އީރާނުގެ މިނިސްޓްރީ އޮފް ރޯޑްސް އެންޑް އާބަން ޑިވެލޮޕްމަންޓްގެ ދަށުން މުޅި ޤައުމުގައި ހިންގި 130،000 އަށް ވުރެ ގިނަ ހައުސިންގ ޔުނިޓާއި 1،485 ތަރައްޤީގެ މަޝްރޫޢެއް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
ސަރުކާރު ހަފްތާއާ ދިމާކޮށް ކުރިއަށް ގެންދިޔަ މި ހަރަކާތްތައް އިފްތިތާޙުކޮށްދެއްވީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާން ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މަސްޢޫދު ޕެޒެޝްކިއާން ވިދާޅުވީ، މި މަޝްރޫޢުތަކަކީ އުމްރާނީ ވަސީލަތްތައް ފުޅާކުރުމަށާއި، ބޯހިޔާވަހިކަން ތަރައްޤީކުރުމަށް އަދި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
އީރާނުގެ ރޯޑްސް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރ ފަރްޒާނޭ ސާދިޤް ހާމަކުރެއްވި ގޮތުގައި، އަލަށް ހުޅުވުނު ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރޭގައި ޖުމްލަ 130،295 ރެސިޑެންޝަލް ޔުނިޓް ހިމެނެއެވެ. މީގެ ތެރޭގައި ޝަހަރުތަކުގައި ޤާއިމުކުރެވުނު 86،836 ޔުނިޓާއި، އަވަށްތަކުގައި ޤާއިމުކުރެވުނު 43،459 ޔުނިޓް ހިމެނެއެވެ. މީގެ އިތުރުން 'ފެމިލީ ސަޕޯޓް އެންޑް ޕޮޕިއުލޭޝަން ޔޫތު ޕްލޭން' ގެ ދަށުން ގާތްގަނޑަކަށް 24،075 ބިމުގެ ޕްލޮޓް ދޫކުރުންވެސް މި ހަރަކާތުގެ ތެރޭގައި ހިމެނެއެވެ.
ހަމައެއާއެކު، ޖުމްލަ 214 ޓްރިލިއަން ތޯމާން އަށް ވުރެ އަގުހުރި 1،485 މަޝްރޫޢެއް ވަނީ އިފްތިތާޙުކޮށްފައެވެ. އޭގެ ތެރޭގައި 213 ޓްރިލިއަން ތޯމާންގެ އަގުހުރި ދަތުރުފަތުރާ ގުޅޭ 1،386 މަޝްރޫޢަކާއި، އާބަން ރީޖެނެރޭޝަންގެ 6 މަޝްރޫޢަކާއި، މޫސުމާ ބެހޭ 52 މަޝްރޫޢުގެ އިތުރުން އެހެނިހެން ދާއިރާތަކުގެ 35 މަޝްރޫޢު ހިމެނެއެވެ.
ފާހަގަކޮށްލެވޭ މުހިންމު މަޝްރޫޢުތަކުގެ ތެރޭގައި ތަބްރީޒް-ސޫފިއާން އަދި މަރާޣޭ-ހަޝްތުރޫދް ފްރީވޭގެ ބައިތަކާއި، ނޯޝަހްރާއި އަމީރްއާބާދު ބަނދަރުތަކަށް ބޭނުންވާ މެރިޓައިމް ރެސްކިއު އުޅަނދުތައް ހިމެނެއެވެ. އަދި މަގުތަކުގެ ސަލާމަތީ ކަންކަން ރަނގަޅުކުރުމާއި ތާރުއެޅުމުގެ މަސައްކަތްތަކުގެ އިތުރުން މާޒަންދަރާން ފަދަ ސަރަޙައްދުތަކުގައި ކުރިއަށްދިޔަ ހައުސިން އަދި ދަތުރުފަތުރުގެ މަޝްރޫޢުތައްވެސް ހިމެނެއެވެ.
އިޤްތިޞާދީ ގޮންޖެހުންތަކާ އެކުވެސް، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއެކު އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށާއި، ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކޮށް އުތުރާއި ދެކުނު އަދި އައްސޭރިފަށުގެ ޓްރާންސިޓް ކޮރިޑޯތައް ތަރައްޤީކުރުމަށް މިނިސްޓްރީން ދަނީ އިސްކަންދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!