގުގައި މަސް ގަންނަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި 48 ގަޑިއިރު ތެރޭ ފައިސާ ދޭން ފެށިފަހުން 1.3 ބިލިއަން ރުފިޔާ އަދި މި ސަރުކާރުގައި ޖުމްލަ 2.3 ބިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވެއެވެ.
މަސްވެރިންނަށް ފަސޭހައިން ކްރެޑިޓަށް ތެޔޮ ލިބޭނެ އިންތިޒާމު މިފްކޯ މެދުވެރިކޮށް ހަމަޖައްސައިދީފައިވާއިރު، މިފްކޯގެ ފެސިލިޓީތަކުން އެފްއެސްއެމް މެދުވެރިކޮށް ތެޔޮ ވިއްކަން ފެށުމުން މަސްވެރިންނަށާއި މިފްކޯއަށް ބޮޑެތި ލުއިތަކެއް ލިބިގެން ގޮސްފައިވައިވާކަން ވެސް ޝިޔާމް ވަނީ ފާހަގަކުރަށްވާފައެވެ.
މީގެއިތުރުން، ސަބްސިޑީ ނުދީ މަސް ގަންނަން ފެށުމާއެކު ސިނާއަތް ތަރައްގީކުރުމުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށާއި، މަސްވެރިންނަކީ ދައުލަތުން ބަލައިގަންނަ ބަޔަކަށް ހަދައި ބޭންކިން ނިޒާމުގެ ތެރެއަށް ވެއްދުމުން އެހެން ވަޒީފާތަކަށް ދިޔަ ގިނަ ބަޔަކު އަނބުރާ މަސްވެރިކަމަށް ރުޖޫއަވަމުންދާކަން ވަޒީރު ޝިޔާމް ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!