އީރާނާ ދެކޮޅަށް އެމެރިކާއިން ކުރިއަށްގެންދާ ފުޅާ ދާއިރާއެއްގެ އަސްކަރީ އޮޕަރޭޝަންތައް އިތުރަށް ދިގުލައިގެން ދިއުމަކީ ދެމެހެއްޓެނިވި ކަމެއް ނޫން ކަމަށާއި، މީގެ ސަބަބުން އެހެން ސަރަހައްދުތަކުން ކުރިމަތިވާ ނުރައްކާތަކާއި އެމެރިކާގެ ދިފާއަށް ބުރޫއަރައި، އަސްކަރީ ބާރު ދެރަވެދާނެ ކަމުގެ އިންޒާރު އެމެރިކާގެ އިސް އަސްކަރީ ވެރިން ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތަށް ދެއްވައިފި އެވެ.
މިކަން ހާމަކޮށްފައިވަނީ ވޮޝިންގޓަން ޕޯސްޓުން ޝާއިއުކުރި ހާއްސަ ރިޕޯޓެއްގައެވެ.
ޑިފެންސް ސެކްރެޓަރީއަށް އެރުވި ކްލެސިފައިޑް އެސެސްމެންޓަކާ ހަވާލާދީ އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އިންޒާރުތައް ހިމަނާފައިވަނީ އޮގަސްޓް 14 ގެ "ސެކްރެޓަރީ އޮފް ޑިފެންސް އޯޑާސް ބުކް" ގައެވެ. މި އެސެސްމެންޓް އެކުލަވާލުމުގައި އެމެރިކާގެ އާމީ، ނޭވީ، އަދި އެއާފޯސްގެ ވެރިންގެ އިތުރުން ޔޫރަޕް، އޭޝިއާ އަދި ލެޓިން އެމެރިކާ ސަރަހައްދު ބަލަހައްޓާ ކޮމާންޑަރުން ވަނީ ބައިވެރިވެފައެވެ.
އަސްކަރީ އިސް ވެރިންގެ މައިގަނޑު ކަންބޮޑުވުމަކީ މިހާރު ގާތްގަނޑަކަށް ހަމަސް ދުވަސްވެފައިވާ މި ކެމްޕޭނަކީ "މާ ދިގުލައި، މާ ބުރަ ބޮޑުވެފައިވާ" ކަމަކަށް ވުމެވެ. މި އޮޕަރޭޝަން ނިމުމަކަށް އަންނާނެ ސާފު މަންޒިލެއް ނެތި، އިތުރަށް ސިފައިންނާއި ހަތިޔާރު މެދުއިރުމައްޗަށް ފޮނުވަމުންދާތީ ބައެއް ޖެނެރަލުންނާއި އެޑްމިރަލުން ވަނީ ސީދާ ގޮތެއްގައި ދެކޮޅުހައްދަވާފައެވެ. މިގޮތުން ނޭވީގެ އިސް އެޑްމިރަލާއި، ޔޫކޮމް، ޕާކޮމް އަދި ސައުތުކޮމްގެ ކޮމާންޑަރުން ވަނީ ބާރުތައް ދިގުދަންމާލުމާ ދެކޮޅަށް ރަސްމީކޮށް "ނޮން-ކޮންކާ" ނުވަތަ ދެކޮޅުކަން ރެކޯޑުކުރައްވާފައެވެ. އަދި އާމީ އާއި އެއާފޯސްގެ ވެރިން އަމުރަށް އެއްބަސްވި ނަމަވެސް ބޮޑެތި ނުރައްކާތަކެއް ހުރިކަން ވަނީ ފާހަގަކުރައްވާފައެވެ.
މި އެސެސްމެންޓުގައި ފާހަގަކޮށްފައިވާ ދަތިތަކުގެ ތެރޭގައި ނޭވީގެ ތައްޔާރީ ހާލަތު ދަށްވުމާއި، ހަތިޔާރާއި ރީޕާ ޑްރޯން ފަދަ ޖާސޫސީ ވަސީލަތްތައް މަދުވުން ހިމެނެއެވެ. އަދި 50،000 އަށްވުރެ ގިނަ ސިފައިން ހައި އެލާޓުގައި ތިބެންޖެހުމާއި، މަނަވަރުތަކާއި ސިފައިން މެދުއިރުމައްޗަށް ބަދަލުކުރުމުގެ ސަބަބުން އެހެން ސަރަހައްދުތަކުގެ ތަމްރީނުތަކަށާއި ދިފާއީ އޮޕަރޭޝަންތަކަށް ބޮޑެތި ހުރަސްތަކެއް ވަނީ އެޅިފައެވެ.
ހޮރުމުޒް ކަނޑުއޮޅީގެ ނުތަނަވަސްކަމާއި އިތުރު އަސްކަރީ ފިޔަވަޅުތަކެއް އެޅުމުގެ ފުރުސަތު އޮތްއިރު، ފެބުރުއަރީ 2026 ގައި ފެށި މި ކެމްޕޭން ނިމޭނެ ސާފު ތާރީޚެއް ނެތުމަކީ ބޮޑު ގޮންޖެހުމެކެވެ. އެ ނޫހަށް މައުލޫމާތު ދިން ފަރާތްތަކުން ބުނާ ގޮތުގައި އަސްކަރީ ވެރިން އާންމުކޮށް ވެސް ނުރައްކާތަކާ މެދު މަޝްވަރާ ކުރި ނަމަވެސް، މިފަހަރުގެ އިންޒާރުތަކުގެ ސީރިއަސްކަން މާ ބޮޑެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!