ފުލުހުންގެ ޚިދުމަތް ހަރުދަނާވުމަކީ ދިވެހި ރައްޔިތުންނަށާއި، ދިވެހި ފަސްގަނޑުގައި ފައި ބީއްސާ ކޮންމެ ބިދޭސީއަކަށާއި، އަދި ދުނިޔޭގެ ކުރިމަތީގައިވެސް މި ޤައުމުގެ އިތުބާރާއި ޤަދަރު ހިފެހެއްޓުމަށް ނުހަނު މުހިންމު ކަމެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެހާރާއި މިހާރުގެ ޚިދުމަތްތެރީންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ.
''ފުލުހުންގެ ޚިދުމަތް ހަރުދަނާވުމަކީ، ދިވެހި ރައްޔިތުންނަށާއި، މި ފަސްގަނޑުގައި ފައި ބީއްސާ ކޮންމެ ބިދޭސީއަކަށާއި، އަދި ދުނިޔޭގެ ކުރިމަތީގައިވެސް މި ޤައުމުގެ އިތުބާރާއި ޤަދަރު ހިފެހެއްޓުމަށް މުހިންމު ކަމެއް.'' ރައީސް ވިދާޅުވެފަވެއެވެ.
އެމަނިކުފާނު ވަނީ ދިވެހި ފުލުހުން މި ޢަޒުމާއި މި ރޫޙުގައި، މި އަމާޒު ހާސިލުވާކަން ކަށަވަރުކޮށްދިނުންމަތީ، އަބަދުމެ ހިންމަތާއި އިޚްލާޞްތެރިކަމާއެކު ދެމިތިބުމަށް އިލްތިމާސްކުރައްވާފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތަށް 22 އަހަރު
ރާއްޖޭގައި ފުލުހުންގެ ޚިދުމަތް އެންމެ ފުރަތަމަ ތަޢާރަފުކުރެވުނީ 1933 ވަނަ އަހަރު ނަމަވެސް، ވަކި މަދަނީ މުއައްސަސާއެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ޚިދުމަތް ޤާއިމުކުރައްވާފައިވަނީ 1 ސެޕްޓެންބަރު 2004 ގައެވެ. އެހެންކަމުން މިއަދަކީ ފުލުހުންގެ ޚިދުމަތް ވަކި މުއައްސަސާއެއްގެ ގޮތުގައި ހިންގަންފެށިތާ 22 އަހަރު ފުރުނު، ފަޚުރުވެރި 'ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހެވެ.'
މިއަދު ދިވެހި ފުލުހުންގެ ޚިދުމަތަކީ 'ކޮމިއުނިޓީ ޕޮލިސިންގ' ނުވަތަ ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމުގެ ފަލްސަފާއަކީ، ޚިދުމަތުގެ މައިގަނޑު ސިޔާސަތެއް ކަމުގައި ދެކިގެން ކުރިއަށްގެންދާ ޚިދުމަތެކެވެ. މިއަދު ފެންނަ ނޫ ކުލައިގެ ފުލުހުންގެ ޔުނީފޯމާއި ފުލުހުންގެ ބެޖުގެ ފަހަތުގައިވަނީ އެތައް ބައެއްގެ މިންނެތް މަސައްކަތާއި، އެތައް ޖީލެއްގެ ޤުރުބާނީއެވެ.
ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރަމުންދާއިރު، މިއީ ހަމައެކަނި މާޒީގެ ވާހަކަ ދައްކަންވީ ދުވަހެއް ނޫން ކަމަށާއި، މުއައްސަސާއެއްގެ ގޮތުގައި ފުލުހުން ކަޑައްތުކުރި ރާސްތާއާއި، ކުރިމަގުގައި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތުގެ ފެންވަރާމެދު ފުންކޮށް ވިސްނާލަންޖެހޭ މުހިންމު މުނާސަބަތެއް ކަމަށްވެސް ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!